ޕީޕީއެމުން މޯލްޑިވިއަންއަނަށް ދޭންޖެހޭ 3.8 މިލިއަން ރުފިޔާ ހޯދުމަށް އެ އެއާލައިނުން ސިވިލްކޯޓަށް ހުށަހަޅައިފިއެވެ.
އެފައިސާއަކީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭންތެރޭގައި އެޕާޓީން ކުރި ދަތުރުތަކަށް ދޭންޖެހޭ ފައިސާއެވެ. އެ ޕާޓީން ދޭންޖެހޭ ފައިސާގެ ޖުމްލަ ޢަދަދު 4.8 މިލިއަން ރުފިޔާގައި އޮއްވައި އެތަނުން އެއްމިލިއަން ރުފިޔާވަނީ ދައްކައިފައެވެ.
މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރިޒްވީއާ ޙަވާލާ ދެއްވައި ބައެއް ނޫސްތަކުގައި ބުނެފައިވަނީ ޕީޕީއެމާ ދެކޮޅަށް ދަޢުވާ ކުރުމުގެ ކަންކަން ނިންމައިފައިވަނީ މިދިޔަ ހަފްތާގައި ކަމަށެވެ.
ކެމްޕޭންތެރޭގައި ބޭއްވި ބައެއް ޖަލްސާތަކަށް ރަށްރަށުން މީހުން މާލެ އުފުލުމަށް ޕީޕީއެމުން ކުރިދަތުރަށް ފައިސާ ނުދައްކައިގެން ކުރިންވެސް ވަނީ އެޕާޓިއަށް ފާޑުކިޔުންތައް އަމާޒުވެފައެވެ.
އެ ދަތުރުތައް ކުރިއިރު މޯލްޑިވިއަންގެ އެމްޑީއަކަށް ހުންނެވި ޢަބްދުލް ޙާރިސް ދަރަންޏަށް އެ ދަތުރުތައް ކޮށްދިނީތީ އޭނާއަށް ވެސް ވަނީ ބައެއް މީހުން ފާޑުކިޔައިފައެވެ. އަދި އެއީ ކޮރަޕްޝަންގެ ޢަމަލެއް ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފައެވެ.