ރައީސް ނަޝީދުގެ މައްސަލަ އަވަސް ކޮށްދެއްވާ: އެމްޑީޕީ

ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރައްވައިފައިވާ 13 އަހަރުގެ ޖަލު ޙުކުމާއި، އެ މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުންނާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތައް އަލުން މުރާޖަޢަ ކޮށްދެއްވުމަށް އެދި ޕްރޮސެކިޔުޓަރޖެނެރަލް ސްޕްރީމްކޯޓަށް ހުށަހަޅުއްވައިފައިވާ މައްސަލަ އަވަސް ކޮށްދެއްވުމަށް އެދި އެމްޑީޕީން އިލްތިމާސް ކުރައްވައިފިއެވެ.

އެމައްސަލަ މުރާޖަޢާ ކޮށްދެއްވުމަށް ޕީޖީން ސްޕްރީމް ކޯޓަށް ހުށަހެޅުއްވީ އެމްޑީޕީން އެދުމުން ކަމަށްވާތީ އެގޮތަށް ޢަމަލުކޮށްދެއްވީތީ އެޕާޓީންވަނީ ޕީޖީއަށް މަރުޙަބާއާއި ޝުކުރު ދަންނަވައިފައެވެ.

އެމްޑީޕީން ބުނެފައިވަނީ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުށް ސާބިތުކުރުމުގެ އިޖުރާއަތު ހިންގައިފައިވަނީ ރާއްޖޭގެ ޤާނޫނުތަކާއި، ބައިނަލްޢަޤުވާމީ އުސޫލުތަކާ ހަމަތަކާވެސް ކަނޑައެޅިގެން ޚިލާފަށް ކަމަށެވެ. އދ. ގެ ވަރކިންގ ގުރޫޕް އޮން އަރބިޓްރަރީ ޑިޓެންޝަންއާއި، ހިއުމަންރައިޓްސް ކޮމިޓީ އިންވެސް ވަނީ ކުރިމިނަލް ކޯޓުގެ ނިންމުމުގައި ހުރި އިޖުރާއީ އަދި މައުޟޫޢީ ގޯސްތައް ފާހަގަކޮށް، ރައީސް މުޙައްމަދު ނަޝީދު ވަގުތުން މިނިވަންކުރުމަށް އަންގަވައިފައި ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

ރައީސް ނަޝީދުގެ މައްޗަށް ކުރައްވައިފައިވާ ޙުކުމަކީ ދިވެހިރާއްޖޭގެ ގިނަ ޢަދަދެއްގެ ރައްޔިތުންގެ މަސްލަޙަތާއި، ރާއްޖޭގެ ސިޔާސީ ނިޒާމާ ގުޅިފައި އޮތް ޙައްސާސް މައްސަލައެއް ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ. "އެހެންކަމުން އެ މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަރަށް އަވަހަށް ގޮތެއް ނިންމަވައި ދެއްވުމަކީ މި ޕާޓީގެ ވަރަށް ބޮޑު އެދުމެކެވެ." "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލައިގައި ނިންމަވާ ގޮތަކީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށް މުހިންމު ފިޔަވަޅަކަށްވާނޭތީ، އެ މައްސަލައިގައި އަވަސް ނިންމުމެއް ލިބޭނޭ ގޮތް ހަމަޖެއްސެވުމަކީ މިވަގުތު އެންމެ މުހިންމު ކަންތަކަށް ވާނޭތީ އެ މައްސަލައިގެ ނިންމުން އަވަސްކޮށްދެއްވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިލްތިމާސްކުރަމެވެ." އެމްޑީޕީން ބުނެފައިވެއެވެ.

އެމްޑީޕީން ބުނެފައިވަނީ ރައީސް މުޙައްމަދު ނަޝީދުގެ ކިބައިން ނިގުޅައިގެންފައިވާ މިނިވަންކަން އަނބުރައި ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތައް އެއްވެސް ފަސްޖެހުމެއް އަދި ހުއްޓުމެއްނެތި ކުރިއަށް ގެންދާނޭކަމުގެ ޔަޤީންކަން އެ ޕާޓީގެ މެންބަރުންނަށާއި، ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.