ނާއިބު ރައީސް އައްޑޫސިޓީ ކައުންސިލަރުންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް އައްޑޫ ސިޓީއަށާއި ފުވައްމުލަކު ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ހިތަދުއަށް ވަޑައިގެން އައްޑޫސިޓީ ކައުންސިލަރުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އައްޑޫސިޓީ ކައުންސިލް އިދާރާގައެވެ. މިބައްދަލުވުމަށް ނޫސްވެރިންނަށް ވައްދައިފައެއް ނުވެއެވެ. އެހެންކަމުން މަޝްވަރާ ކުރެއްވި ކަންކަމާބެހޭ އެއްވެސް މަޢުލޫމާތެއް ލިބޭގޮތެއްނުވިއެވެ.

ނާއިބު ރައީސްގެ މިޒިޔާރަތުގައިވަނީ ހިތަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށާއި، ހިތަދޫ އާފްޓަރކެއަރ ރީހެބިލިޓޭޝަން ސެންޓަރަށާއި، ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައިފައެވެ. އެތަންތަނަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުވަނީ  އެތަންތަނުގެ މުވައްޒަފުންނާ ބައްދަލު ކުރައްވައި މަސައްކަތްތައް ކުރިޔަށްދާ ގޮތް ބައްލަވައިލައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ރެޑްކްރެސެންޓްގެ ސީނު ބްރާންޗުން އިންތިޒާމްކޮށްގެން ހިތަދޫގައި ބޭއްވެވި ކުޑަކުދިންގެ ހަވީރުގައިވެސް ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތުގައި އައްޑޫ ސިޓީ ކޮންވެންޝަން ސެންޓަރުގެ އިމާރާތުގައި މިހާރު ހަދަމުން ގެންދާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވައިލައްވައިފައިވެއެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ މިއަދު މެންދުރުފަހު އައްޑޫ ސިޓީ ހުޅުމީދޫއަށް ވެސް ވަޑައިގެންފިއެވެ. އެ ޒިޔާރަތުގައި ހުޅުމީދޫ ހެލްތު ސެންޓަރަށް ވަޑައިގެން އެތަނުގައި ތިބި ބަލި މީހުންނަށް ޒިޔާރަތްކުރައްވައި، ހެލްތު ސެންޓަރުގެ މުވައްޒަފުންނާ ބައްދަލުކުރެއްވިއެވެ.

އެމަނިކުފާނު ދާދި ދެންމެއަކުވަނީ މަރަދޫ ހެލްތު ސެންޓަރަށް ވެސް ވަޑައިގެންފައެވެ. އަދި މިހާރު ހުންނެވީ ފޭދޫ ހެލްތު ސެންޓަރުގައެވެ. އެއަށްފަހު ފުވައްމުލަކު ސިޓީއަށް ވަޑައިގެންނެވުމަށް އެމަނިކުފާނު ވަޑައިގަންނަވާނީ ގަމަށެވެ.

ނާއިބު ރައީސްގެ މިދަތުރުފުޅަކީ އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި ޖެންޑާ މިނިސްޓްރީގެ ދަށުންނާއި، ހެލްތު މިނިސްޓްރީގެ ދަށުން ހިންގަވާ ތަންތަން ބައްލަވައިލެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް މަޢުލޫމާތު ވަނީ ލިބިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.