މޯލްޑިވްސް ތާޑުވެ ޑިމޮކްރޭޓްސް (އެމްޓީޑީ) އާއި، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީ) އުފެއްދުމަށް ޢާއްމު ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދެއްވައިފިއެވެ.
އެމްޓީޑީއަކީ ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ނާއިބު ރައީސް އިސްމާޢީލް ޢާޞިފް އިސްވެ ހުންނަވައިގެން އުފައްދަވާ ޕާޓީއެކެވެ. އެޕާޓީން ވަނީ ޕާޓީ އުފެއްދެވުމަށް ބޭނުންވާ 3333 މީހުންގެ ފޯމާއެކު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފައެވެ. އެފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފައިވަނީ ޑިސެމްބަރު 17 ވަނަ ދުވަހުއެވެ.
އިސްމާޢީލް ޢާސިފް ވިދާޅުވީ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޖަލްސާ ބާއްވާނެ ތަނެއް ހޯދުމަށް ކަމަށެވެ. "ތަނެއް ހަމަޖެހުނުހާ އަވަހަށް ޖަލްސާބާއްވާނެ ތަނާއި ތަރީޚާއި ގަޑި އަންގާނަން،" ޢާޞިފް ވިދާޅުވިއެވެ.
އެމްޓީޑީގެ އިތުރަށް އެމްއެލްއެސްޑީ އުފެއްދުމަށް ޢާއްމު ޖަލްސާ ބޭއްވުމުގެ ހުއްދަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ދެއްވައިފައެވެ. އެޕާޓީއަކީ މަޝްހޫރު ލޯޔަރު ޢަބްދުﷲ ޙަސީން އިސްވެ ހުންނަވައިގެން އުފައްދަވާ ޕާޓީއެކެވެ.