ޑެޕިޔުޓީ ކޮމިޝަނަރަކަށް ޙަމީދު އައްޔަން ކުރެއްވުމުން ޢުމަރު ފާޑުވިދާޅުވެއްޖެ

ޑެޕިޔުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަޤާމަށް މުޙައްމަދު ޙަމީދު (އެމްސީ) ޕްރޮމޯޓު ކުރެއްވުމަށްފަހު ޕޮލިސް ކޮމިޝަނަރުގެ ޒިންމާތައް އޭނައާ ޙާވާލު ކުރެއްވުމުން ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު ފާޑު ވިދާޅުވެއްޖެއެވެ.

ޢުމަރު ވިދާޅުވެފައިވަނީ ސަލާމަތީ ޚިދުމަތްތަކުގެ އިސްވެރިއަކަށް ނަގަންވާނީ އެ މުއައްސަސާއެއްގެ އިސް އޮފިސަރުންގެ ތެރެއިން ކަމަށް ފުލުހުންގެ ޤާނޫނާއި، ސިފައިންގެ ޤާނޫނާއި އަދި ޖަލުތަކާބެހޭ ޤާނޫނުގައިވެސް އޮންނަ ކަމަށެވެ. އެގޮތަށް އޮންނަނީ އެ މުޢައްސަސާތައް ސިޔާސީ ފިކުރުތަކާ ދުރުކޮށް ޕްރޮފެޝަނަލް ތަނަކަށް ހެދުމަށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެއީ ޑިމޮކްރަސީ ތަކުގައި އެކަން އޮންނަގޮތް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"ނަމަވެސް މިހާރު މިފެންނަނީ އެ ޚިދުމަތްތަކުގައި އެއް ޒަމާނެއްގައި އުޅުއްވި ބޭފުޅުން، އެތައް އަހަރުތަކެއް ފަހުން ފިޓްނަސް ގެއްލި، މޯރަލް އޮތޯރިޓީ ގެއްލި ޒަމާނީ ތަމްރީންތަކާއި ރިފްރެޝަރ ކޯސްތައް ނުހައްދަވާތާ އެތައް އަހަރެއް ވެފައިވާ ބޭފުޅުން ވަލުދޮރާށިން ވަންނަވައި ޔުނިފޯމްއެޅި ޚިދުމަތްތަކާ ޙަވާލުވާ މަންޒަރު. މިއީ ގުޑުގަވަނަންސާ ބީރައްޓެހި މިޒަމާނަށް ނުފެތޭ ނިންމުންތަކެއް. ސަލާމަތީ ޚިދުމަތްތައް ފަހަތަށްދާނެ ނިންމުމެއް،" ޢުމަރު ވިދާޅުވެފައިވެއެވެ.

ޙަމީދަކީ ކުރިން ފުލުސް އޮފީހުގެ އިސްމަގާމެއްގައި ހުންނަވަނިކޮށް ވަޒީފާއިން ވަކި ކުރައްވައިފައިވާ ބޭފުޅެކެވެ. އޭނާ ވަޒީފާއިން ވަކިކުރި މައްސަލަ ކޯޓުން އެންމެފަހުން ނިންމެވީ އޭނާއަށް އަލުން ވަޒީފާ ދެއްވުމަށެވެ. އަލުން އޭނާއަށް ދެއްވީ އެސިސްޓެންޓް ކޮމިޝަނަރުގެ މަޤާމެވެ. އެފަހުން މިހާރު އެވަނީ ޑެޕިޔުޓީއަކަށް ބަދަލު ކުރައްވައިފައެވެ. އޭނާއަށް ކޮމިޝަނަރުކަން ދެއްވާނެ ކަމަށް ވެސް މަޢުލޫމާތު ވަނީ ލިބިފައެވެ.

 

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.