ރައީސް ނަޝީދާ ގުޅުން ގޯސްވީ ވާހަކަފުޅު ނުދައްކަވާން ފެއްޓެވި ހިސާބުން ކަމަށް ރައީސް ޑރ. ވަހީދު ވިދާޅުވެއްޖެ

ކުރީގެ ރައީސް މުޙައްމަދް ނަޝީދާއި ގުޅުން ގޯސްވީ ވާހަކަފުޅު ނުދައްކަވާން ފެއްޓެވި ހިސާބުން ކަމަށް އެ ސަރުކާރުގެ ނައިބް ރައީސް އަދި ކުރީގެ ރައީސް ޑރ. މުޙައްމަދް ވަޙީދު ޙަސަން ވިދާޅުވެއްޖެއެވެ. ވީޓީވީ އިން ހުކުރު ދުވަހު ގެނެސްދޭ 'މެހެމާންސަރާ' ޕްރޮގްރާމްގައި ރައީސް ޑރ. .ވަޙީދު ވަނީ ނަޝީދާއި އެމަނިކުފާނާއި ދޭތެރޭ އުދާސްތައް އުފެދެން މެދުވެރިވި ސަބަބާއި އަދި ރައީސް ނަޝީދުގެ ސަރުކާރަށް ކުރިމަތިވި ގޮންެޖެހުންތަކުގެ ވާހަކަފުޅު ދައްކަވާފައެވެ.

2008ވަނަ އަހަރު ރިޔާސީ ދައުރު ފެށުނީ ގިނަ ގޮންޖެހުންތަކަކާ އެކު ކަން އެމަނިކުފާނު ފާހަގަކުރެއްވިއެެވެ. އެގޮތުން އެއަހަރު ފެށުނީ ޑިމޮކްރެސީގެ އާ ދައުރެއް ކަމަށާއި އެ އަހަރު ތަޞްދީޤު ކުރެއްވި އާ ޤާނޫން އަސާސީ އަކީ ކުރީގެ ޤާނޫން އަސާސީ ތަކާއި ވަރަށް ތަފާތު ޤާނޫން އަސާސީއެއްކަން އެމަނިކުފާނު ފާހަގަކުރެއްްވިއެވެ. އަދި ޤާނޫން އަސާސީގައި ދައުލަތުގެ ބާރުތައް އަލުން ބަޔާން ކުރެވިފައި ހުރުމާއި، އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭންޖެހޭ ކަަމަށް އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ބާރުތަކެއް ހިފެހެއްޓިފައި އޮތް އޮތުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ޑިމޮކްރެސީގެ މުޅިން އާ ދައުރެއް މި ފެށީ ދެއްތޯ 2008ގައި. 2008 ގަ ތަސްދީގު ކުރެއްވި އާ ގާނޫން އަސާސީ، ފެހި ޤާނޫން އަސާސީ އަކީ ކުރީގެ ގާނޫން އަސާސީ ތަކާ ވަރަށް ޚިލާފު ގާނޫން އަސާސީ އެއް. ފުރަތަމަ ފަހަރަށް 'ބިލް އޮފް ރައިޓްސް' (ޙައްގުތަކުގެ ބިލް)އެއް، ފުރިހަމަ 'ބިލް އޮފް ރައިޓްސް' އެއް އެކުލަވާލެވުނު. މުޅީން އާ ފެށުމެއް އެއީ. ދެން އަނެއްކާ ދައުލަތުގެ ބާރުތައް ވެސް މުޅިން ރީޑިފައިން (އަލުން ބަޔާންކުރެވި) ކޮށްފަ. ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަ މީހާގެ ބާރުތައް ވެސް އެހެން ނޫންތޯ. ކުރިއާ ޚިލާފަށް، ކުރިއަށްވުރެ ބޮޑަށް ހިފެހެއްޓިފައި. އެ ބާރުތައް، ކުރިން ހުރި ބާރުތައް އެހެނިހެން މުއައްސަސާތަކަށް ބަހާލެވި، އެހެން އޮތް ނިޒާމެއްގެ ތެރެއަށް މިއާދެވުނީ އެހެން ނޫންތޯ. އެހެންވީމާ ވީގޮތަކީ ވެރިކަން ކުރުމަށްވެސް އެހާ ފަސޭހައެއް ނުވި. ސްޓްރަކްްޗަރަލް ކަންތައްތަކެއް ވެސް  އެބަހުރި. ރައީސުލްޖުމްހޫރިއްޔާ އަށް ލިބެންޖެހޭ ބާރުތަކެއް، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މަދުވުމާއި ގުޅިގެން އައި ދަތި ތަކަކާއި 'ކޮންސްޓިޓިއުޝަނަލް' (ޤާނޫނީ) ކަންތައް ތަކެއް" ރައީސް ވަޙީދު ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ޑރ. ވަޙީދު ވިދާޅުވީ އެދުވަސްވަރަކީ އިޤްތިޞާދީ ގޮތުންވެސް ވަރަށް ބޮޑެތި ދަތިތަކާއި ރާއްޖެއަށް ކުރިމަތިލާން ޖެހުނު ދުވަސްވަރެއް ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި 2008ވަނަ އަހަރަކީ މުޅި ދުނިޔެ ވެސް އިގްތިޞާދީ ގޮތުން ދަތި ތަކެއް ތަޙައްމަލު ކުރި އަހަރެއް ކަމަށެވެ. ނަމަވެސް ސަރުކާރުން، ރައީސް ނަޝީދު އިޖްތިމާޢީ ބޮޑެތި ޕްރޮގްރާމް ތަކެއް ފެއްޓެވިކަން ރައީސް ޑރ. ވަޙީދު ފާހަގަކުރެއްވިއެވެ.

