ރާއްޖެ މަތީގައި އުފެދުނު ކޮޅިގަނޑު ރާއްޖެ ފަހަނައަޅައި ހިނގައްޖެ

weathermaldives

މޭމަހުގެ 9 ވަނަ ދުވަހު ރާއްޖޭގެ އިރުމަތީގައި އުފެދުނު ކޮޅިގަނޑު މަޑުމަޑުން އުތުރަށް ދަތުރުކޮށް ސްރީލަންކާފަހަނައަޅައި  މިހާރު ވަނީ އިންޑިއާގެ އިރުމަތީ އައްސޭރިފަށާ ކައިރިން އުތުރު ބަނގާޅު ކަނޑު ސަރަޙައްދުގައި ކަމަށް މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާރވިސްއިން މިއަދު ބުނެފި އެވެ.

ރާއްޖޭގެ އިރުމަތީގައި އުފެދުނު ކޮޅިގަނޑު މަޑުމަޑުން އުތުރަށް ދަތުރުކޮށް އުތުރު ބަންގާޅު ކަނޑު ސަރަޙައްދަށް ވަނީ ދަތުރުކޮށްފައެވެ. އެ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ މިއަދު ވަނީ ޠޫފާނަކަށް ބަދަލުވެފައެވެ. އެ ޠޫފާނުގެ ނަމަކަށް ކިޔަނީ "ރޯނު" އެވެ. މިއީ ދިވެހި ނަމެކެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ބަންގާޅު ކަނޑުގެ ސަރަޙައްދުގައި އުފެދިފައިވާ ޠޫފާނު "ރޯނު" ރާއްޖެއާ ދުރަށް މިހާރު ދަނީ ދަތުރުކުރަމުންނެވެ.

ރާއްޖޭގެ އިރުމަތީގައި އުފެދުނު ކޮޅިގަނޑާ ގުޅިގެން ބޯ ވިއްސާރަ ވިލާތައް ވޭތުވެދިޔަ 10 ވަރަކަށް ދުވަހު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަރައި ގަދަވަޔާއެކު ގުގުރައި ވިއްސާރަކޮށް ރާއްޖޭގެ ބައެއް ރަށްރަށަށް ވަރަށް ގިނައިން ވާރޭވެހި ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުނުކަމަށް ރެކޯޑުކުރެވުނީ ތ. ވޭމަންޑުއަށެވެ. ވޭމަންޑުއަށް 170 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ. ވޭމަންޑޫގެ އިތުރަށް ލ. ކައްދުއަށް 107 މިލިމީޓަރުގެ ވާރޭވެހުނެވެ. އަދި ހުޅުލެއަށް 91 މިލިމީޓަރުގެ ވާރޭ ވެހުނުކަމަށް މެޓް އޮފީހުގެ ރެކޯޑުތަކުން ދައްކައެވެ.

ވޭތުވެދިޔަ 24 ގަދިއިރު ވައި އެންމެ ގަދަވިކަމަށް ރެކޯޑުކުރެވުނީ ގަޑިއަކު 52 މޭލު ބާރުމިނުގައި އައްޑުއަތޮޅު ގަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ލަފާކުރެވޭގޮތުގައި ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކޮށް އަދި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހޭނެއެވެ. ވައި ޖެހޭނީ އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ  ބާރުމިނުގައެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 55 މޭލާ ދެމެދުގެ ބާރު މިނުގައި ވައިގަދަވުން އެކަށީގެންވެއެވެ. ރާއްޖޭގެ ކަނޑުތައް ޢާންމު ގޮތެއްގައި ގަދަވާނެއެވެ. އެހެންވެ ހުރިހާފަރާތްތަކުން ޚާއްޞަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ބައްލަވައިގެން ދަތުރު ކުރެއްވުމަށް މެޓް އޮފީހުން އިލްތިމާސް ކުރަމުން އެބަގެންދެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.