އެންހިފަން ފޭބި  މީހުންގެ ތެރެއިން އެކަކު މަރުވެއްޖެ

ގދ. ގައި އޮންނަ "އައުޓްރިގާ ކޮނަންޓާ މޯލްޑިވްސް ރިސޯރޓް" ކައިރިއަށް އެންހިފަން ރޭ ފަތިހު "ހުޝިޔާރު" ދޯނިން ފޭބި 4 މީހުންގެ ތެރެއިން ހާލުބޮޑުވެގެން ތިނަދޫ ޑރ. ޢަބްދުއްޞަމަދު ހޮސްޕިޓަލުން ފަރުވާ ދިނުމަށް ގެންދިޔަ ތިން މީހުންގެ ތެރެއިން އެކަކު މަރުވެއްޖެއެވެ. މަރުވެފައިވަނީ އެތަނަށް ގެންދިޔަ 3 މީހުންގެ ތެރެއިން އެންމެ ޙާލުބޮޑުވި މީހާއެވެ.

އެމްއެންޑީއެފް ކޯސްޓް ގާޑުން ވިދާޅުވީ އެ ޙާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ސަދަން އޭރިއާ އަށް އަންގާފައިވަނީ ގދ.ތިނަދޫ ޕޮލިސް ސްޓޭޝަނުން ކަމަށެވެ. ރޭ ފަތިހު 5:14 އެހައިކަންހާއިރު އެ މަޢުލޫމާތު ލިބުމުން ގދ. ތިނަދޫ ސީ އެމްބިއުލާންސް ވަނީ އެ ދޯނި އޮތް ސަރަހަށްދަށް ގޮސް ހާލު ދެރަ ތިން މީހުން އަރުވައިގެން މިއަދު ހެނދުނު 6:05 އެހައިކަންހާއިރު ގދ. ތިނަދޫ އަށް ގެންގޮސްފައެވެ.

ފީނަން ފޭބި ތިން މީހުންނަކީ ވެސް ދިވެހިންނެވެ. އޭގެ ތެރޭގައި ހިމެނެނީ 37 އަހަރުގެ މީހަކާއި، 31 އަހަރުގެ މީހަކާއި، 24 އަހަރުގެ މީހެކެވެ. މީގެ ތެރެއިން އުމުރުން 24 އަހަރުގެ ޒުވާނާގެ ޙާލު ދެރަވެގެން އިތުރުފަރުވާޔަށް މާލެ ގެނައުމަށް މަސައްކަތް ދަނީ ކުރަމުންނެވެ. 31 އަހަރުގެ މީހާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ. މީގެ ތެރެއިން މަރުވެފައިވަނީ ޢުމުރުން 37 އަހަރުގެ މީހާއެވެ.

އެން ހިފަން ފޭބީ މީހުން ވަނީ ވައިފުޅި އަޅައިގެން 44 މީޓަރަށް ފީނައިފައެވެ. އަދި އެމީހުން 35 މިނިޓުވަންދެން ފީނި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.