
ޤައުމު ތަރައްޤީ ކުރުމަށްޓަކައި ރަނގަޅު ޖީލެއް އުފައްދަން ޖެހޭކަމަށާއި، ކޮންމެ މީހެއްގެ ވާޖިބަކަށް ވާންވާނީ ތުއްތު ކުދިންނަށް ހެޔޮ ގޮތުގައި ތަޢުލީމު ފޯރުކޮށްދީ މާދަމައަށްޓަކައި އެކުދިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ، ހއ. ދިއްދުއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އަމިއްލަ ފަރާތަކުން އިންތިޒާމުކޮށްގެން ދިއްދޫގައި ބޭއްވި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖޭގައި މިއޮތް އިސްލާމީ ވަހުދަތު ދެމެހެއްޓުމަށްޓަކައި ދީނީ އެއްބައިވަންތަކަން ޤާއިމުކުރުމަށާއި ދީނީ ވާޖިބުތައް އަދާ ކުރުމަށް ބާރުއެޅުމަށްޓަކައި މިސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާނެކަން ފާހަގަކުރައްވާފައެވެ.
މިގޮތުން މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޙައްޖުގެ އަޅުކަންކުރުމަށްޓަކައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް މަސައްކަތްކުރައްވާނެ ކަމަށާއި، މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދިނުމުގެ މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ވިދާޅުވެފައެވެ.
މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު ޝަމްޞަދާގެ އިތުރުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޚަބަރު: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް