ސިމެންތި ބަސްތާގެ ދަށުވި ކުއްޖާ ނިޔާވެއްޖެ

މާލޭގައި ހަދަމުން ދިޔަ ޢިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުމްޖެހި ޒަޚަމްވި ކުޑަކުއް މިއަދު މެންދުރުފަހު ނިޔާވެއްޖެއެވެ.

އިއްޔެ ހިނގި މިޙާދިސާގައި އެކުއްޖާ ނިޔާވެފައިވަނީ އައިޖީއެމްޗުގެ އައިސީޔޫގެ ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދެމުން ދަނިކޮށް ކަމަށް އެހޮސްޕިޓަލުން ވިދާޅުވިއެވެ.

އެކުއްޖާއަކީ ރާއްޖޭގައި ޑޮކްޓަރުންގެ ގޮތުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ދެމަފިރިއެއްގެ ކުއްޖެކެވެ. އެ ދެމަފިރިންގެ ތިބެނީ ދެކުދިންނެވެ. ނިޔާވީ އެދެކުދިންގެ ތެރެއިން ޢުމުރުން 7 އަހަރުގެ އަންހެން ކުއްޖާއެވެ.

އެކުއްޖާގައިގައި ޖެހުނު ސިމެންތި ބަސްތާއަކީ މ. ނަލަހިޔާ މަންޒިލްގެ ފަސް ވަނަ ބުރިން ވެއްޓުނު ބަސްތާއެކެވެ. އެ ވެއްޓުނީ އެކުއްޖާ ދުވާރުމަތިން ހިނގާފައި އަންނިކޮށްނެވެ.

އެ ޙާދިސާއަށްފަހު އެކުއްޖާ އައިޖީއެމްއެޗަށް ގެންގޮސް އޮޕަރޭޝަންތަކެއްކުރިއެވެ. އޮޕަރޭޝަނަށްފަހު ވެސް ޙާލު ވަރަށް ސީރިއަސް ކަމަށް އައިޖީއެމްއެޗުން އިއްޔެވެސް ވަނީ ބުނެފައެވެ.

މި ޙާދިސާއަށްފަހު މާލޭ ސިޓީ ކައުންސިލުން ވަނީ ނަލަހިޔާ މަންޒިލް ހަދަމުން ގެންދާ ޑަބްލިޔު ކޮންސްޓްރަކްޝަނަށް ދީފައިވާ ހުއްދަތައް ހިފަހައްޓައިފައެވެ. އޭގެ އިތުރަށް ޢިމާރާތްކުރުން ހުއްދަދިނުން ވަގުތީ ގޮތުން ވަނީ ހުއްޓައިލައިފައެވެ. ޢިމާރާތެއް ކުރާކަމަށްވާނަމަ ދެން ހުއްދަ ދެއްވާނީ ސީޓީކައުންސިލުންނާއި ފުލުހުން އެތަނަކަށްގޮސް ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށްފަހުގައެވެ.

މި ހާދިސާއަށް ފަހު ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ ޢިމާރާތް ކުރުމުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަމުރު ކުރައްވައިފައެވެ.

ނިޔާވި ކުއްޖާގެ މައިންބަފައިން މަސައްކަތް ކުރައްވަމުން އައީ ފ. ނިލަންދޫ އަތޮޅު ހޮސްޕިޓަލުގައެވެ. އެކުއްޖާއަކީ ނިލަންދޫ ސްކޫލުގެ ގްރޭޑް 2 ގައި ކިޔަވަމުން އައި ދަރިވަރެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.