މަސް ވިއްސައި އާލާކުރަން ދަސްކޮށްދޭ މަރުކަޒު ދޮޅުއަހަރުތެރޭ ހުޅުވޭނެ: ޒަހާ

ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތަރައްގީ ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ކ. މަނިޔަފުށީގައި ތަފާތު ބާވަތްތަކުގެ މަސް ވިއްސައި އާލާކުރުމުގެ މަރުކަޒެއް ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފިޝަރީޒު މިނިސްޓަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ރާއްޖޭގެ 38 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ގއ. ގެމަނަފުށީގައި ބޭއްވި މިޖަލްސާގައި އެކަމަނާ ވިދާޅުވީ ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި އެތަން ނިމި އެތަނުގައި މީހުން ތަމްރީން ކުރެވެން ފެށޭނެ ކަމަށެވެ.

"ކާފު މަނިޔަފުށީގައި ތަފާތު ބާވަތްތަކުގެމަސް ވިއްސައި އާލާކޮށް ދަސްކޮށްދޭނެ ތަމްރީން ސެންޓަރެއް ހެދުމުގެ މަސައްކަތްދަނީ ކުރެވެމުން. އިރާދަފުޅު ކުރެއްވިއްޔާ ދޮޅުއަހަރުތެރޭގައި ނިމި ސެންޓަރުން ތަމްރީން ދެވެން ފަށާނެ،" މިނިސްޓަރ ވިދާޅުވިއެވެ.

މި ޖަލްސާގައި މިނިސްޓަރ ޒަހާ ވިދާޅުވީ އެންވެރިކަން ކުރުމަށް ހުރި ގޮންޖެހުންތަކަށް ބަލާއިރު އެންވެރިކަން ވަކިމަސްވެރިކަމެއްގެ ގޮތުގައި ކުރުމަށް އަދި ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ބާވަތްތަކުގެ އެން ކަލްޗަރ ކުރުމަކީ ފަސޭހަކަމެއް ނޫންކަމަށެވެ. އެއީ ވެސް ބޮޑެތި ގޮންޖެހުންތައް ކުރިމަތި ވާ ކަމެއް ކަމަށް ވިދާޅުވިއެވެ. "އަޅުގަނޑުމެން އެމުގެ ދަތިކަން ފިލުވުމަށްޓަކައި އެން ވަތުގައި ދިރުވައިފައި ދިގުމުއްދަތަށް ބެހެއްޓޭނެ ގޮތްތަކެއް ހޯދަން ޖެހިފައިވަނީ. އަދި ހަމައެއާއެކީ އެން ބޭނުންކުރެވޭ އަދަދު އިގްތިސާދުވެސް ކުރަންޖެހޭ. މިފަދަ ކަންތައްތަކަށް މަސްވެރިން ހޭލުންތެރި ކުރުމަށްޓަކައި ޕްރޮގްރާމްތަކެއް ހިންގޭނެ،" މިނިސްޓަރ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ރާއްޖެއަށް އައުވައްތަރުގެ މަސްވެރިކަން ތައާރަފް ކުރުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށެވެ. އެގޮތުން ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ދިވެހިރާއްޖެއަށް ތަޢާރަފްކޮށް އެމަސްވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ތަމްރީން ދެއްވައި، އެމަސް މާކެޓު ކުރުމަށް ފަންނީ އެހީތެރިކަން ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. "ތުތި ބޯވަދެލިމަހަކީ ދުނިޔޭގެ ބާޒާރުގައި ބޮޑުއަގެއްލިބޭ ބާވަތެއް. އެވްރެޖުކޮށް ކިލޯއަކަށް 15 ޑޮލަރު ލިބޭ،" މިނިސްޓަރ ވިދާޅުވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.