"2008 އަހަރަކީ އެއީ މުޅި ދުނިޔޭގައި ވެސް ރިސެޝަނެއް އައި އަހަރެއް އިންގޭތޯ. ރާއްޖޭގެ އިގްތިސާދަށް ވެސް އޭގެ އަސަރު ކޮންމެވެސް ވަރަކަށް ކޮށްފަހުރީ. ދެން އަނެއްކާ އެނގިވަޑައިގަންނަވާނޭ ފަދައިން ރާއްޖޭގެ ދަރަނިވެސް ވަރަށް ބޮޑުކޮށް އޮތް. ހަމަައެހެންްމެ އަޅުގަނޑުމެން ވަރަށްް ބޮޑެތި ކަންތައްތަކެއް، ރައީސް ނަޝީދު ފެެއްޓެވި. ސޯޝަލް ޕްރޮގްރާމްތައް؛ ހައުސިން ޕްރޮގްރާމް އާއި، ޓްރާންސްޕޮޓޭޝަނާއި، ދުވަސްވީ މީހުންނަށް ދެއްވާ އިނާޔަތާއި، ނުކުޅެދޭ މީހުންނަށް ދޭ އިނާޔާތާއި. މިހެންގޮސް ބައިވަރު ކަންތައް  ތަކެއް ތައާރަފް ކުރެއްވި"، ރައިސް ޑރ. ވަޙީދު ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރުން ތަޢާރަފް ކުރެއްވި ކޮންމެ ކަމަކީ ވެސް ޚަރަދު ކަން ފާހަގަ ކުރައްވައި އިތުރަށް ފައިސާ ހޯދެން އޮތީ ބޭރުގެ އެހީ ލިބިގެން ކަމަށް ރައީސްް ޑރ. ވަޙީދު ވިދާޅުވިއެވެ. ފައިސާ ހޯއްދެވުމަށް ރައީސް ނަޝީދު ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިކަން ރައީސް ޑރ. ވަޙީދު ވަނީ ފާހަގަކުރައްވާފައެވެ.

