ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަޙުމަދު ނާޒިމް 25 އަހަރަށް ޖަލަށްލުމަށް ކޮށްފައިވާ ޙުކުމް ސްޕްރީމް ކޯޓުން ބާޠިލް ކުރައްވައި އޭނާ މިނިވަން ކުރައްވައިފިއެވެ.
ނާޒިމް މިނިވަން ކުރެއްވުމަށް ސްޕްރީމް ކޯޓުން ނިންމެވީ އޭނާގެ މައްސަލަ މުރާޖަޢަ ކޮށްދެއްވުމަށް އޭނާގެ ފަރާތުން ހުށަހަޅުއްވައިފައިވާ މައްސަލަ ބެއްލެވުމަށްފަހު އެވެ. އެ މައްސަލަ ބަލައި ނިމެންދެން ސްޕްރީމްކޯޓުން ވަނީ އޭނާ ވަގުތީ ގޮތުން މިނިވަން ކުރައްވައިފިއެވެ. އެ މައްސަލަ ބެއްލެވި ތިން ފަނިޑިޔާރުންގެ އިއްތިފާޤުން އޭނާ މިނިވަން ކުރައްވަން ނިންމެވުމުން ދާއިމީކޮށް އޭނާ މިނިވަންވީއެވެ.
ނާޒިމްގެ މައްޗަށް 25 އަހަރުގެ ޖަލުޙުކުމެއް ސްޕްރީމްކޯޓުން ކުރައްވައިފައިވަނީ މަކަރާއި ޙީލަތް ހަދައިގެން އަމިއްލަ ފައިދާ ހޯދުމަށް މަސައްކަތް ކުރައްވައިފައިވާ ކަމުގެ ކުށް ސާބިތުވެގެންވެ. އޭނާގެ ޙިއްސާ އޮތް ނަމިރާ ކުންފުނީގެ މުވައްޒަފުން ލައްވައި ޕްރޮޕޯސަލްތަކެއް ތައްޔާރުކޮށް ސަރުކާރުގެ މަޝްރޫއުތައް އޮޅުވައިލައިގެން ކާމިޔާބު ކުރިކަމަށް އޭނާގެ މައްޗަށް ކުރިދައުވާ ކްރިމިނަލް ކޯޓާއި ހައިކޯޓުން ނިންމީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. އެހެންނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމެވީ ވެސް ސްޕްރީމް ކޯޓުންނެވެ.