ސަރުކާރުގެ ސިޔާސަތުތަކާއި ތަޞައްވުރުގައި ޢަމަލީ ހެދުން އަޅުވައިދޭ ބަޔަކީ ވިޔަފާރިވެރީން: ޢައްބާސް އިބްރާހީމް

ސަރުކާރުގެ ސިޔާސަތުތަކާއި ތަޞައްްވުރުގައި ޢަމަލީ ހެދުން އަޅުވައިދެނީ ވިޔަފާރިވެރީން ކަމުގައި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމް ވިދާޅުވެއްޖެއެވެ. ޢައްބާސް މިހެން ވިދާޅުވީ ބްލޭޒަންގެ ފަރާތުން އިންތިޒާމްކޮށްެން ބޭއްވި މޯލްޑިވްސް ބިޒިނަސް އެވޯޑް ޙަފްލާގެ ޝަރަފުވެރި މެހެމާނެއްގެ ޙައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުންނެވެ. ޢައްބާސް ވިދާޅުވީ "ޤައުމު ބިނާކުރަމުގައި، އަދި ޤައުމު ތަރައްޤީ ކުރުމުގައި ސަރުކާރުން ކުރާ ކަމަކީ ސިޔާސަތު ކަނޑައެޅުން. ނުވަތަ ތަޞައްވުރު ކަނޑައެޅުން.  އެ  ތަސައްވުރުގެ ޢަމަލީ ހެދުމެއް އަޅުވައިދެނީ ވިޔަފާރިވެރީން." ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރަކީ ވިޔަފާރި ކުރާ ބައެއް ނޫން ކަމަށާއި ސަރުކާރުން ނިންމަވާ ކަަންކަން ފުރިހަމަ ކުރާނީ ވިޔަފާރިވެރިން ކަމަށެވެ.

ވިޔަފާރިވެރީންނަކީ ޤައުމު ބިނާކުރުމުގައްޔާއި ތަރައްޤީ ކުރުމުގައި ވަރަށް މުހިއްމު ބައެއް އަދާކުރާ ބައެއްކަން ފާހަގަކުރައްވަމުން ކުރިއަރާފައިވާ ޤައުމުތަކުގެ ލީޑަރުންވެސް އެގޮތަށް އެކަން ފާހަގަކުރައްވާ ކަމަށް ޢައްބާސް ވިދާޅުވިއެވެ. އެގޮތުން ޗައިނާގެ ރައީސް މީގެ އަހަރެއްހައި ދުވަސްކުރީން ދެއްވި ތަޤުރީރެއްގައި ވިދާާޅުވި ވާހަކަފުޅަކަށް އަލިއަޅުއްވައިލެއްވިއެވެ.

"ޗައިނާގެ ރައިސް ޝީ ޖިންގޕިން ދެއްވި ތަޤްރީރެއްގައި ސިފަކުރައްވާ ގޮތުގައި  ޤައުމެއްގެ އިގްތިސާދީ އަދި އިޖްތިމާޢީ ހަމަޖެހުމުގައި، އަދި ކުރިއެރުމުގައި ފެންނަ އަތަކާއި ނުފެންނަ އަތެއް އޮންްނަ ކަމަށް. އޭގެ ތެރެއިން ފެންނަ އަތަކީ ސަރުކާރު. ނުފެންނަ އަތަކީ ވިޔަފާރިވެރިން، އެމީހުންގެ މާކެޓް"، ޢައްބާސް ވިދާޅުވިއެވެ.

އެ ވިދާޅުވުމުން މިސާލު ނަންގަަވަމުން ޢައްބާސް ވިދާޅުވީ ސަރުކާރުން ނިންމަވާ އަދި ވަޢުދުކުރައްވާ ކަަންކަން ފުރިހަމަކޮށްދޭ ފަރާތަކީ ވިޔަފަރިވެރީން ކަމަށެވެ. އަދި ސަރުކާރަކީ ވިޔަފަރިކުރާ ބައެއް ނޫންކަމަށާއި، ވިޔަފާރިކުރާ މީހުންނަކީ، އަދި ސަރުކާރުގެ ކަންތައްތަކާއި ރައްޔިތުން އެދޭ ކަންތައްތައް ވެސް ހަމަޖައްސައިދޭ ނުވަތަ ފުއްދައިދޭ ބަޔަކީ ވިޔަފާރިވެރީން ކަން ފާހަގަކުރެއްވިއެވެ.