"އެހެންވީމާ އޭރުގަ ރައީސް ނިންމެވީ އައި.އެމް.އެފަށް ވެސް ވަޑައިގަންނަވަން. ދެން އައި.އެމް.އެފްގެ އެހީ ހޯއްދެވުމަށްޓަކައި ވަރަށް ބުރަ މަސައްކަތުން، އެކިއެކި ބޮޑެތި ބޭފުޅުންނަށް ވެސް ހަމަ ގުޅުއްވައިގެން އެ އެހީ ހޯއްދެވި. އެހެންނަމަވެސް އައި.އެމްއެ.ފްގެ ތާރީޚުގައި، އައި.އެމް.އެފް ދައްކާ ގޮތުގައިވިއްޔާ އެއީކީ ކޮންމެހެން މާބޮޑަކަށް ތަނުގެ ހަމަޖެހުމަކަށް ވިސްނާ ބައެއް ނޫން. އެމީހުން ބަލާނީ ސްޓްރަކްޗަރަލް އެޖަސްޓްމެންޓަށް. އެހެންވީމާ އެގޮތުން ޚަަރަދު ކުޑަކޮށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކަކަށް އެމީހުން ވިސްނާނީ." ރައީސް ޑރ. ވަޙީދު ވިދާޅުވިއެވެ.

ދައުލަތުގެ މުއައްޒަފުންގެ ޢަދަދު މަދުކުރުމާއި، މުސާރަަތައް ހިފެހެއްޓުން ފަދަ ކަންތައްތަކަކީ ޚަރަދު ކުޑަކުރުމަށް އައި.އެމް.އެފް އިން ހުށަހެޅި އެއް ކަމެއް ކަމަށް ވެސް ރައީސް ޑރ. ވަޙީދު ފާހަގަކުރެއްވިއެވެ. އަދި އެފަދަ ކަންކަމަކީ އަލަށް އަންނަ ސަރުކާރަކަށް އެހައި ފަސޭހަ ކަަންތައްތަކެއް ނޫން ކަން ވެސް އެމަނިކުފާނު ފާހަގަކުރެެއްވިއެވެ.

އެއާއެކު ގެންނަވާން ފެއްޓެވި ބައެއް ބަދަލު ތަކުން ސަރުކާރަށް އިދިކީލި ކަންކަން ކުރިމަތިވެ ވަޑައިގަތް ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ދިވެހީން އަބަދުވެސް ދައްކާ ވާހަކަ އަކީ ދީނާއި ޤައުމިއްޔަތުގެ ވާހަކަ ކަމާއި، އެހެންކަމުން އިދިކޮޅުން ސަރުކާރުން ކުރައްވަމުން ގެންދެވި ގިނަ ކަންތައްތަކެއް ނެންގެވި ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އޭގެ ތެރެއިން ބައެއް މިސާލުތައް ވެސް އެމަނިކުފާނު ނެންގެވިއެވެ. "މިސާލަކަށް ދަންނަވަނީ ނަމަ އައްޑުއަތޮޅުގައި ބެހެއްޓި ސްޓެޗޫ، މޮނިއުމަންޓް ތައް ދެއްތޯ؟ މޮނިއުމަންޓްތަކަށް ވެސް އެހެން ކުލައެއް އައީ. ކުލައެއް އައިސްގެން އޭގެވެސް ނެގެޓިވް ރިއެކްޝަން އެއް އައީ"، ރައީސް ޑރ. ވަޙީދު ވިދާޅުވިއެވެ.

ރައީސް ޑރ. ވަޙިދު ވިދާޅުވި ގޮތުގައި ސަރުކާރަށް މައްސަލަތައް ކުރިމަތިވާން ފެށީ އެކަހަލަ ކިތަންމެ ކަމެއް އެކުވެގެން ކަމަށެވެ. އެ ހުރިހާ ކަމެއްގެ ތެރެއިން ވެސް އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ރައީސް ޑރ. ވަޙީދު ފާހަގަ ކުރެއްވީ ކޯލިޝަން ފެއިލް ވުމެވެ. ކޯލިޝަނުން އެމަނިކުފާނުގެ ޕާޓީ ވަކިވީ އެބޭފުޅުންނަށްވެސް ކަންތައް ކުރެެއްވުނު ގޮތުންކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. 

