ސިޓީ ކައުންސިލްތަކަށް ލިބިދޭ ބާރުތަކާއި ދޭނެ ޚިދްމަތްތައް ކަނޑައަޅައިފި

ފޮޓޯ: މިއަދުގެ ކެބިނެޓް ބަްދަލުވުމުގެ ތެރެއިން. ފޮޓޯ؛ ރައީސް އޮފީސް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ސިޓީ ކައުންސިލުގެ ބާރުތަކާއި، ސިޓީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތައް ވަޒީރުންގެ މަޖިލީހުން އަލުން ކަނޑައަޅުއްވައިފިއެވެ.

އަލުން ސިޓީ ކައުންސިލަށް ބަދަލުކުރުމަށް ނިންމެވި ބާރުތަކުގެ ތެރޭގައި، އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި، ސަރުކާރުގެ ކަމާބެހޭ އިދާރާއިން އަންގާ ގޮތެއްގެމަތިން ތަފާސްހިސާބު ނަގައި ބެލެހެއްޓުމާއި، އެ ސިޓީއެއްގެ ރަޖިސްޓަރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި އެސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުމާއި، އެކަށީގެންވާ ރައްކާތެރި ގޮތެއްގައި ކުނި ނައްތާލުމާއި، ސިޓީއާއި ސިޓީގައި ހިމެނޭ އަވަށް އަވަށުގެ މަގާއި ޕާކުތަކާއި މައިދާން ފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީގޮތުން ހުޅުވުމާއި ބަންދުކުރުމާއި، ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރަންޓްތަކާއި ކެފޭތަކާއި ޢާންމު މާރުކޭޓުތަކުގެ ކަންކަން ހުރޭތޯ ބެލުން ފަދަ ކަންކަން ހިމެނެއެވެ

މިގޮތުން، ސަރުކާރުގެ ވުޒާރާތަކަށް ބަދަލުކުރައްވާފައިވާ، ސިޓީ ކައުންސިލުގެ ބާރުތަކާއި، ސިޓީ ކައުންސިލުން ދޭ ޚިދުމަތްތައް، އަލުން ސިޓީ ކައުންސިލުތަކަށް ބަދަލުކުރުމުގައި، އެ ވުޒާރާއަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދެވުމަށްވެސް ވަނީ ނިންމަވާފައެވެ.

ކައުންސިލްތަކަށް ލިބިދޭނެ ބާރުތަކާއި ޚިދްމަތްތައް ކަނޑައަޅާފައިވަނީ މިއަދު ބޭއްވެވި ކެބިނެޓް މީޓިން ގައި މަޝްވަރާ ކުރެއްވުމަށްފަހު އެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.