މުލިއާގެ ލިބުނުއިރު އެތަން ވަނީ ވަރަށްބޮޑަށް ހަލާކުވެފައި: މާރިޔާ

މާރިޔާ އަހްމަދް ދީދީ ނިއުސް ކޮންފަރެންސްއެއްގައި: ފޮޓޯ ވީ

ރައީސް މުންތަޚަބު އިބްރާހީމް މުޙައްމަދު ޞާލީޙު ދިރިއުޅުއްވުމަށް ހަމަޖައްސަވައިފައިވާ މުލިއާގެ ލިބުނުއިރު އެތަންވަނީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ތަރުޖަމާނު މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ރިޔާސީ ކެމްޕޭނުގައި އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވަނީ އެމަނިކުފާނާއި އެމަނިކުފާނުގެ ނާއިބު ފައިޞަލް ނަސީމް ދިރިއުޅުއްވާނީ ދައުލަތުން ހަމަޖެއްސެވި ތަނެއްގައި ކަމަށެވެ. އެގޮތުން އެމަނިކުފާނު އުޅުއްވުމަށް ދައުލަތުން ހަމަޖައްސަވައިފައިވަނީ މުލިއާގެއެވެ. ފައިޞަލް ނަސީމް އުޅުއްވުމަށް ހަމަޖެހިފައިވަނީ ހިލާލީގެއެވެ.

"ރައީސް ޞާލިޙު ދިރިއުޅުއްވަން މިހާރު ހަމަޖެހިފައިވަނީ މުލިއާގެ. މުލިއާގެ އަޅުގަނޑުމެންނަށް ލިބުނުއިރު އެތަންއޮތީ ވަރަށް ބޮޑަށް ހަލާކުވެފައި. އެހެންވީމާ އެތަނުގެ މަރާމާތުތައް ކުރިއަށްއެބަދޭ. އަދި އަޅުގަނޑުމެންނަކަށް ހިލާލީގެ މިގޮތަށް ބަލާލާން ވެސް ނުއެއް ވަދެވޭ. އެހެންވީމާ ހީލާލީގެ ހަލާކުވެފައިވަނީ ކިހާވަރަކަށްތޯއާއި މަރާމާތު ކުރަންޖެހެނީ ކިހާވަރަކަށްތޯ އަދިއެއްނޭނގޭ،" މާރިޔާ ވިދާޅުވިއެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާ އުޅުއްވުމަށް އެމަނިކުފާ  ހަމަޖައްސަވައިފައިވަނީ ތީމުގެއެވެ. އެހެންނަމަވެސް ތީމުގެ ޒަމާނީ ފެންވަރަށް ހެދުމަށް އެމަނިކުފާނު ވަނީ މުލިއާގެއަށް ބަދަލުވެ ވަޑައިގެންފައެވެ. އޭރު ހިލާލީގެ ބޭނުން ކުރެއްވީ ބޭރުން ރާއްޖެ ވަޑައިގަންނަވާ މެހުމާނުންނަށް ޚާއްސަ ގެއެއްގެ ގޮތުގައެވެ. އެހެންނަމަވެސް ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންވަނީ ހިލާލީގެއަކީ ނާއިބު ރައީސް ހުންނަވާ ގެކޮޅު ކަމަށް ހަމަޖައްސަވައިފައެވެ. އަދި ރައީސް ހުންނަވާނީ މުލިއާގޭގައި ކަމަށް ހަމަޖައްސަވައި ފައެވެ. އަދި ތީމުގެ އަކީ ސްޕްރީމްކޯޓު ކަމަށް ވެސް ރައީސް ނަޝީދު ވަނީ ހަމަޖައްސަވައިފައެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ފުރަތަމަ އުޅުއްވީ އަމިއްލަ ގެކޮޅުގައެވެ. ފަހުން ވަނީ ހިލާލީގެއަށް ބަދަލުވެ ވަޑައިގެންފައެވެ. މުލިއާގެ ބޭނުން ކުރެއްވީ ބައްދަލުވުންތަކާއި ޕާޓީގެ ބައެއް ކަންކަމުގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.