އެކްސަސައިޒް އެކުވެރިންގައި ބައިވެރިވާ އިންޑިއާ ސިފައިން ރާއްޖެ އަތުވެއްޖެ

ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ "އެކްސަސައިޒް އެކުވެރިން" ގެ މިއަހަރުގެ އެކްސަޒައިޒުގައި ބައިވެރިވާ އިންޑިއާ އަސްކަރިއްޔާގެ 17 ވަނަ ބެޓޭލިއަން އޮފް މެޑްރާސް ރެޖިމެންޓްގެ ސިފައިން މިއަދު ރާއްޖެ އަތުވެއްޖެއެވެ.

"އެކްސަސައިޒް އެކުވެރިން 2018" ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހު 15 އިން 27 އަށެވެ. އެކްސަސައިޒް ކުރިއަށްދާނީ އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް، ޅ.މާފިލާފުށީގައެވެ. މި ތަމްރީނަކީ އެކްސަސައިޒް އެކުވެރިންގެ 9 ވަނަ ތަމްރީނެވެ. މިފަހަރުގެ އެކްސަސައިޒުގައި އިންޑިއާގެ އަސްކަރިއްޔާއިން ބައިވެރިވަނީ 17 ވަނަ ބެޓޭލިއަން އޮފް މެޑްރާސް ރެޖިމެންޓްގެ 45 ސިފައިންނެވެ. ރާއްޖެއިން މި ތަމްރީނުގައި ބައިވެރިވަނީ އެމްއެންޑީއެފްގެ މެރިންސް އެވެ. މިއެކްސަސައިޒުގައި ކިޔަވައިދެއްވާނީ ދެ ޤައުމުގެ އަސްކަރިއްޔާގެ ތަޖުރިބާކާރު މުދައްރިބުންނެވެ.

މި ތަމްރީނަކީ ދިވެހިރާއްޖެ އާއި އިންޑިއާ އަސްކަރިއްޔާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި، ކައުންޓަރ ޓެރަރިޒަމާއި، ކައުންޓަރ އިންސަރޖެންސީ ފަދަ އޮޕަރޭޝަންތައް ދެ ޤައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ އެކްސަސައިޒެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ތަމްރީނުތަކުގައި މައިގަނޑުގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވޯޓަރ ބޯން އޮޕަރޭޝަންތައް ހިންގާނެ ގޮތުގެ ތަމްރީނުތަކާއި، އަސްކަރީ އިތުރު ތަމްރީނުތަކެވެ. މި އެކްސަސައިޒްގެ ތަމްރީނުތައް އެއްގަމާއި ކަނޑުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މާފިލާފުށީގެ އިތުރުން ޅ.އަތޮޅުގެ ބައެއް ފަޅު ރަށްތަކުގައި ވެސް ތަމްރީނުތަކުގެ ބައިތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ދެ ޤައުމުގެ އަސްކަރިއްޔާ ގުޅިގެން ބާއްވަމުންދާ، އެކްސަސައިޒް އެކުވެރިންނަކީ 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޤައުމެއްގައި ބާއްވަމުންގެންދާ އެކްސަސައިޒެކެވެ. މި އެކްސަސައިޒް މިއަހަރު ދިވެހިރާއްޖޭގައި ބާއްވަމުންދާއިރު، އެންމެ ފަހުން ބޭއްވި "އެކްސަސައިޒް އެކުވެރިން 2017" ގެ ތަމްރީނުތައް ކުރިއަށްގެންގޮސްފައި ވަނީ އިންޑިއާގެ މެޑްރާސްގަ އެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.