ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި ފަޤީރުން ހޯދުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން މިދިޔަ ބުރާސްފަތި ދުވަހު މަސައްކަތް ފަށައިފިއެވެ. މިއީ މިގޮތުން ކުރިއަށް ގެންދެވޭ ފުރަތަމަ ބުރެވެ. މިބުރުގައި 6 އަތޮޅަށް މިނިސްޓްރީއިން ބޭފުޅުން ތަމްރީންކޮށް ވަނީ ފޮނުވާފައެވެ. ފުރަތަމަ ބުރުގައި މިނިސްޓްރީގެ އަމާޒު ހުރީ އާބާދީ ބޮޑު އަތޮޅުތަކަށެވެ. އެއީ ލ.އަތޮޅު، ގދ ، ތ އަދި އދ އަތޮޅެވެ.
އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ގުޅިގެން މިނިސްޓްރީއިން ކުރިއަށް ގެންދާ މަސައްކަތުގައި ފާއިތުވެ ދިޔަ އަހަރުތަކާއި ޚިލާފަށް ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގައި ބަލައި މިންގަނޑުތަކެއް ކަނޑައަޅައި، ލިސްޓްގައި ހިމަނާ ނަންތަކަކީ ފަޤީރުންކަން ކަށަވަރު ކުރުމުގެ މަސައްކަތްތަކެއް ކުރެވޭނެއެވެ. އެގޮތުން، ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރެވެނީ އާމްދަނީ ގޮތުގައި ދުވާލެއްގެ މައްޗަށް 44 ދިވެހި ރުފިޔާ ނުލިބޭ ފަރާތްތަކެވެ. މިލިސްޓުގައި ނަން ނޯޓް ކުރުމަށް ފޯމެއް ފުރަން ޖެހެއެވެ. މި ފޯމް ރަށު ކައުންސިލްތަކުން ލިބެން ހުންނާނެއެވެ. އަދި ފޯމް ބަލައިގަތުންވެސް ކުރިއަށް ދަނީ ރަށު ކައުންސިލް އިދާރާތަކުންނެވެ. ރަޖިސްޓްރީ ކުރެވޭ ފަރާތްތަކަކީ ފަޤީރުންކަން ކަށަވަރު ކުރުމަށް ފޯމާއި އެކު ހުށައަޅަން ޖެހޭ ލިޔެކިޔުންތަކެއް ފޯމްގައި ބަޔާން ކުރެވިފައިވެއެވެ.
ލި ލިސްޓުގައި ނަން ނޯޓް ކުރުމަށް މި ބުރުގައި މަސައްކަތް ކުރިއަށް ދާ އަތޮޅުތަކުގައި ނަން ނޯޓް ކުރުން ކުރިއަށް ދަނީ ވަކި ތާވަލެއްގެ ދަށުން ވަކި ދުވަސްތަކެއްގައެވެ. އެެ ތާވަލު ތިރީގައި މިވަނީ އެވެ.
ލ. އަތޮޅާއި ނ. އަތޮޅާއި ރ. އަތޮޅުގައި މި މެއި މަހުގެ 26 -27 -28 ވަނަ ދުވަހުގެ ނިޔަލަށް
ތ. އަތޮޅުގައި މި މެއި މަހުގެ 28 – 29 – 30 ދުވަހުގެ ނިޔަލަށް
ގދ. އަތޮޅުގައި މި މެއި މަހުގެ 29 – 30 – 31 ދުވަހުގެ ނިޔަލަށް
ލ. އަތޮޅުގައި މި މެއި މަހުގެ 28 – 29 – 30 ދުވަހުގެ ނިޔަލަށް
އދ. އަތޮޅު އަދި ޅ. އަތޮޅުގައި މި މެއި މަހުގެ 28 – 29 – 30 ދުވަހުގެ ނިޔަލަށް
ވީމާ، މި ރަށްތަކުގެ ހުރިހާ ރައްޔިތުންގެ ފަރާތުންވެސް މި މަސައްކަތަށް އެއްބާރުލުން ދެއްވާ ފަޤީރުންގެ ގޮތުގައި ނަން ނޯޓް ކުރަން ޖެހޭ އެއްވެސް މީހަކު ވާނަމަ އެފަރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިމިނިސްޓްރީއިން އެދެއެވެ.