ބިއެމްއެލް އަކީ މުޅި ޤައުމު ފަޚުރުވެރިވާފަދަ ބޭންކެއް - ސީއީއޯ

Bank_of_Maldives_CEO_Andrew_Healy_at_the_launching_of_USD_ATMs

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ނުވަތަ ދިވެހި ޤައުމީ ބޭންކަކީ މުޅި ޤައުމު ފަޚުރުވެރިވާފަދަ ބޭންކެއްކަމަށް އެބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، ރޭ ކުރުނބާ މޯލްޑިވްސް ގައި ބޭއްވި އެބޭންކުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އޭނާގެ ވާހަކަފުޅުގައި އެ ބޭންކަކީ ދިވެހިންގެ ބޭންކެއްކަމަށާއި އެބޭންކުގެ ދިވެހި މުވައްޒަފުންނަށާއި ބޭންކުން މުޅި ރާއްޖޭގެ އެކިކަންކޮޅުތަކަށް ނިސްބަތްވާ ދިވެހި ފަރުދުންނާއި، އާއިލާތަކާ އަދި ވިޔަފާރިތައް ކުރިއެރުވުމުގައި ބޭންކުން އަދާކުރަމުންދާ މުހިންމު ދައުރުގެ މައްޗަށް ބައްލަވާލެއްވިއެވެ. ރޭވަނީ ބޭންކް އޮފް މޯލްޑިވްސްގެ ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ރެކޯޑް އަދަދެއް ދޭން ނިންމާފައެވެ.
ރާއްޖޭގައި ބީއެމްއެލް އިން ކުރަމުންދާ އިންވެސްޓްމަންޓްތަކަށް ލިބުނު ޝަރަފްވެރި ބައިނަލްއަޤްވާމީ އެވޯޑަށްފަހު ބީއެމްއެލްގެ ސީއީއޯ ވަނީ ރޭ އަލިއަޅުވާލައްވަފައެވެ.

" މިއީ ދިވެހި ބޭންކެއް. މި ބޭންކުގެ މިލްކުވެރިންނަކީ ދިވެހިން. ބޭންކުގެ 850 މުވައްޒަފުންގެ ތެރެއިން 845 މުވައްޒަފުންނަކީވެސް ދިވެހިން. އަޅުގަނޑުގެ ފަހަތުގައި ތިއްބެވި ހުރިހާ ބޯޑު މެންބަރުންނަކީވެސް ދިވެހިން. ބޭންކް އޮފް މޯލްޑިވްސް ގެ ހާލަތު މިހާރު މި އޮތީ ވަރަށް ރަނގަޅަށް، އަދި ބޭންކުން މިދަނީ މި ޤައުމުގެ ކުރިއެރުމަށް ނުހަނު ބޮޑަށް އެހީތެރިވަމުން. އަދި ކުރިއަށްއޮތް ތަނުގައިވެސް އަޅުގަނޑުމެން މި ގޮތަށް އިންވެސްޓްކުރަމުންދާނަން. މިއީ ތިޔަ ބޭފުޅުންގެ ބޭންކް. ތިޔަ ބޭފުޅުންގެ ދިވެހި ބޭންކް. އެ ބޭންކަކަށްޓަކައި ތިޔަބޭފުޅުން ފަޚުރުވެރިވާ ބޭންކް." އެންޑްރޫ ހީލީ ވިދާޅުވިއެވެ.

އޭނާ ރޭ ވިދާޅުވީ، ދިވެހި ކޮންމެ އާއިލާއެއްގެ ދިރިއުޅުމާ އެ ބޭންކާ ވަނީ ގުޅިލާމެހިފައިކަމަށާ، އެގޮތުން އެންމެ ތުއްތުކުދިންނަށް އަމާޒުކޮށް ތަޢާރަފްކޮށްފައިވާ ކިޑްސް ސޭވަރ އެކައުންޓާއި، ދަރިވަރުން މަތީ ތައުލީމް ހާސިލްކުރުމަށް ތަޢާރަފްކޮށްފައިވާ "ކިޔަވާ" ލޯނާއި، އަލަށް ޒަވާޖީ ހަޔާތެއް ފަށާ، ފަރާތްތަކާއި އާއިލާތަކަށް އަމާޒުކޮށްގެން ތަޢާރަފްކޮށްފައިވާ ހައުސިންގ ލޯނާއި، ދަތުރުވެރިންނަށް ކްރެޑިޓް އަދި ޑެބިޓް ކާޑާއި ބޭރުފައިސާ މާރުކުރުމުގެ ޚިދުމަތް، އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކުދިއަދިމެދު ފަންތީގެ ވިޔާފާރިތަކާއި ކުންފުނިތަކަށް ދޫކުރާ ވިޔަފާރި ލޯނު، އަދި ދޯނި ބޭންކިންގ ޚިދުމަތް މެދުވެރިކޮށް އުމުރުން ދުވަސްވީ ފަރާތްތަކަށް ޕެންޝަން ފައިސާ ފޯރުކޮށްދޭ ޚިދުމަތް އެންޑްރޫ ހީލީ ފާހަގަކުރެއްވިއެވެ.

އެންޑްރޫ ވިދާޅުވީ " އަޅުގަނޑުމެން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭ އިރު އެބޭފުޅުންވެސް އަޅުގަނޑުމެންނާ ހަމަޔަށް އެބަ ވާސިލްވޭ. މިދިޔަ އަހަރު 15,000 ކަސްޓަމަރުން ބޭންކާ އަލަށް ގުޅުނުއިރު ޖުމްލަކޮށް ބޭނކުން މިދަނީ 265,000 ކަސްޓަމަރުންނަށް ޚިދުމަތްދެމުން. ދިވެހި ކޮންމެ އާއިލާ އަކާ އަޅުގަނޑުމެން މިވަނީ ގުޅިލާމެހިފައި. ޒުވާނުންނާއި މުސްކުޅިން އަދި އެދެމެދުގެ އެންމެހާ ރައްޔިތުންގެ ދިރިއުޅުމާ އަޅުގަނޑުމެން މިވަނީ ގުޅިލާމެހިފަ." ކަމުގައެވެ.
އެންޑްރޫ ވިދާޅުވީ 2015 ވަނަ އަހަރަކީ ބޭންކް އޮފް މޯލްޑިވްސް އަށް ވަރަށް ފައިދާވި އަހަރެއްކަމަށެވެ. އަދި 2016 ވަނަ އަހަރު ފުރަތަމަ ހަތަރު މަސް ނިމިގެން މިދިޔައީވެސް ހަމަ އެހާމެ ހަރުދަނާކޮށްކަމަށާ، ވިޔަފާރީގައި ރަނގަޅު ކާމިޔާބީތަކެއް ލިބެމުން އަންނަ ހިނދު، ކުރިއަށްއޮތް ތަނުގައިވެސް އެބޭންކުން މަސައްކަތްކުރާނީ ދިވެހިރާއްޖޭގެ ވިޔަފާރިތަކާއި، އަމިއްލަ ފަރުދުންނާއި، އާއިލާތަކަށް އެފަރާތްތަކުގެ ބޭނުންތައް ހާސިލްކުރުމަށް އެހީތެރިވުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ މުޅި ރާއްޖެ ހިމެނޭ ގޮތަށް 29 ބްރާންޗް، 76 އޭޓީއެމް، 3200 ޕީއޯއެސް މަރޗަންޓުން، 177 ކޭޝް އޭޖެންޓުން، 14 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 5 ދޯނި ބޭންކިންގ ޔުނިޓް އެކުލެވޭ ބޭންކިންގ ވިއުގަޔަކާއެކު ބީއެމްއެލް އަކީ ރާއްޖޭގައި ހިންގާ އެހެން ހުރިހާ ބޭންކަކަށް ވުރެ ބޮޑު އިންވެސްޓްމަންޓަކާއެކު މުޅި ރާއްޖެ އަށް ބޭންކިންގ ޚިދުމަތްފޯރުކޮށްދޭ ދިވެހިރާއްޖޭގެ އެންމެ ބޮޑު ބޭންކެވެ.

ބޭންކް އޮފް މޯލްޑިވްސް އަށް ދާދި ފަހުން ވަނީ ކެޕިޓަލް ފައިނޭންސް އިންޓަނޭޝަނަލް އިން "މޯސްޓް އިނޮވޭޓިވް ބޭންކިންގ ޓީމް އިން ދި އިންޑިޔަން އޯޝަން" ގެ ޝަރަފްވެރި އެވޯޑު ލިބިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.