
ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު މިނިވަންކޮށް ދެއްވުނަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ޤަރާރު މިއަދު ފާސްކުރައްވައިފިއެވެ.
މި ޤަރާރު ފާސް ކުރަން ވޯޓު ދެއްވީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 66 މެމްބަރުންގެ ތެރެއިން 57 މެމްބަރުންނެވެ. އެއާ ދެކޮޅަށް ވޯޓު ދެއްވީ 9 މެމްބަރުނެވެ. އެޤަރާރަކީ ރައީސް ނަޝީދު މިނިވަން ކޮށްދެއްވުމަށް ސްޕްރީމް ކޯޓަށާއި ޕްރޮސެކިޔުޓަރ ޖެނެރަލްއަށް އިލްތިމާސް ކުރެއްވުމުގެ ގޮތުން ފާސް ކުރެއްވި ޤަރާރެކެވެ. ރައްޔިތުންގެ މަޖިލީހަށް މި ޤަރާރު ހުށަހެޅުއްވީ ގަލޮޅު އުތުރުދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ އެވެ.
މިޤާރާރު ފާސްވުމުގެ ކުރިން ޕްރޮސެކިޔުޓަރ ޖެނެރަލް ވަނީ ރައީސް ނަޝީދުގެ މައްޗަށް ކުރައްވައިފައިފައިވާ 13 އަހަރުގެ ޖަލު ޙުކުމް މުރާޖަޢަ ކޮށްދެއްވުމަށް އެދި ސްޕްރީމް ކޯޓަށް ހުށަހަޅުއްވައިފައެވެ. އެ ހުށަހެޅުއްވުމާ އެއްގޮތަށް އެކަން ބައްލަވައި ނިމެންދެން ސްޕްރީމް ކޯޓުންވަނީ ރައީސް ނަޝީދު މިނިވަން ކުރައްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުން މިޤަރާރު ފާސްކުރެއްވިޔަސް މަޖިލީހަކަށް ރައީސް ނަޝީދު މިނވަނެއް ނުކުރެއްވެވޭނެއެވެ. އެކަން ކުރެއްވޭނީ ޕީޖީ މެދުވެރި ކުރައްވައި ސްޕްރީމް ކޯޓަށް ހުށަޅުއްވައިގެން ކޯޓުން ކަމަށް ޤާނޫނީ ވަކީލުން ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ ސާބިތުވެ 13 އަހަރުގެ ޖަލު ޙުކުމެއް ކްރިމިނަލް ކޯޓުން ކުރެއްވީ އެމަނިކުފާނު ޤާނޫނާ ޚިލާފަށް ކްރިމިނަލްކޯޓުގެ ކުރީގެ ޤާޒީ ޢަބްދުﷲ މުޙައްމަދު ބަންދު ކުރެއްވުމުންނެވެ.