
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް މިއަދު އައްޑޫ ސިޓީ ކައުންިސލާ އާއި ބައްދަލު ކުރައްވައިފިއެވެ. މިއީ އޮފީހާ ޙަވާލުވެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ބޭއްވި މިފަދަ ފުރަތަމަ ބައްދަލުވުމެވެ. މިއަދުގެ ބައްދަލު ކުރެއްވުމުގައި އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤް އާއި ކައުންސިލަރުން އަދި މަޖިލީހުގައި އައްޑޫ ތަމްސީލު ކުރައްވާ އެމްޑީޕީ އަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރިޔާސީ ކެންޕޭނުްގެ ދުވަސްވަރު ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް ވަނީ އައްޑޫ ރައްޔިތުންނަށް ބޮޑެތި ވަޢުދުތަކެއް ވެ ވަޑައިގެންފައެވެ. އެގޮތުން އެމަނިކުފާނުގެ ރިޔާސަތުގެ ފުރަތަމަ 100 ދުވަހު އައްޑޫ ސިޓީ އަށް 34 ކަމެއް ކޮށްދެއްވާނެ ކަމަށް ވަޢުދުވެ ވަޑައިގެންފައިވެއެވެ.
އޭގެތެރޭގައި އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ އަށް ހައްލެއް ހޯއްދަވައި ދެއްވުމާއި، ޕާސްޕޯޓުގެ ޚިދްމަތް ފަސޭހަކޮށް ދިނުމުގެ ގޮތުން ފޭދޫ އާއި ހުޅުދޫގައި ޕާސްޕޯޓަށް އެޕްލައި ކުރުމުގެ ޚިދްމަތް ދެވޭ ގޮތް ހެއްދެވުމާއި، އައްޑޫ ޑިވެލޮޕްމެންޓް މާސްޓަރ ޕްލޭނެއް 3ޑީ ކޮށް ކުރަހައި ވީޑީއޯ ހެދުމަށް މަގު ފަހިކޮށްދެއްވުމާއި، ބޯހިޔާވަހިކަމާއި އިޤްތިޞާދީ މަސައްކަތް ހިއްކަންޖެހެ ހުރިހާ ބިމެއް އެއްފަހަަރާ ހިއްކަން ފެށްޓެވުމާއި، ދައުލަތުގެ ބޭނުންތަކަށް ނަގާފައިވާ ބިންތަކުގެ ބަދަލުގައި ގޯތި ހަވާލު ކުރުމާއި، ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުން ހިމެނެއެވެ.
މީގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ އިން އަތޮޅުގެ ރައްޔިތުންނަށް ދެމުންގެންދާ ޚިދްމަތްތައް ފޭދޫ އާއި ހުޅުމީދޫ އިން ލިބޭނެ ގޮތް ހެއްދެވުން ހިމެނެއެވެ.