ސްމާޓް ފޯނާއި ޓެބްލެޓް ގެ ސަބަބުން އުމުރުން 2 އަހަރުގެ ތުއްތު ކުދީންނަށް ވެސް ނަފްސާނީ މައްސަލަތައް ކުރިމަތިވާ ކަމަށް ސައެންސްވެރީން އިންޒާރު ދީފިއެވެ.
ސްކްރީނަށް ބަލަހައްޓައިގެން ދުވާލަކު އެންމެ ގަޑިއިރެއް ހޭދަ ކުރުމުން ވެސް ކުދީން މާޔޫސީވެ ކަންބޮޑުވާ ކަމަށް އެމީހުން ފާހަގަކުރެއެވެ. އޭގެ ސަބަބުން ކަންކަމަށް ހުންނަ ޝައުގު ކުޑަވެ، މަސައްކަތް ނިންމުމުގައި ނާގާބިލުވެ، ޖަޒުބާތު ކޮންޓްރޯލް ނުކުރެވުމާއި އަދި އަމިއްލަ ނަފްސް ކޮންޓްރޯލް ކުރަން އުނދަގޫ ވުން ހިމެނޭކަމަށް ވެއެވެ.
ފޯނާއި ޓެބްލެޓް ފަދަ ތަކެތީން ބޮޑަށް ނުރައްކަލަށް ހުށަހެޅެނީ ފުރާވަރު އުމުރުގެ ކުދީން ކަމުގައިވީނަމަވެސް އުމުރުން 10 އަހަރުން ދަށުގެ ކުދީންނާއި އަދި ތުއްތު ކުދީންގެ ތަރައްގީ ވަމުން އަންނަ ސިކުނޑި އަށް ނޭދެވޭ އަސަރު ކުރެއެވެ.
ދިރާސާ ތަކުން ދައްކާ ގޮތުގައި "ޒޮމްބީ" ކުދީން (ފުރާން ނެތް މަސްގަނޑެއް ފަދަ ކުދީން) އިލެކްޓްރޯނިކް އާލާތްތަކާ އެކު ދުވާލަކު 5 ގަޑި އިރު ހޭދަ ކުރެއެވެ.
ސެން ޑިއެގޯ ސްޓޭޓް ޔުނިވަރސިޓީ އާއި ޔުނވަރސިޓީ އޮފް ޖޯޖިއާ ގެ ދިރާސާ ތަކުން ދައްކާ ގޮތުގައި ސްމާޓް ފޯނާ އެކު ވަގުތު ހޭދަ ކުރުމަކީ ސީރިއަސް އެހެނަސް އެކަމުން ކުދީން ސަލާމަތް ކުރެވިދާނެ ކަމެކެވެ.
މި ދިރާސާ ކުރިއަށް ގެންދިޔަ ދިރާސާ ވެރީން ކަމުގައިވާ ޕްރޮފެސަރ ޖީން ޓްވެންޖް އައި ކެއިތް ކޭމްޕްބެލް ފާހަގަކުރައްވާ ގޮތުގައި ކުދީންގެ ކިބައިން ފެންނަ ނަފްސާނީ މައްސަލަ ތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި މައްސަލަތައް އުފެދެނީ ފުރާވަރު އުމުރުގައެވެ. އެހެންކަމުން މުޖްތަމައުގައި ހުރި ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތަކާއި ގުޅޭ ބަހާތައް ހޯދަން ޖެހޭ ކަމަށް އެބޭފުޅުން ދެކެލައްވައެވެ. މީގެ ތެރެއިން ގިނަ ކަންކަން ބަދަލު ކުރުމަކީ މުސްތަހީލު ކަމަކަށް ވިޔަސް ބައެއް ކަންކަން ބަދަލު ކުރެވޭނެ ކަން އެބޭފުޅުންގެ ދިރާސާގައި ފާހަގަކުރައްވަފައިވެއެވެ.