"އޭގެ ތެރެއިން ފާހގަކޮށްލަން ޖެހޭ އެންމެ މުހިއްމު އެއް ކަމަކީ ކޯލިޝަން ފެއިްލވުން. ކޯލިޝަން ފެއިލް ވުމުގައި ދެން އަޅުގަނޑު ދަންނަވާނީ، އަޅުގނޑު ކޯލިޝަން ޕާޓްނަރަކަށް، އެކަކަށް މިހުރީ. ފުރަަތަމަ ޖުމްހޫރީ ޕާޓީ ކޯލިޝަނުން ވަކިވީ. ދެން އަޅުގަނޑުމެން ޕާޓީވެސް ވަކިވާކަށް ނޫން، އެހެން ނަަމވެސް އަޅުގަނޑުމެންނަށް ވެސް ކަންތައް ކުރެވުނު ގޮތުން އަޅުގަނޑުމެން ވަކި ކުރެއްވީ ކޯލިޝަނުން. އެހެންވީމާ އޭގެ ސަބަބުން ނުކުތް ނެދެވޭ ކަންތައްތަކެއް ވެސް ހުރި. އެކަހަލަ ކިތަންމެ ކަމެއް އެކުވެގެން ގޮސް އަޅުގަމޑުމެންނަށް އެކަން ކުރަން ދަތިވީ" ރައީސް ޑރ. ވަޙީދު ވިދާޅުވިއެވެ.

ރައީސް ޑރ. ވަޙީދު ފާހަގަ ކުރެއްވި ގޮތުގައި ރައީސް ނަޝީދާއި ވާހަކަފުޅު ނުދެކެވޭ ހިސާބަށް ދިޔައީ ދެ ބޭފުޅުންގެ އަރިހަށް އެކި މީސް މިހުން ގެންނަ ފާޑުފާޑުގެ ވާހަކަ ތަކުގެ ސަބަބުން މަޑުމަޑުން ގޮސް ވަހަކަފުޅު ނުދެކެވި ހުއްޓުނީ ކަމަށެވެ. އަދި އިސްތިއުފާ އާއި ހަމައަށް ރައީސް ނަޝިދު ވަޑައިގެންނެވި އިރު ވަރަށް ވާހަކަފުޅު ވިދާޅުނުވެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ނަމަވެސް އެމަނިކުފާނާ ދޭތެރޭ ރައީސް ނަޝީދު ދުވަހަކު ވެސް އިހާނެތިކޮށް އޭރު އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.  

"ދަންނަވަންތޯ ދުވަހަކުވެސް އަޅުގަނޑުމެން ދެމިޙޫން ޒުވާބެއް ނުކުރަން. ދުވަހަކުވެސް ޒުވަބެއް ނުކުރަން. ދުވަހަކުވެސް ދެބަސްވެގެން އަނެއްކާ ރައީސް ނަޝީދު ވެސް އަޅުގަނޑުމެން އޮފީހުގައި އުޅުނުއިރުގައި، އެއް އިރކުވެސް ދުވަހަކުވެސް ކޯފާ ވެގެން އަޅުގަނޑާ ދިމާއަށް އެއްޗެއް ވިދާޅުނުވާނެ. އަޅުގަނޑުވެސް އެގޮތަށް ހަަމަ ނުވތަނަވަސްވެގެން، ހިތް ނުވަތަނަވަސް ވެެގެން އެއްޗެއް ނުދަންނަވަން. ދެން އެހެން ނަމަވެސް ވާގޮތަކީ އެހެންނަމަވެސް ފާޑުފާޑުގެ ވާހަކަތައް، އެހެން ނޫންތޯ އަޅުގަނޑުމެން ދެމީހުން ކައިރިއަށްވެސް ގެންނާނެ މީހުން.  އެކަހަލަ ކަންތައް އައުމާ ގުޅިގެންނާ އެކީގަ މަޑުމަޑުން ކޮމިއުނިކޭޝަން ކެނޑެމުން ކެނޑެމުން ގޮސް، ދެން އަޅުގނޑުމެން، ނަޝީދު އިސްތިއުފާ އާ ހަަމައަށް ވަޑައިގެންނެވި އިރުގަ ދެން ވަރަށް ވާހަކަ ނުދެއްކެޭ އޭރުގަ. އެހެންނަމަވެސް އެބޭފުޅާ އަޅުގަނޑާ ދޭތެރޭގަ ނިކަމަތި ކޮށް އޭރު އެއްވެސް ކަމެެއް ނުކުރައްވާ" ރައީސް ޑރ. ވަޙީދު ވިދާޅުވިއެވެ.

