ސިޓީ ކައުންސިލުގެ ބާރުތައް އަލުން ކަނޑައަޅުއްވައިފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ސިޓީ ކައުންސިލުގެ ބާރުތަކާއި، ސިޓީ ކައުންސިލުން ދޭ ޚިދުމަތްތައް، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން، ރައީސުލްޖުމްހޫރިއްޔާ އަލުން ކަނޑައަޅުއްވައިފިއެވެ.

މިއީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނިގެން ކުރެއްވި ކަމެކެވެ.

މިގޮތުން، ސިޓީ ކައުންސިލްގެ ބާރުތައް ކަމަށް ކަނޑައަޅުއްވާފައިވާ ކަންކަމުގެ ތެރޭގައި، އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލުގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި، މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި، ދިނުމާއި އަދި މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި އަދި މި އިންވެސްޓްމަންޓްތައް ކައުންސިލުގެ ނަމުގައި މިލްކުކުރުން ހިމެނެއެވެ.

އޭގެ އިތުރަށް ކައުންސިލުގެ ބެލުމުގެ ދަށުން ޚިދުމަތްދެވޭ ތަންތަނާއި، ކައުންސިލުގެ އުޅަނދުފަހަރާއި، މަގުތަކާއި، ޕާކު ފަދަ އާންމު ތަންތަނަށް ނަން ދިނުމާއި ނަން ބަދަލުކުރުމާއި، ސިޓީއާއި ސިޓީގައި ހިމެނޭ އަވަށްއަވަށުގެ މަގާއި ޕާކުތަކާއި މައިދާން ފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީގޮތުން ހުޅުވުމާއި ބަންދުކުރުން ހިމެނޭ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

އޭގެ އިތުރަށް ސިޓީ ކައުންސިލުން ދޭ ޚިދުމަތްތައް ކަމަށް ކަނޑައަޅުއްވާފައިވާ ކަންކަމުގެ ތެރޭގައި، ބިން ދޫކުރުމާއި ބިމާއި ޢިމާރާތްތައް ރަޖިސްޓަރީކުރުމާއި، ޢިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި، އެކިއެކި ފަރާތްފަރާތުން ބިންބިމާ ގުޅޭގޮތުން ހިންގާ އެންމެހައި މުޢާމަލާތުތަކުގެ ރެކޯޑުތައް ބެލެހެއްޓުމާއި، މިސްކިތްތައް ބެލެހެއްޓުމާއި، އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި ސަރުކާރުގެ ކަމާބެހޭ އިދާރާއިން އަންގާ ގޮތެއްގެމަތިން ތަފާސްހިސާބު ނަގައި ބެލެހެއްޓުން ވެސް ހިމެނެއެވެ. އޭގެ އިތުރަށް އެ ސިޓީއެއްގެ ރަޖިސްޓަރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި އެ ސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފުތަރު ލިޔެ ބެލެހެއްޓުމާއި، މަގުތައް ހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުން ހިމެނެއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.