އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމުގައި ހުންނަވަނިކޮށް ސުޕްރީމްކޯޓުގެ ޙުކުމަކުން ވަޒީފާއިން ވަކިކުރި މައްސަލަ މުރާޖަޢަ ކޮށްދެއްވުން އެދި ވަރަށް އަވަހަށް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް އީސީގެ ކުރީގެ ނާއިބު ރައީސް އަޙުމަދު ފަޔާޒު ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ ސުޕްރީމް ކޯޓަށް އެމައްސަލަ ހުށަހެޅުމަށް ލިޔެކިޔުންތައް ތައްޔާރު ކުރުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެމަސައްކަތް ނިމުނުހާ އަވަހަށް އެކަން މުރާޖަޢަ ކޮށްދެއްވުމަށް އެދި ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.
ފަޔާޒު ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމެވީ މުޅި އިލެކްޝަންސް ކޮމިޝަން ކުށްވެރިވާ ކަމަށް ކަމަށެވެ. އެހެންނަމަވެސް އަދަބު ލިބިވަޑައިގެންނެވީ އެންމެ އިސްކޮށްތިއްބެވި ދެބޭފުޅުން ކަމަށްވާ ރައީސާއި ނާއިބު ރައީސަށް ކަމަށެވެ. "ކޮމިޝަންގެ އެހެން މެމްބަރަކު ކުށްވެރިއެއް ނުވޭ. މުޅި ކޮމިޝަން ކުށްވެރިވާ ކަމަށްވާނަމަ ކޮމިޝަނަށްވެސް އަދަބު ލިބެންވާނެ ކަމަށް އަޅުގަނޑުދެކެނީ،" އޭނާ ވިދާޅުވިއެވެ.
ސުޕްރީމްކޯޓުން އެދެބޭފުޅުން ވަޒީފާއިން ވަކިކުރައްވައިފައިވަނީ އެމަޤާމްތަކުގައި ތިއްބެވުމުގެ ޤާނޫނީ ޙައިސިއްޔަތު ގެއްލިފައިވާ ކަމަށް ކަނޑައެޅުއްވުމަށް ފަހުގައެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނާއިބު ރައީސް އަޙުމަދު ފަޔާޒު މެމްބަރުކަމުން ވަކިވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ނިންމަވައިފައިވަނީ 2014 ވަނަ އަހަރުގެ މާރިޗުމަހުގައެވެ.
އެ ޙުކުމާ ގުޅިގެން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި އޭރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވަނީ އެބޭފުޅުންއިލެކްޝަނުން ވަކިވެފައިވާ ކަމަށް ސުްރީމް ކޯޓުން ޙުކުމް ކުރައްވައިފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
އިބްރާހީމް މުޙައްމަދު ޞާލިޙު އޭރުވިދާޅުވެފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ބެލެނިވެރި ފަރާތަކީ ރައްޔިތުންގެ މަޖިލިސް ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓަށް އެ ބޭފުޅުން (ފުއާދާއި، ފަޔާޒު) ވަކިކުރެވިދާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އެފަދަ ޙުކުމެއް ކުރެއްވުމުން ޤާނޫނޫ އަސާސީގެ 177 ވަނަ މާއްދާއާ ޙަވާލާދީ އެމަނުކުފާނު އޭރު ވިދާޅުވެފައިވަނީ އީސީގެ މެމްބަރުން ވަކިކުރުމުގެ ބާރު ލިބިފައިވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ.
ފުއާދު ތައުފީޤާއި ފަޔާޒު މަޤާމުން ވަކިވެފައިވާކަމަށް ސުޕްރީމް ކޯޓުން ނިންމެވީ އެކޯޓުގެ ނިންމުންތަކަށް ތަބާނުވެ ކޯޓުގެ ޙުރުމަތް ކަނޑާލައިފައިވާ ކަމަށް ވިދާޅުވެއެވެ.