އެލްޖީއޭގެ ރައީސަކަށް ހޯމް މިނިސްޓަރު ޢިމްރާން ހަމަޖައްސަވައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސަކަށް ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެމަޤާމަށް ހަމަޖެއްސެވީ މިނިސްޓަރ އޮފް ހޯމް އެފެއާޒު އައްޝައިޚް ޢިމްރާން ޢަބްދުﷲ އެވެ.

އެލްޖީއޭއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ދެން ޖަވާބުދާރީވެވަޑައި ގަންނަވާނީ ވެސް ހޯމް މިނިސްޓަރު ޢިމްރާނެވެ. ޢިމްރާން އެމަޤާމަށް ހަމަޖައްސަވައިފައިވަނީ ޑިސެމްބަރު 20 ވަނަދުވަހުއެވެ.

ލާމަރުކަޒީ ޤާނޫނުގެ 63 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ވަޒީރެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާ ވަޒީރެއްގެ ގޮތުގައި މިނިސްޓަރ އޮފް ހޯމް އެފެއާރޒްގެ އިތުރުން މިނިސްޓަރ އޮފް އެޑިޔުކޭޝަނާއި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ވެސް ރައީސުލްޖުމުހޫރިއްޔާ ހަމަޖައްސަވާފައިވެއެވެ.

ލޯކަލްގަވަރމަންޓް އޮތޯރިޓީއަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ހިނގަމުންދާގޮތް ބަލައި ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި އުފައްދަވާފައިވާ ޤައުމީ މުއައްސަސާއެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.