އިންޑިއާ ދަތުރުން ވިސާލިބުމުގައި ލުއި ލިބިގެންދާނެ: ރައީސް

ރައީސުލްޖުމްޖޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުން ދިވެހިންނަށް ވިސާލިބުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ މި ދަތުރުފުޅުގައި ދެ ޤައުމުގެ މެދުގައި ވިސާގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ އެއްބަސްވުމުގެ ސަބަބުން ދިވެހިންނަށާއި އިންޑިއާ މީހުންނަށް ދެ ޤައުމުން ވިސާލިބުމަށް ކުރިއަށްވުރެ ބޮޑަށް ލުއިވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ވިސާގެ އެއްބަސް ވުމެއްގައި ސޮއި ކުރެއްވިޔަސް މިދަތުރުފުޅުގައި ޢަސްކަރީ އެއްބަސްވުމެއްގައި އިންޑިއާއެކު ސޮއި ކުރައްވާގޮތަށް ހަމަޖެހިފައި ނުވާކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުޝާހިދު ވިދާޅުވެފައިވަނީ ވިސާގެ އެއްބަސްވުގެ އިތުރަށް ވިޔަފާރީގެ ދާއިރާއިން އިންޑިއާއާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހި ކުރެއްވުމަށް ރައީސް އިބްރާހީމް މިދަތުރުފުޅުގައި މަޝްވަރާ ކުރައްވާނެ ކަމަށެވެ. އެގޮތުން ބެޖެޓު ސަޕޯޓަށް އެހީ ހޯއްދެވުމާއި ރާއްޖެއަށް މިވަގުތު ދިމާވެފައިވާ މާލީ މައްސަލަތަކުން އަރައިގަތުމަށް އެހީ ހޯއްދެވުމާ ބެހޭގޮތުން ވެސް ރައީސް މަޝްވަރާ ކުރައްވާނެ ކަމަށް ވެއެވެ.

ރައީސް އިބްރާހީމްގެ ދެ ކަނބަލުން އިންޑިއާއަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އޮކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލާއި، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި ފިނޭންސް މިިނިސްޓަރ އިބްރާހިމް އަމީރާއި އިންފްރާސްޓްރަކްޗާ މިނިސްޓަރ މުހައްމަދު އަސްލަމް ބައިވެރިވެ ވަޑައިގަންނަވައެވެ.

މިއީ ރައީސް އިބްރާހީމް ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވުމަށްފަހު ރާއްޖެއިން ބޭރުގެ ޤައުމަކަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.