ފީނަނިކޮށް ޙާލުދެރަވި މީހާގެ ޙާލު އަންނަނީ ރަނގަޅުވަމުން: އައިޖީއެމްއެޗު

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ފަތިހު ހުވަދުއަތޮޅު ދެކުނުބުރީ "އައުޓްރިގާ ކޮނަންޓާ މޯލްޑިވްސް ރިސޯރޓް" ކައިރިން އެންދަމަން "ހުޝިޔާރު" ދޯނިން ފޭބި މީހުންގެ ތެރެއިން ޙާލުބޮޑުވި އަޙުމަދު ޝާކިރުގެ ޙާލު ކުރިއަށްވުރެ ރަނގަޅު ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.

އައިޖީއެމްޗުގެ މީޑިއާ ކޯޑިނޭޓަރ ވިދާޅުވީ އިއްޔެ އޭނާ ހޮސްޕިޓަލަށް ގެނައިއިރާ އަޅާ ބާލާއިރު މިހާރު ރަނގަޅު ކަމަށެވެ. "އޭނާ މިހާރު ކޮންމެވެސް ވަރަކަށް ސްޓޭބަލް. އަދިވެސް ގެންދަނީ އިމަޖެންސީ ރޫމުގައި ފަރުވާ ދެމުން،" މިޑިއާ ކޯޑިނޭޓަރ މުފީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޝާކިރަށް އިތުރުފަރުވާ ދިނުމަށް ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ކަމަށް ޑޮކްޓަރުން އަދި ނުނިންމަވާ ކަމަށެވެ. "އޭނާއަށް ފަރުވާ ދިނުމަށް ރާއްޖެއިން ބޭރަށް ފޮނުވާނީތޯ ނޫންތޯ ޑޮކްޓަރުން އަދިއެއް ނުނިންމާ. އަދިވެސް ގެންދަނީ ފަރުވާ ދެމުން،" މުފީދު ވިދާޅުވިއެވެ.

އައިޖީއެމްއެޗަށް ޝާކިރު ގެންދިޔައިރު ފައިކޮޅު ވަނީ ވަރަށްބޮޑަށް ވާގިނެތިފައެވެ. އެހެންނަމަވެސް އައިޖީއެމްއެޗުން ފަރުވާދޭން ފެށުމުން އެކަން ވެސް ކޮންމެވެސް ވަރަކަށް ރަނގަޅު ކަމަށް މުފީދު ވިދާޅުވިއެވެ.

ހޮސްޕިޓަލުންވަނީ އޭނާގެ ސީޓީ ސްކޭނަކާއި އަދިވެސް އެހެން ޓެސްޓުތަކެއް ހަދައިފައެވެ.

މިހާދިސާގައި އެންދަމަން ފީނި 4 މީހުންގެ ތެރެއިން 3 މީހެއްގެ ޙާލުބޮޑުވެ ތިނަދުއަށް ގެންގޮސްގެން ފަރުވާދިނެވެ. އޭގެ ތެރެއިން އެކަކުވަނީ ފަރުވާ ދެމުންދަނިކޮށް ނިޔާވެފައެވެ. ދެން ގެންދިޔަ މީހާއަށް ފަރުވާ ދިނުމަށްފަހު މިހާރުވަނީ ދޫކޮށްލައިފައެވެ.

އެމީހުންވަނީ ވައިފުޅިއަޅައިގެން 44 މީޑަރަށް ފީނައި، 35 މިނިޓް ހޭދަކޮށްފައި ކަމަށް އެމްއެންޑީއެފުން ކުރިންވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް 30 މީޓަރަށްވުރެ އަޑިއަށް ފީނުމަކީ ރާއްޖޭގައި ހެދިފައިވާ ޤަވާއިދުތަކުން މަނާކުރާ ކަމެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.