އަންނަ އަހަރު މާރިޗު މަހު ފަހުކޮޅު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކޯލިޝަނުން ވާދަކުރާނެ ދާއިރާތައް ކަނޑައަޅައި އަދިވެސް އެއްގަލަކަށް ނޭރެއެވެ.
ކޯލިޝަންގެ މައިޕާޓީ އެމްޑީޕީން ވާދަކުރާނެ ދާއިރާތައް މިއަދު އިޢުލާން ކުރާނެ ކަމަށް ބުންޏަސް އަދިވެސް އެކަމެއް ނުކުރެވެއެވެ. އެންމެފަހުން އެޕާޓީން މިހާރު ގެންދަނީ ޤައުމީ މަޖިލިސް އެއްކޮށްގެން ސައްލާ ކުރަމުންނެވެ.
މި ސައްލާތައް ފެށުމުގެ ކުރިން އެމްޑީޕީން ވާދަކުރާނެ ކަމަށް ބުނާ ދާއިރާތައް ހިމެނޭ ލިސްޓެއްވަނީ ލީކުވެފައެވެ. އެއީ ޞައްޙަ ލިސްޓެއްތޯ ނޫންތޯ ވެސް ކަށަވަރެއްނުވިއެވެ. އެޕާޓީގެ ޤައުމީ މަޖިލީހުގެ ބޭފުޅަކު ވިދާޅުވީ އެއީ ޞައްޙަ އެއްޗެއް ނޫން ކަމަށެވެ. އެ ލިސްޓުގައިވާ ގޮތުން އެމްޑީޕީ 60 ދާއިރާއަކަށް ވާދަކުރާނެއެވެ. އަދި އެހެން ޕާޓީތަކަށް ދޭން ބޭނުންވަނީ އެންމެ 27 ދާއިރާ ކަމަށް ވެސް އޭގައި ބުނެފައެވެ.
އެ ލިސްޓުގައިވާ ގޮތުން އެމްޑީޕީން ކުރިމަތިލާ 60 ދާއިރާއިރާގެ ތެރެއިން އިއްތިހާދުގެ އެހެންޕާޓީތަކުގެ އެހީތެރިކަން ބޭނުންވަނީ 14 ދާއިރާއަކަށެވެ. އެހެންނަމަވެސް ކޯލިޝަންގެ އެހެން ޕާޓީތަކަށް ދޫކޮށްފައިވާ 27 ދާއިރާއަށް ވެސް އެމްޑީޕީން ތާއީދުކޮށް އެހީވާނެއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި މިކަމުގައި އެއްގަލަކަށް ނޭރިގެން އުޅެނީ އެމްޑީޕީ އިން ކޮންމެހެން ވާދަކުރަން ބޭނުންވާ ދާއިރާތަކަށް ކޯލިޝަންގެ އެހެން ޕާޓިއަކުން ވާދަކުރަން ނިންމުމުންނެވެ.
ކޮންމެ ގޮތެއްވިޔަސް އެމްޑީޕީން ގޮތެއް ނިންމާނީ މިރޭގެ ޤައުމީ މަޖިލީހުންނެވެ.