ހދ. ކޭލަކުނާއި، ހދ. ނޭކުރެންދޫގެ ކުޅި ހިމެނޭ ސަރަހައްދާއި، ހއ. ބާރަށުގެ ކުޅިހިމެނޭ ސަރަހައްދަކީ ޙިމާޔަތް ކުރެއްވުމުގެ މަޝްވަރާތައް ވަޒީރުންގެ މަޖިލީހުގައި މިއަދު ކުރައްވައިފިއެވެ.
ކޭލަކުނާއި، ނޭކުރެންދުއާއި ބާރަށު ކުޅި ހިމެނޭ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމުގައި ކަނޑައެޅުމަށްޓަކައި ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރެއްވީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން އެކަމަށް އެދި ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވުމުންނެވެ.
މިއަދު މަޝްވަރާ ކުރައްވައިފައިވަނީ ކޭލަކުނާއި އެރަށުގެ ވަށައިގެންވާ ފަރާއި ފަޅުގެ ސަރަހައްދު ޙިމާޔަތް ކުރެއްވުމާ ބެހޭގޮތުންނެވެ. އޭގެ އިތުރަށް ނޭކުރެންދޫގެ ކުޅި، ފާ އަދި ޗަސްބިން ސަރަހައްދާއި، ބާރަށުގެ ކުޅި، ފާ އަދި ޗަސްބިން ސަރަހައްދަކީ ޙިމާޔަތްކުރެއްވުމަށް ވެސް މިއަދު ވަނީ މަޝްވަރާ ކުރައްވައިފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި މި މައްސަލައިގެ މުހިންމުކަން ފާހަގަ ކުރައްވަމުން، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ތަންފީޒުކުރާ ޙިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި، 1 ފަރާއި، 1 ކަނޑޫފާ ރައްކާތެރިކުރުމަކީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ ވަޢުދެކެވެ.
މީގެ އިތުރުން، އިޤްތިޞާދީ ތަރައްޤީއަށް ރަށްތައް ކަނޑައެޅިގެންދާއިރު، ތިމާވެށީގެ ޚާއްޞަ މާޙައުލުތައް އެކުލެވޭ މިފަދަ ބައެއް ރަށްރަށާއި ސަރަހައްދުތައް، އަންނަން އޮތް ޖީލުތަކަށްޓަކައި ޙިމާޔަތްކުރެވި ފޯރުކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއްކަން ވަޒީރުން ފާހަގަ ކުރެއްވިއެވެ. އަދި ތިލަދުންމައްޗަކީ ތިމާވެށީގެ ގޮތުން މުއްސަނދި މާޙައުލުތަކެއް އެކުލެވިގެންވާ ސަރަޙައްދެއް ކަމަށާއި، ތިމާވެށި ޤާނޫނުގެ ދަށުން މި ދެ އަތޮޅުގައި މިހާތަނަށް އެއްވެސް ސަރަޙައްދެއް ނުވަތަ ތަނެއް ޙިމާޔަތް ކުރެވިފައި ނުވާކަމަށްވެސް ވަޒީރުން މިއަދުވަނީ ވިދާޅުވެފައެވެ.
ހދ. ކޭލަކުނާއި، ހދ. ނޭކުރެންދޫގެ ކުޅިހިމެނޭ ސަރަހައްދާއި، ހއ. ބާރަށުގެ ކުޅިހިމެނޭ ސަރަހައްދަކީ ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމަށް ކަނޑައެޅުމަކީ، ދިވެހިރާއްޖޭގެ ތިމާވެށީގެ ތަރިކަ ރައްކާތެރި ކުރުމަށްޓަކައި، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ މުހިންމު ވައުދެކެވެ. އަދި، މިހިނގާ ޑިސެންބަރު މަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިފްތިތާހުކޮށްދެއްވި، އެއްފަހަރު ބޭނުންކޮށްފައި އެއްލައިލާ ޕްލާސްޓިކް މަދު ކުރުމުގެ ކެމްޕެއިނަކީވެސް މި މުހިންމު ސިޔާސަތުގެ ދަށުން ފައްޓަވައިދެއްވި ޕްރޮގްރާމެއް ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.