
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމްއިން ވާދަކުރާ އިތުރު 18 ބޭފުޅަކަށް މިރޭ ޓިކެޓް ޙަވާލު ކުރައްވައިފައެވެ. މި ބޭފުޅުންނަށް ޓިކެޓް ޙަވާލު ކުރެއްވީ ޕްރައިމަރީއަކާ ނުލައެވެ.
ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ޓިކެޓް ޙަވާލު ކުރެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ޣައްސާން މައުމޫނާއި، ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީއާއި، ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރ ޢާއިޝަތު ޢާޒިމާ ޝަކޫރު ހިމެނިވަޑައި ގަންނަވައެވެ. އޭގެ އިތުރަށް ޑީއާރުޕީގެ ލީޑަރު މުޙައްމަދު ނަޝީދު (ކާނަލް) އަށް ވެސް މިރޭ ވަނީ ޓިކެޓް ޙަވާލު ކުރައްވައިފައެވެ.
ކާނަލް ވާދަކުރައްވަނީ ކާށިދޫ ދާއިރާއަށެވެ. ޣައްސާން ވާދަ ކުރައްވަނީ ތ. ގުރައިދޫ ދާއިރާއަށެވެ. ޢާޒިމާ ވާދަކުރައްވަނީ ނ. ހޮޅުދޫ ދާއިރާއަށެވެ. ޝައިނީ ވާދަކުރައްވަނީ ހެންވޭރު އުތުރު ދާއިރާއަށެވެ.
މީގެކުރިން ޕީޕީއެމުން ވަނީ 24 ބޭފުޅަކަށް ޕްރައިމަރީއާ ނުލައި ޓިކެޓް ދީފައެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވީ ޕީޕީއެމުން ދައްކާފައިވާ މެމްބަރުންނަށް އެދާއިރާގެ މީހުން ތާއިދު ކޮށްދެއްވުމަށެވެ.
ޕްރައިމަރީއާ ނުލައި ޓިކެޓް ދެއްވަން ނިންމެވީ އެބޭފުޅުންނަކީ ޕީޕީއެމަށް ފައިސާގެ އެއްވެސް ބުރަކަމެއް ނުޖައްސައި އަމިއްލައަށް ކެމްޕޭން ޙަރަކާތް ހިންގޭނެ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެދާއިރާ ތަކަކީ ވާދަކުރާނެ އިތުރު ބޭފުޅަކުނެތް ދާއިރާތައް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.