އިސްލާމީ ނޫރު މިވަޠަނުން ފަނޑުވެގެން ދިޔަ ދީގެން ނުވާނެ

ރާއްޖެ އިސްލާމްވި ދުވަސް މިއަދު ފާހަގަކުރަމުން މިދަނީ އިސްލާމްދީން ނޫން އެހެންދީންތައް ރާއްޖެއަށް ގެންނަން ބޭރުގެ އެކިފަރާތްތަކުން މަސައްކަތް ކުރަމުންދާ ދަނިޑިވަޅެއްގައެވެ.

އެފަދަ ފަރާތްތަކަށް އެފުރުސަތު ނުދިނުމާއި ދިނުންއޮތީ ދިވެހިންގެ އަތްމަތީގައެވެ. އެ ފުރުސަތު ނުދިނުމަށްޓަކައި އިސްލާމީ ޢަޤީދާ ވަރުގަދަކުރަންޖެހެއެވެ. ދީނީ ލޯބިވަރުގަދަ ކުރަންޖެއެވެ. އިސްލާމީ ވަންތަކަން ކުރިއަށްނެރެ އެއްބައެއްވަންތަކަން މުޅިދުނިޔެއަށް ހާމަކުރަންޖެއެވެ.

ރާއްޖެ އިސްލާމްވިކަމަށް ބުނަނީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރާމަހުގެ ދެވަނަ ދުވަހުއެވެ. އެއީ މީލާދީން 1153 ވަނަ އަހަރުގައެވެ. އެހެންކަމުން ރާއްޖެ އިސްލާމްވިތާ މިވީ 891 އަހަރެވެ. ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރަން ފަށައިފައިވަނީ ހިޖުރައިން 1374 ވަނައަހަރުއެވެ. އޭރު ރަސްކަމުގައި ހުންނެވީ އައްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލެވެ. އެފަހުން ރާއްޖެ އިސްލާމްވި ދުވަސް ފާހަގަނުކޮށް ދުވަސްތަކެއް ދިޔަކަމަށް ވެއެވެ. އަލުން އެދުވަސް ފާހަގަ ކުރައްވަން ފެއްޓެވީ ރައީސް މައުމޫނުގެ ވެރިކަމުގައެވެ.

މި ފަދަ މާތްދުވަހެއް ފާހަގަކޮށް ސަރުކާރު ބަންދު ކުރުމުގެ މާނައެއްވެސް އޮންނަވާނެތާއެވެ. އެއީ އިސްލާމީ ރޫޙު ތާޒާކޮށް އިސްލާމީ ސިފަވަންތަކަށް ޢަމަލީ ގޮތުން ދައްކުވައިދިނުމުގެ ރަމްޒެއްގެ ގޮތުގައި ފާހަގަކުރާ ދުވަހެއް ކަމަށް ވެދާނެއެވެ. މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު ލިބުމަށްފަހު އެދީނުން ބޭރުވާ މީހުންނަށްއޮތް ބަދު ނަޞީބެއްގެ ބޮޑު ކަމާއެވެ. އެފަދަ ބަޔަކަށް ދިވެހިން ނުވުމަށް މިއަދު ފުދޭނީ އިސްލާމްދީނަށް އަޅުގަނޑުމެން ފުރިހަމައަށް އުޅެވޭ ކަމަށްވާނަމައެވެ. ރަމްޒީ ގޮތުން މިއަދުވަސް ފާހަގަކޮށްގެން ލިބޭނެ މަންފާއެއް އޮތްކަމަށް ނުބެލެވެއެވެ.

ރާއްޖެ އިސްލާމްވުމާ ގުޅިގެން ރަންނަމާރިއެއްގެ ވާހަކަ ވެސް އެބައަޑުއަހަމުއެވެ. މިޒަމާނުގެ ވިސްނުމާއި ކަންކަމަށް ބަލާއިރު އެޒަމާނުގައި ވެސް އެފަދަ ކަމެއް ހިނގައިފާނެ ކަމަށް ނުބެލެވެއެވެ. އެހެން ނަމަވެސް ޒުވާން އަންހެން ކުދިން ޤުރުބާން ކުރުމަކީ ވެދާނެ ކަމެއްކަމަށް ބެލެވިދާނެއެވެ. އެއީ އެޒަމާނުގައި ރާއްޖެއާ އަވަށްޓެރި ޤައުމުތަކުގައި ސަޤާފީ ގޮތުން އެފަދަ ކަންކަން ހިނގާފައިވާ ކަމަށް ބައެއް މީހުން ބުނެފައިވެއެވެ.

އެހެންނަމަވެސް ރަންނަމާރިއާއި ރާއްޖެ އިސްލާވި ވާހަކައާ ގުޅުވައިގެން ދެކެވޭ ވާހަކައިގައި ބުނެ އުޅެނީ ރަންނަމާރިއަކީ ކަނޑުން އަރާ ފުރޭތައެއް ކަމަށެވެ. އެ އަރަނީ މަހަކު އެއްފަހަރު ކަމަށް ވެއެވެ. އެރެއަށްބިކުރުވެރި އަންހެން ކުއްޖަކު ނަލަހައްދައިގެން ގޮސް އަތިރި މަތީގައި ހުންން ބުދުކޯލެއްގައި ބައިންދާ ކަމަށް ބައެއް ލިޔުންތަކުން ފެނެއެވެ. އަނެއް ދުވަހު ގޮސްބަލާއިރު އެކުއްޖާ އޮންނީ މަރުވެފައި ކަމަށް ބުނެތެވެ. އެގޮތަށް ބުދުކޯލަށް ގެންދާ ކުދިން ހޮވަނީ ގުރުއަތު ލައިގެންކަމަށްވެއެވެ.

