ނުޙައްޤުން ވަޒީފާއިން ވަކިކޮށްފައިވާ މީހުން ޝަކުވާ ހުށަހަޅަން ތިރީސް ދުވަސް ދެއްވައިފި

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން، ސިޔާސީ ސަބަބަކަށްޓަކައި ވަޒީފާއިން ވަކިކޮށްފައިވާ، ނުވަތަ ނުޙައްޤުން ފިޔަވަޅު އަޅައިފައިވާ މުވައްޒަފުން، ޝަކުވާ ހުށަހެޅުމަށް މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތެއް ރައީސް އޮފީހުން ދެއްވައިފިއެވެ.

އެ ޝަކުވާ ހުށަހެޅުމަށް ރައީސް އޮފީހުން މިހާރުވަނީ ޚާއްސަ ފޯމެއް ވެސް ތަޢާރަފް ކުރައްވައިފައެވެ. "މި ފޯމު ހުށަހަޅުއްވާނީ، މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ." ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

ނިމިދިޔަ ސަރުކާރުން ސިޔާސީ ސަބަބަކަށްޓަކައި، ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ދައުލަތުގެ ވަޒީފާއިން ވަކިކޮށްފައިވާ، ނުވަތަ ފިޔަވަޅު އަޅައިފައިވާ މުވައްޒަފުންނަށް އިންޞާފު ހޯދައިދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކޮމިޓީއެއް އުފައްދަވައި، އެކޮމިޓީއާ އެ މަސައްކަތް ހަވާލުކުރައްވާފައެވެ.

ނުޙައްޤުން ވަޒީފާ ގެއްލިފައިވާ މީހުންނަށް ވަޒީފާ އަލުން ދެއްވާނެ ކަމަށް ރިޔާސީ ކެމްޕޭން ތެރޭގައި ރައީސް އިބްރާހީމް ވަނީ ވިދާޅުވެފައެވެ.

ޝަކުވާ ހުށަހަޅާ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވެންވެސް ހުންނާނެއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. ސަރުކާރުންނާއި ޝަރުޢީ ނިޒާމުގެ ތެރެއިން ނުޙައްޤު ފިޔަވަޅު އަޅައިގެން ބަނގުރޫޓު ކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ އެތައް ކުންފުންފުންޏެއްގެ ދުވަސް ދުއްވާލާފައި ކުރީ ސަރުކާރުތަކުން އެބަހުރި. އެކުންފުނިތަކުގެ މުއައްޒަފުންނަށްވެސް ނުޙައްޤުން ދީފައި އެވަނީ އަނިޔާ. އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ލިބިފައިވޭ. އެއީ ކަނޑައެޅިގެން ސަރުކާރުންނާއި ޝަރުޢީ ދާއިރާއިން ޤާނޫނާ ޤަވާޢިދާޚިލާފަށް ކޮށްފައިހުރި ކަންކަން ކަމަށްވާތީ އެއީވެސް އިންސާފު ލިބެންޖެހޭ މީހުންނާއި ތަންތަން. އިންސާފު ލިބެންޖެހޭނީ ވަކިބަޔަކަށްނޫން. އިންސާފަކީ އެންމެންނަށްވެސް ޙައްޤުވާ ޙައްޤެއް.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.