މާފުށީ ޖަލަށް ފޯނުތަކެއް ވައްދަން އުޅުނު 4 މީހަކު އަތުލައިގެންފި

މާފުށީ ޖަލަށް ގިނަޢަދަދެއްގެ ފޯނާއި އެހެން ސާމާނުތަކެއް ވައްދަން އުޅުނު 4 މީހަކު ބަންދުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ޖަލަށް އެސާމާނު ވައްދަން އުޅުނު މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ފާސްކުރިއިރު އެމީހުން ގެންގުޅުނު ދަބަހެއްގެ ތެރެއިން 98 މޮބައިލް ފޯނާއި، 104  ޗާޖަރާއި، 18 ސިމް ކާޑާއި، 9 ހެޑް ސެޓާއި، ޔޫއެސްބީ 30 ކޭބަލާއި، ފޯނު ބެޓެރީގެ 14 ބެޓެރިއާއި، ޖޮއިސްޓިކެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މާފުށީ ޖަލަށް އެތެރެކުރަން އުޅުނު ގިނަޢަދަދެއްގެ ސާމާނާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

އެމީހުން އަތުލައިގެން ބަންދުކޮށްފައިވަނީ މާފުށީ ޖަލަށް ފޯނުތަކެއް އެތެރެކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަންގައި ބަންދުކޮށްފައިވަނީ 24 އަހަރުގެ ދެ މީހަކާއި 32 އަހަރުގެ މީހަކާއި 43 އަހަރުގެ މީހެކެވެ.

އެ އޮޕަރޭޝަން ހިންގާފައިވަނީ މާފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން، ޑިސެމްބަރ 17ވަނަ ދުވަހުގެރޭ އިރާކޮޅުގައެވެ. އެ އޮޕަރޭޝަންގައި އެ ހަތަރު ފިރިހެނުން ހައްޔަރުކޮށްފައިވަނީ މާފުށި ޖަލު ހުންނަ ސަރަޙައްދު ފަޅުތެރެއަށް ލޯންޗު ކައިރިކޮށް މޫދަށް ފައިބައިގެން އެތަކެތި ޖަލަށް އެތެރެކުރުމަށް މަސައްކަތްކުރަމުން ދަނިކޮށް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަ ކ. މާފުށި ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.