އެމަނިކުފާނާ އޮޕޮޒިޝަނާއި އާދަޔާ ޚލާފު ގުޅުމެއްް އޮންނަ ކަމަށް ދެކެވޭ ވާހަކަ އަށް ރައިސް ޑރ. ވަޙީދު ވިދާޅުވީ އޮޕޮޒިޝަނާއި ވާހަކަފުޅު ދެއްކެވުން ނޫން އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. "ދެން ވާނެ ގޮތަކި އޮޕޮޒިޝަން 'އެޑްވާންޓޭޖް' (ނާޖާއިޒު ފައިދާ) ނަގަން ވެސް މަސައްކަތް ކުރާނެ ދެއްތޯ؟ އެކަހަލަ ކަންކަމަށް ސަމާލުވާންވީ ވަރަސް ސަމާލު ނުވެވުމުގެ ނަތީޖާ، އިނގޭތޯ"، އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް އެމަނިކުފާނާ ރައީސް ނަޝީދާއި ދޭތެރޭ ނުތަނަވަސްކަން އުފެދޭން ދިމާވީ ދެ ބޭފުޅުން ދޭތެރޭގައި 'ކޮމިއުނިކޭޝަން' ކުޑަވުން ކަމަށް ރައީސް ޑރ. ވަޙީދު ފާހަގަކުރެއްވިއެވެ.  

ރައީސް ޑރ. ވަޙީދު ވިދާޅުވިގަޮތުގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން އެމަނިކުފާނަށް ވަރަށް ބޮޑު ޙައިރާންކަމެއް ލިބިވަަޑައިގެންނެވިއެވެ. ރައީސް ނަޝީދު އިސްތިއުފާ ދެއްވީ ޕްރެޝަރުގެ ސަބަބުން ކަމަށް އެމަނިކުފާނަށް ޤަބޫލުފުޅު ކުރެއްވޭ ކަމަށް ވިދާޅުވިއެވެ. ނަަމަވެސް ސަބަބު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ނަޝީދަށް ކަމަށް ވެސް ވިދާޅުވިއެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. ވާހަކަ ނުދެއްކެވުނަސް ، ޤައުމު ބޮޑުވެގެންވާ މުސީބާތަކަށް ވައްޓާލައި ބަޣާވާތަކަށް އެހީތެރިވެ ވަޑައިގަންނަވާކަށް ނުވާނެ ދެއްތޯ ؟ ރާއްޖޭގެ ތާރީޚުގެ ކަޅު ސޮފްހާތަކެއް ގެނެސްދެއްވި ބޭފުޅެއް ވަހީދަކީ. އެ އަނދަވަޅުން އަދިވެސް އަރައިނުގަނެވިގެން ޤައުމު މިއުޅެނީ. ރައީސްކަން ކުރެއްވި ބޭފުޅެއްގެ ލަޤަބު ލިބިވަޑައިގަތަސް ވަހީދަކީ ނަމަކަށް ހުންނެވި ބޭފުޅެއް ނޫންތޯ ؟ ވެރިކަން ބޭނުންވިޔަސް އަޅުގަނޑުނަމަ އެފަދަ އަނދަވަޅަކަށް އަޅުގަނޑުގެ ޤައުމު ވައްޓައެއް ނުލާނަން. ދެއްކެވި ވާހަކަ އާއި އޭރު ޢަމަލު ކުރެއްވި ގޮތް ދިމަލެއްނުވޭ. ﷲ މޮޅަށް ދެނެވޮޑިގެންވާނީ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.