ފީނުމަށް ބޭނުންކުރާ އާލާތްތަކެއް އެސްއެސްއައި އިން އެމްއެންޑީއެފަށް ހަދިޔާކޮށްފި

ސްކޫބާ ސްކޫލް އިންޓަރނޭޝަނަލް (އެސްއެސްއައި) ގެ ފަރާތުން ކަނޑުއަޑީގެ ފުނަށް، ފީނުމަށް ބޭނުންކުރާ އާލާތްތަކެއް އެމްއެންޑީއެފް ކޯސްޓްގާޑަށް ހަދިޔާކޮށްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވެފައިވަނީ މި ތަކެތި އެމްއެންޑީއެފަށް ހަދިޔާކޮށްފައިވަނީ ސްކޫބާ ސްކޫލް އިންޓަރނޭޝަނަލްގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިންނަށް ހިންގި ޓެކްނިކަލް ޑައިވިންގ އިންސްޓްރަކްޓަރ ކޯހާއި ލައިފް ގާޑް ކޯސް ނިންމުމަށް ވިލިމާލޭގައި ހުންނަ އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ކަމަށެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލެވެ.

ސްކޫބާ ސްކޫލް އިންޓަރނޭޝަނަލް (އެސްއެސްއައި) ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ހަދިޔާކުރި ފީނުމަށް ބޭނުންކުރާ އާލާތްތައް އެމްއެންޑީއެފްގެ ފަރާތުން ހަވާލުވެލެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އެވެ.  މިރަސްމިއްޔާތުގައި މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އެސްއެސްއައި ގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މިރޭ ހަދިޔާކުރި ޑައިވިންގ އިކުއިޕްމަންޓްތަކުގެ ސަބަބުން އެމްއެންޑީއެފުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށާއި އަދި އުނގަންނައިދެވުނު ތަމްރީނުގެ ތެރެއިން ޑައިވަރުންގެ ހުނަރާއި ޤާބިލްކަން އިތުރުވެގެން ގޮސްފައިވާކަން ފާހަގަ ކުރެއްވިއެވެ.ސްކޫބާ ސްކޫލް އިންޓަރނޭޝަނަލްގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ހަދިޔާ ކުރައްވާފައި ވަނީ ފަސް ޓެކްނިކަލް ޑައިވިންގ ފުލް ކިޓެވެ. މި ތަކެތީގެ ސަބަބުން ކޯސްޓްގާޑުން ކަނޑު އަޑީގައި ހިންގާ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި މިހާރަށްވުރެ ގިނަ ވަގުތު ފެނު އަޑީގައި އޮތުމުގެ އިތުރުން މިހާރަށް ވުރެ ފުންކޮށް ފީނުމުގެ ގާބިލްކަން ކޯސްޓްގާޑުގެ ޑައިވަރުންނަށް ލިބިގެން ދާނެއެވެ.

ކޯސްޓްގާޑް ޓެކްނިކަލް ޑައިވިންގ އިންސްޓްރަކްޓަރ ކޯހާއި ލައިފް ގާޑް ކޯހުގައި ބައިވެރިވި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރެވެ.

އެސްއެސްއައި ގެ ފަރާތުން ހިންގި ކޯސްޓްގާޑް ޓެކްނިކަލް ޑައިވިންގ އިންސްޓްރަކްޓަރ ކޯހުގައި އެމްއެންޑީއެފް ކޯސްޓްގާޑް 4 ޓެކްނިކަލް ޑައިވަރުން ވަނީ ބައިވެރިވެފައެވެ. އަދި ލައިފް ގާޑް ކޯހުގައި  އެމްއެންޑީއެފް ކޯސްޓްގާޑުގެ 8 ސިފައިން ވަނީ ބައިވެރިވެފައެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރާއި ކޯސްޓްގާޑުގެ އެހެނިހެން އޮފިސަރުންނާ ޓެކްނިކަލް ޓައިވިންގ އިންސްޓްރަކްޓަރ ކޯސް އަދި ލައިފް ގާޑް ކޯހުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވި އެސްއެސްއައިގެ ބޭފުޅުންގެ އިތުރުން ކޯހުގެ ބައިވެރިން ބައިވެރިވެފައިވެއެވެ.

 

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.