ވިޔަފާރިވެރީން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް އިނާމު ދޭން ފެށުމުން އެކަން އިންތިޒާމް ކުރި ފަރާތް ކަމުގައިވާ ބްލޭޒަން ކޮމްޕެނީ އަށް ޢައްބާސް ތައުރީފުކުރެއްވިއެވެ. "ވިޔަފާރިވެރީން ކުރާ މަަސައްކަތް  މިނެކިރައި، އޭގެ ތެރެއިން އެންމެ ރަނގަޅީ ކޮންބައެއްތޯ، އެންމެ ކުރިއަރަމުން ދަނީ ކޮންބައެއްތޯ ބަލައި، އެކަންތައް އެކުރަނީ ވަރަށް ޒިއްމާާދާރު ބައެއް. ވަރަށް ޤައުމަށް ހެޔޮ އެދޭ ބައެއް. އާދެ! އެގޮތުން  ބްލޭޒަން ކުންފުނި އަޅުގަނޑުމެންނަށް މިފަހަރު މިދެއްކެވީ ވަރަށް ރިތި މިސާލެއް." ޢައްބާސް ވިދާޅިވިއެވެ. އަދި އެބޭފުޅުންގެ އެ މަސައްކަތުން، ކުރިއަށްް އޮތް ތާނގައި ވިޔަފާރިއަށް ރަނގަޅުު ކަންތައްތަކެއް އަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނަށް އެބައޮތް ކަމަށް ވެސް ޢައްބާސް ވިދާޅުވިއެވެ.

ވިޔަފާރިވެރީންގެ މަސައަކަތަކީ ހަމައެކަނި އަމިއްލަ ފައިދާ އަށް ކުރާ މަސައްކަތް ކަމުގައި ވިސްނައިގެން ނުވާނެ ކަމަށާއި ކަމެއް ދެމެހެއްޓޭނީ އޭގެ ފައިދާ އޮވެގެން ކަމަށް ޢައްބާސް ވިދާޅުވިއެވެ. ވިޔަފާރިވެރީން ކުރާ މަސައްކަތާއި ގެންގުޅޭ މީހުންގެ ޚަރަދުތައް ބަލަހައްޓަންޖެހޭނެ ކަން ފާހަގަކުރައްވައި ޢައްބާސް ވިދާޅުވީ ވިޔަފާރިވެރީންގެ މަސައްކަތަކީ ޤައުމުގެ ތަރައްޤީއަށްޓަކައި އަދި ރައްޔިތުންގެ މަސްލަހަތަށްޓަކައި ކުރާ ޤައުމީ މަސައްކަތެއްކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުން ކުރައްވާ މަސައްކަތަކީ ވެސް ޤައުމީ މަސައްކަތެއް ކަމުގައި ވިދާޅުވިއެވެ.

އެހެންކަމުން ދެފަރާތުގެ ވެސް މަޤްޞަދަކަށް ވާންވާނީ ރައްޔިތުންނަށް އެންމެ ފައިދާ ހުރިގޮތަށް، ރާއްޖެއަަށް އެންމެ ރަނގަޅު ގޮތަށް، ޤައުމަށް އެންމެ މަޞްލަޙަތު ހުރިގޮތަށް މަސައްކަތް ކުރުން ކަމަށް ޢައްބާސް ވިދާޅުވިއެވެ. އެގޮތުން "ސަރުކާރުގެ ބޭނުމަށް ވިޔަފާރިވެރީން ހިފޭ ގޮތެއް، ނުވަތަ ސަރުކާރުގެ ބޭނުނަމަކަށް ވިޔަފާރިވެރީން ގެންގުޅެވޭ ގޮތަކަށް، ނުވަތަ ވިޔަފާރިވެރީންގެ ބޭނުމަކަށް ސަރުކާރުގެ ގެންގުޅެވޭ ގޮތަކަށް، މިހެން އޮވެގެންއް ނުވާނެ. ސަރުކާރަކީ ވެސް ރައްޔިތުންނަށް ޓަކައި މަސައްކަތް ރާ ބައެއްް. ވިޔަފާރިވެރިންނަކީ ވެސް  ރައްޔިތުންނަށްޓަކައި މަސައްކަތް ކުރާ ބައެއް" ކަމަށް ޢައްބާސް ވިދާޅުވިއެވެ. އެއްވެސް ފަރާތަކީ އަނެއް ފަރާތުގެ އަޅަކަށް، ނުވަތަ މުއައްޒަފަކަށް ވެގެން މަސައްކަތް ކުރާގޮތް ވެއްޖެނަމަ ރައްޔިތުންނާއި ޤައުމުގެ ކަންކަން މަޑުމަޑުން ބޮއްސުންލައިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޢައްބާސްގެ ވާހަކަފުޅުގައި ވޭތުވެދިޔަ 25 އަހަރު ރާއްޖޭގެ ވިޔަފާރި ވަރަށް ބޮޑަށް ކުރިއަރައި ތަރައްޤީވެފައިވާ ކަން ވެސް ފާހަގަކުރެއްވިއެވެ. އެގޮތުން ޖީޑީޕީގައި ވިޔަފާރިވެރީންގެ ޙިއްސާ އެތައް ގުނައެއް އިތުރުވެފައިވާ ކަން ވެސް ފާހަގަކުރެއްވިއެވެ. އަދި ހަމައެހެންމެ ވަޒީފާގެ މާޙައުލުގައި ވެސް ކުރީން އެންމެ ގިނަ ވަޒިފާ އޮންނަނީ ސަރުކާރުގައި ނަމަވެސް މިހާރު އެކަންވެސް ބަދަލުވެފައިވާ ކަން ފާހަގަކުރެއްވިއެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.