އެގޮތުން އެއް ކަމެއްގެ ގޮތުގައި ފުރާވަރު ކުދީން ހުސްވަގުތު ހޭދަ ކުރާ ގޮތް ބަދަލު ކުރުމަކީ ފަސޭހައިން ކުރެވިދާނެ ކަމެއް ކަމަށް އެ ދިރާސާވެރީން ދެކެލައްވައެވެ. ފިލާވަޅު ދަސް ކުރާއިރު، ނުވަތަ އެ ޢުމުރުގެ އެހެން ކުދީންނާ އެކު ވަގުތު ހޭދަ ކުރާއިރު، ނުވަތަ ކުޅޭ ވަގުތު ތަކުގައްޔާއި ކެއުމުގެ ވަގުތުތަކުގައި އޮންލައިންގައި ނުވަތަ ޓީވީ ބަލަން ކުދީން ހޭދަ ކުރާ ވަގުތުތައް މައިންބަފައިންނާއި ޓީޗަރުންނަށް ކުޑަ ކުރެވިދާނެއެވެ. ނުވަތަ ހުއްޓުވިދާނެއެވެ.
ސްކްރީން ވަގުތު ވަކި ވަރެއްގައި ހިފެހެއްޓުމަށް ބާރު އަޅަންޖެހޭ ކަމަށް މީގެ ކުރީން އެމެރިކަން އެކަޑެމީ އޮފް ޕެޑިއޭޓްރިކްސް އިން ހަދާފާއިވާ ދިރާސާ އަކުން ދައްކައެވެ. އެ ދިރާސާ އިން ހޯދުނު ހޯދުންތަކަށް ބަލާއިރު އުމުރުން 2 އަހަރާއި 5 އަހަރާއި ދެމެދު ކުދީން ދުވާލަކު ސްކްރީން ވަގުތުގެ ގޮތުގައި ހޭދަ ކުރަންވާނީ ގިނަވެގެން 1 ގަޑި އިރެވެ. ޕްރޮފެސަރ ޓްވެންޖް ފާހަގަ ކުރައްވާ ގޮތުގައި އެމެރިކަން އެކެޑެމީ އޮފް ޕެޑްޓްރިއޭޓިކްސް ގެ ދިރާސާ އަށް މިހާރުގެ ހޯދުންތަކުން ވެސް ބާރު ލިބެއެވެ.
އަދި ހަމަ ސްކޫލް ޢުމުރުގެ ކުދީންނާއި ފުރާވަރު ޢުމުރުގެ ކުދީންވެސް ހޭދަ ކުރަންވާނީ ދުވާލަކު ގިނަވެގެން ދެ ގަޑިއިރެވެ.
ޕްރޮފެސަރ ޓްވެންޖް އާއި ޕްރޮފެސަރ ކޭމްޕްބެލްގެ ދިރާސާއިން ދައްކާގޮތުގައި ފުރާވަރު ޢުމުރުގެ ކުދީންގެ ތެރެއިން ސްކްރީން ވަގުތުގެ ގޮތުގައި ދުވާލަކު 1ގަޑިއިރު ހޭދަ ކުރާ ކުދީންނަށް ވުރެ 7 ގަޑި އިރު ހޭދަ ކުރާ ކުދީންނަށް ޑިޕްރެޝަން އާއި މާޔޫސީ އެހެން ބަލިތައް ޖެހޭ މިންވަރު އިތުރެވެ. ފުރާވަރު ޢުމުރުގެ ކުދީންނަށް ދިމާވާ ނަފްސާނީ ދުޅަހެޔޮ ކަމާއި ސްކްރީން ވަގުތާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށް މި ދިރާސާ އިން ދައްކައެވެ. ތުއްތު ކުދީންނަށްވުރެ ބޮޑަށް ފުރާވަރު އުމުރުގެ ކުދީންގެ ކިބައިން ނަފްސާނީ ދުޅަހެޔޮ (މެންޓަލް ހެލްތްގެ) ކަމުގެ މައްސަލަތައް ފެންނާން މެދުވެރިވާ ސަބަބަކީ ތުއްތު ކުދީންނާ ޚިލާފަށް ފުރާވަރު ކުދީން ސްކްރީން ވަގުތު ހޭދަ ކުރަނީ ސޯޝަލްމީޑިއާގައި ކަމަށް ވާތީ ކަމަށްވެސް ޕްރޮފެސަރ ޓްވެންޖް ފާހަގަކުރައްވައެވެ. އެއާއި ޚިލާފަށް ތުއްތު ކުދީން ސްކްރީން ވަގުތު ހޭދަ ކުރަނީ ޓީވީ އާއި ވީޑިއޯ ބެލުމުގައެވެ.
ސްކްރީން ވަގުތުގެ ގޮތުގައި ދުވާލަކު 4 ގަޑި އިރު ހޭދަ ކުރާ ކުދީން ވެސް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ބަލިކަށިވާ ކަމަށް ދިރާސާވެރީން ވަނީ ފާހަގަކުރައްވާފައެވެ.