މިކަމެއް މިހެން ހިނގަމުންދަނިކޮށް ރާއްޖެއަށް ވަޑައިގެންނެވި މޮރޮކޯގެ ޢިލްމުވެރިއެއް ކަމަށްވާ އަބޫބަރަކާތުލް ޔޫސުފުލް ބަރުބަރީ މާލޭގައި ހުންނެވި ގޭގެ އަންހެނުން ކުއްޖާ ބުދުކޯލަށް ގެންދަންޖެހިއްޖެއެވެ. އެހެންނަމަވެސް އެރޭ އެކުއްޖާގެ ބަދަލުގައި އެތަނަށް ވަޑައިގެންނެވީ އެ ޢިލްމުވެރިޔާއެވެ. އިރުއެރުމުން މީހުން ގޮސްބެލިއިރު އޭނާއަށް އެއްވެސް ކަމެއް ނުވާކަމަށް ވިއެވެ. އޭނާ އިންނެވީ ކީރިތި ޤުރުއާން ކިޔަވަން ކަމަށް ވެސް ބައެއް ލިޔުންތަކުން ފެނެއެވެ.

މިޙާދިސާއަށްފަހު ރާއްޖޭގެ އޭރުގެ ރަދުންނަށް އިސްލާމްދީނަށް އެބޭކަލަކު ގޮވާލެއްވުމުން ރަދުން ވަގުތުން އިސްލާމް ދީން ޤަބޫލު ކުރައްވައި އެދުވަހުން ފެށިގެން ރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމަށް އަންގަވައި އެންމެން އިސްލާމްދީން ޤަބޫލު ކުރެއްވުމަށް އަމުރުކުރެއްވި ކަމަށް ވެސް ވެއެވެ.

އެހެންނަމަވެސް ރާއްޖެއިން އެންމެ ފުރަތަމަ އިސްލާމްވީ އައްޑޫ މީދޫ މީހުން ކަމަށް ބުނެއުޅެއެވެ. އެއަށްފަހު ދެން އިސްލާމްވީ ފުވައްމުލަކު ހޯދަޑު މީހުން ކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ. މީދުއަށްފަހު ހޯދަޑު އަވަށު މީހުން އިސްލާމްވީ އެއަވަށާއި މީދުއާ އޭރުއޮތް ޅިޔަންފަހަރި ކަމުގެ ގުޅުމުގެ ސަބަބުން ކަމަށްވެސް ތާރީޚު ދިރާސާ ކުރާ ބައެއް މީހުންބުނެ އުޅެއެވެ.

ރާއްޖެ އިސްލާމްވި އިރު ހުންނެވި ރަދުންގެ ނަންފުޅަކީ ޝަނިވިރާޒާކަމަށް އިބުނު ބަޠޫޠާ ލިޔުއްވައިފައިވެއެވެ. އިސްލާމް ވުމަށްފަހު އެ ރަސްގެފާނުގެ ނަންފުޅަކީ އައްސުލަޠާން މުޙައްމަދު ބިން ޢަބްދުﷲ އެވެ. އެއީ ދަރުމަވަންތަ ރަސްގެފާނެވެ.

ރާއްޖެ އިސްލާމްވުމުގެ ކުރިން ރާއްޖޭގައި އޮތީ ބުދު ދީނެވެ. އެކަން ރާއްޖޭގެ އާސާރުތަކުންނާއި ތާރީޚުން އެނގެއެވެ. ރާއްޖޭގައި ބުދުދީން ފެތުރިފައިވަނީ މީލާދީން 500 ވަނަ އަހަރުގެ ކުރީގެ ޤަރުނުތަކުގައި ކަމަށް ތާރީޚީލިޔުންތަކުންނާއި އާސާރުތަކާއި ފެންނަންހުރި ތަކެތިން ސާބިތުވެފައެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގެ މީހުން އިސްލާމް ދީންޤަބޫލުކުރެއްވުމަށްފަހު ރާއްޖެ އަދާހަމައަށް އޮތީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައެވެ. މިކަން ދަމަހައްޓަން ކުރަންޖެހޭ މަސައްކަތް އިންތިހާއަށް ބޮޑެވެ. ގޮންޖެހުންތައް ވަރުގަދައެވެ. ކުޑަކުދިންގެ ހިތްތަކުގައި ދީނީ ލޯބި ވަރުގަދައަށް އަށަގަންނަވަންޖެހެއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވާ ގޮތަށް ދިނާބެހޭ ތެދު ސާފު މަޢުލޫމާތު ކުދިންނަށް ފޯރުކޮށްދެއްވައި އެމަޢުލޫމާތު އަށަގަންނުވަންޖެހެއެވެ. އިސްލާމްދީނަކީ ﷲ ދެއްވި ނިޢުމަތެކެވެ. އެ ނިޢުމަތް ބީވެގެންދިޔަ ދީގެން ނުވާނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.