މާލެސިޓީގެ ކޮންސްޓްރަކްޝަން ސައިޓުތައް ބަލައި ޗެކްކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
އެމަސައްކަތް ކުރަމުންދަނީ މާލެ ސިޓީ 9 ސަރަޙައްދަކަށް ބަހާލުމަށްފަހު އެ ސަރަޙައްދު ތަކުގައެވެ. މިއީ އެތަންތަނުގެ ސަލާމަތީ ކަންކަން އިންސްޕެކްޓް ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޙަރަކާތެކެވެ. މި އިންސްޕެކްޝަން ކުރިއަށްދަނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރާއި، މިނިސްޓްރީއޮފް ހައުސިން އާއި، މާލެ ސިޓީ ކައުންސިލާއި، އެމްއެންޑީއެފާއި،އަމިއްލަ ފަރާތްތައް ގުޅިގެންނެވެ.
ކޮންސްޓްރަކްޝަން ސައިޓުތަކުގެ ސަލާމާތީ ކަންކަން ކަށަވަރު ކުރުމުގެ މަސައްކަތް މިފެށީ ކޮންސްޓްރަކްޝަން މަސައްކަތްކުރަމުންދިޔަ ގެއެއްގެ ފަސްވަނަބުރިން ވެއްޓުނު ސިމެންތި ބަސްތާއަކުން ކުޑަކުއްޖެއްގެ ގައިގައިޖެހި ނިޔާވުމުންނެވެ.
އެ ޙާދިސާ ހިނގުމާއެކު އެފަދަ ތަންތަން ޗެކްކޮށް ސަލާމަތީ ކަންކަން ރަނގަޅު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާވަނީ ކަމާބެހޭ ފަރާތްތަކަށް އަމުރު ކުރައްވައިފައެވެ. މިޙާދިސާއަށްފަހު ވަނީ ކޮންސްޓްރަކްޝަން މަސައްކަތަށް ހުއްދަދިނުން ވެސް ވަގުތީ ގޮތުން ހުއްޓާލައިފައެވެ. އަދި އެފަދަ ސައިޓުތަކުގެ މަސައްކަތް ވެސް ވަނީ ހުއްޓުވައިފައެވެ. އެކަމާ ގުޅިގެން މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ބުނެފައިވަނީ އެއީ ޙައްލެއް ނޫންކަމަށެވެ. އެހެންނަމަވެސް ތަންތަން އިންސްޕެކްޓު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެތަނުން ބުނެފައިވެއެވެ.