ސްކްރީން ވަގުތުގެ ގޮތުގައި ގިނަ ވަގުތު ހޭދަ ކުރާ ޕްރީ ސްކޫލް އުމުރުގެ ކުދީން ނުވަތަ އުމުރުން 5 އަހަރުން ދަށް ކުދީން، ކުދި ކުދި ކަންކަމާ ވެސް ވަރަށް އަވަހަށް ރުޅި އިސްކުރާކަން ވެސް މިދިރާސާގައި ފާހަގަކުރައްވާފައިވެއެވެ. އަދި ކަމަކާ އުފާ ވުމުން ވެސް މާބޮޑަށް އުފާކޮށް މެދުމިނެއްގައި ހިފަހައްޓަން ނޭނގޭ ކަމަށް ވެސް ހޯދިފައިވެއެވެ. މި ދިރާސާގެ ނަތީޖާ އަށް ބަލާއިރު އުމުރުން 14 އަހަރާއި 17 އަހަރުގެ ކޮންމެ ދިހަ ކުއްޖެއްގެ ތެރެއިން 4 ސްކްރީން ވަގުތުގެ ގޮތުގައި 7 ގަޑިއިރު ނުވަތަ އެއަށްވުރެ ގިނަވަގުތު ހޭދަ ކުރާ ކުދީން ސްކޫލް މަސައްކަތް ބަރާބަރަށް ފުރިހަމައެއް ނުކުރެއެވެ.
އަދި ސްކްރީން ވަގުތުގެ ގޮތުގައި 1 ގަޑިއިރު ހޭދަ ކުރާ އުމުރުން 11 އަހަރާއި 13 އަހަރުގެ ކޮންމެ 11 ކުދީންގެ ތެރެއިން 1 ކުއްޖަކީ އާ ކަންކަން އުނގެނުމަށް އެއްވެސް ވަރަކަށް ޝައުގެވެރިނުވާ ކުދީންނެވެ.
މި ދިރާސާ ކުރިއަށް ގެންދިޔަ ދިރާސާވެރީން ބޮޑަށް ބަލާފައިވަނީ ސްކްރީން ވަގުތާއި ޑިޕްރެޝަން އަދި މާޔޫސީ މައްސަލަތަކާ މެދު އޮތް ގުޅުން ދެނެގަތުމަށެވެ.
އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތް އިން ހާމަކޮށްފައިވާ ގޮތުގައި ފުރާވަރު ޢުމުރުގެ ކުދީން ސްކްރީން ވަގުތުގެ ގޮތުގައި ދުވާލަކު މަދުވެގެން 5 ގަޑިއިރާއި 7 ގަޑި އިރު ހޭދަ ކުރެއެވެ. މީގެ ސަބަބުން ސިއްޙަތަށް ކުރާ ނޭދެވޭ އަސަރު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.
"ގޭމިންގ ޑިސްއޯރޑަރ" އަކީ ބައްޔެއް ކަމަށާއި އެއީ ބައިނަލްއަޤްވާމީ ބައްޔެއްގެ ގޮތުގައި ހިމެނުމަށް މިއަހަރު ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ވަނީ ކަނޑައަޅާފައެވެ.
ސްކްރީން ވަގުތުގެ ގޮތުގައި ތުއްތު ކުދީން ހޭދަ ކުރާ ވަގުތު 3 ގަޑިއިރުން 4 ގަޑި އިރާއި 45 މިނިޓަށް އިތުރުވެފައިވާ ކަމަށް އޮކްސްފޯޑް ޔުނިވަރސިޓީގެ ރިސާޗަރުން ވަނީ 2017ވަނަ އަހަރުގެ ޑިސެންބަރު މަހު ހާމަކޮށްފައެވެ.
ތަޖުރިބާކާރުން ހާމަކުރާ ގޮތުގައި ސްކްރީނަށް ދެވިހިފާފައިތިބޭ ކުދީން ނިދިން މަޙްރޫމްވެ، ފަލަވުމާއި، އަދި ސައިބަރ ބުލީން އަށް ހުށަހެޅޭ ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ. އެ އާއެކު އިޖްތިމާއީ އަގުތައް ގެއްލި މީހުންނާއި ވާހަކަ ނުދައްކަން ހިމޭންކަން އިޚްތިޔާރު ކުރެއެވެ.
މައުލޫމާތު: ނިއުޒީލޭންޑް ހެރަލްޑް