ޤާބިލް ލަޝްކަރެއްގެ ގޮތުގައި ދެމިތިބުމަށް ސިފައިންނަށް އިލްތިމާސް ކުރައްވައިފި

ސިފައިންނަކީ އަސްކަރީ އަޚުލާޤާއި ފަންނީ ޤާބިލުކަން ހުރި ބަދަހި ލަޝްކަރެއްގެ ގޮތުގައި ދެމިތިބުމަށް ދިވެހި ސިފައިންނަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އިލްތިމާސް ކުރައްވައިފިއެވެ.

އޭނާ މިކަމަށް އިލްތިމާސް ކުރެއްވި ސިފައިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައެވެ. އޭނާ ވިދާޅުވީ ސިފައިން ކޮށްގެންތިބި ހުވައިގެ މަތިން ހަނދާން އައުކޮށްދެއްވާ ޤާނޫނުން ސިފައިންނަށް ލާޒިމުކޮށްފައިވާ އެންމެހާ ކަންކަން ކުރުމުގައި ދެމިތިބެން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ ޤައުމަށް ޚިދުމަތް ކުރުމުގައި ސިފައިންނަކީ ފަޚުރުވެރި، ޝަރަފުވެރި ބައެއް ކަމަށެވެ. ރައްޔިތުންނާ އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކޮށް ރައްޔިތުންނާއި ގާތުން މަސައްކަތްކުރުމަށް ވެސް ޝަމާލްވަނީ ސިފައިންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ސިފައިންގެއަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ސާލިޙް އަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް، ސިފައިންނާ ބައްދަލުކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފާއި ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވެއެވެ.

މިބައްދަލުކުރެއްވުން އޮތީ ކަޅުތުއްކަލާކޮށީގެ ހެވިކަމުގެ މައިދާނުގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.