ކޮމަންވެލްތާއި އަލުން ގުޅުން ގާއިމުކުރުމަށް ފާސްކޮށްފި

ދިވެހިރާއްޖެއިން ކޮމަންވެލްތާއި އަލުން ގުޅުން ގާއިމުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ކޮމަންވެލްތުގައި އަލުން ބައިވެރިވާން ނިންމީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ ދަށުން މަޖިލީހަށް ފޮނުވުނު މައްސަލަ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީ އިން ދިރާސާ ކުރެއްވުމަށް ފަހުއެވެ.

ކޮމަންވެލްތުގައި ބައިވެރިވުމަށް ފާސްކޮށްފައިވަނީ 62 މެންބަރުންގެ އިއްތިފާގުންނެވެ.

ގައުމީ ސަލާމަތު ކޮމެޓީގެ ރިޕޯޓު ހުށަހަޅުއްވަމުން ކޮމެޓީގެ މުޤައްރިރުގެ ނައިބު ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް މުޙައްމދް ދީދީ ވިދާޅުވީ ރާއްޖެ ކޮމަންވެލްތުން ވަކިވާން ނިންމީ 2016ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 13ވަނަ ދުވަހު އޭރުގެ ގައުމީ ސަލާމަތު ކޮމެޓީއަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބދުލްޤައްޔޫމް ފޮނުއްވި ރިޕޯޓަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އޭރުގެ ސަރުކާރުގެ އަދި މިހާރުގެ އޮޕޮޒިޝަން ވެސް ހިމެނޭ ގޮތަށް ކޮމަންވެލްތުގައި ބައިވެރިވުމަށް މިހާރު ކޮމެޓީ އިން ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.  

ރިޕޯޓު ހުށަހަޅުއްވަމުން އިބްރާހީމް ދިީދީ ވިދާޅުވީ ރާއްޖެ ފަދަ ކުޑަ ގަައުމަކަށް މާބޮޑެތި ހަތިޔާރު ބޭނުންކޮށްގެން ގައުމު ދިފާއު ކުރެވޭނެ ބާރު ނެތް ކަމަށާއި، ދިފާއު ކުރެވޭނީ ޑިފެންސް ޑިޕލޮމެސީ ބޭނުންކޮށްގެން ކަމަށެވެ. އަދި ރާއްޖޭއިން ބޭރުގައި ގާއުމުކޮށްފައިވާ އެންބަސީތަކުން އެކުރައްވާ މަސައްކަތް ތަކަކީ ޚާރިޖީ ސިޔާސަތުގެ ދަށުން ގައުމުގެ ދިފާއުގައި ކުރައްވާ މަސައްކަތް ކަމަށެވެ. އަދި 1982ވަނަ އަހަރުގެ ޖުލައި މަހުގެ 9ވަނަ ދުވަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ ކޮމަންވެލްތާއި ބައިވެރިވެ ވޑައިގަންނަވަން ނިންމެވީ އެމަނިކުފާނުގެ ޙިކްމަތްތެރި ވިސްނުންފުޅުގެ ތެރެއިން ގައުމަށް ލާބަ އާއި ރައްކާތެރިކަން ހޯއްދަވައި ދެއްވުމުގެ ބޭނުންފުޅުގައި ކަމަށެވެ.

ޑީޑީ އިތުރަށް ފަހަގަކުރެއްވި ގޮތުގައި ބޭރުގެ ޖަމިއްޔާ ތަކާއި ގުޅުން ގާއިމު ކުރުމުން އިސްލާމް ދީނަށް ބުރޫ އަރާ ކަމަށް ދެކެވޭ ވާހަކަ އެމަނިކުފާނު ގަބޫލުފުޅެއް ނުކުރުައްވައެވެ. އަދި ދީނަކީ ހިތުގައިވާ އެއްޗެއް ކަމަށާއި އެހެން ގައުމަކާއި، ޖަމިއްޔާ އަކާއި ގުޅުން ބޭއްވުމުން އެކަން ގުޑުވައި ނުލެވޭނެ ކަމށް ދެކެވެޑައިގަންނަވާ ކަަމަށް ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވަހަކަ ދައްކަވަމުން ނިލަންދޫ ދާއިރާގެ މެންބަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ކޮމަންވެލްތުން ރާއްޖެ ވަކިވީ ރާއްޖެއަށް އަބަދުވެސް ތަފާތު ޖޮންޖެހުންތައް ކުރިމަތި ކުރުވައި އެކަންކަމަށް މަޖްބޫރު ކުރަމުން ގެންދިއުމުން ކަމަށެވެ. އެގޮތުން ކޮމަންވެލްތުގެ ކުޑަ ގްރޫޕެއް (ސީމެގް) މެދުވެރިކޮށް ކޮމަންވެލްތުން ގަބޫލުކުރާ ހައްގުތަކުގެ ވާހަކަ އައި މަރުގެ ޙުކުމް ތަންފީޒު ކުރެވިގެން ނުވާނެ ވަހަކަ އާއި ހުޅަނގުގެ ގަބޫލުކުރުންތަކަށް ބޯލަނބައި އެކަން ތަންފީޒު ކުރުމުގެ ވާހަކަ ފާހަގަ ކުރެއްވިއެވެ.

ޑރ، ޚަލީލް ފާހަގަ ކުރެއްވި ގޮތުގައި އެއްވެސް ޖަމިއްޔާ އަކާއި ބައިވެރިވާން ވާނީ ގައުމުގެ ސިޔާދަތާއި މިނިވަންކަމަށް ބުރޫ ނާރާނޭ ފަދަ ގޮތަކަަށެވެ. މިހާރުގެ ސަރުކާރަށް ފާޑު ވިދާޅުވަމުން ޑރ. ޚަލީލް ވިދާޅުވީ ސަރުކާރަށް މަހެއް ވެސް ނުވަނީސް  ދިމާއަކުން ވަކިވާނެ ކަމަށް ވިދާޅުވެ، އެއް ދިމާއަކުން ނުފޫޒު ކުޑަ ކުރާނެ ކަމަށް ވިދާޅުވެ، އެއްބައެއްގެ އުނގަށް ވެއްޓޭތަން ފެންނަ ކަަމަށެވެ. އެގޮތުން އެއްބިލިއަން ޑޮލާރު ހޯއްދަވައިގެން އައްޑުއާއި ޅ.އަތޮޅުގައި އަސްކަރީ މަރުކަޒު ތައް އަޅަމުންދާ ކަމަށް އިޝާރަތް ކުރެއްވިއެވެ.

ކޮމަންވެލްތުގައި ބައިވެރިވުމަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެ ޑރ. ޚަލީލް ވިދާޅުވީ ޖަމިއްޔާ އަކަށް ބަރޯސާ ވިޔަސް ރައްިތުންގެ މިނިވަންކން ނުގެއްލޭނެ ކަން ކަށަވަރު ކުރުމަށް ފަހު ނޫނީ ބައިވެރިވުމަކީ އާޚިރުގައި ލަނޑު ލިބޭނޭ ކަމެއް ކަމަށެވެ. އަދި ރާއްޖެގެ ސިޔާދަތާއި މިނިވަންކަމާއި ޤަދަރު ހިފެހެއްޓުމަކީ އެންމެ އިސް ވާޖިބު ކަމުގައި ދެކިގެން ކުރިއަށް ގެންދެވުމަށް އެދިވަޑައިގެންނެވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.