ރައީސް އިބްރާހީމްގެ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް ޖަޕާނުން އެހީވާނެ

ރާއްޖޭގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ކުރައްވާ ތަޞައްވަރު ޙަޤީޤަތަކަށް ހެދުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތަށް ޖަޕާނު ސަރުކާރުން އެހީވެދެއްވާނެ ކަމުގެ ޔަޤީންކަން އެ ޤައުމުން ވިދާޅުވެއްޖެއެވެ.

އެ ޤައުމުން މިކަން ހާމަކުރައްވައިފައިވަނީ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފިނޭންސް، ތާރޯ އާސޯ އެވެ. އެމަނުކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ވަޒީރު، ޢަބްދުﷲ ޝާހިދު، ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނާއެކު ބޭއްވެވި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުން އޮތީ ޖަޕާނުގެ މިނިސްޓްރީ އޮފް ފިނޭންސްގައެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ޖަޕާނުގެ ސަރުކާރުން ރާއްޖެއާމެދު ބަހައްޓަވާ ގާތް ގުޅުމާބެހޭ ގޮތުން ވާހަކަ ދައްކަވައިފައެވެ. އަދި އެކަމަށްޓަކައި ޖަޕާން ސަރުކާރަށް އެމަނިކުފާނު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މިނިސްޓަރ ޝާހިދުގެ މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ފިނޭންސް، އިބްރާހީމް އަމީރާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، އަލްއުސްތާޛް ފައްޔާޟް އިސްމާޢީލާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޚަލީލާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި ޓޯކިއޯގައި ހުންނަ ދިވެހި އެމްބަސީގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޝާހިދުގެ މިދަތުރުފުޅުގައި ވަނީ ޖަޕާނުގެ މިނިސްޓަރ އޮފް އިކޮނޮމީ، ޓްރޭޑް އެންޑް އިންޑަސްޓްރީ، ހިރޮޝިގޭ ސެކޯ އާ ވެސް ބައްދަލުކުރައްވައިފައެވެ. ޝާހިދުގެ މިދަތުރުފުޅަކީ މިމަހުގެ 19 އިން 24 އަށް ޖަޕާނަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.