ޕީޕީއެމްއިން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކުއްލި ކޮންގްރެސް ހުއްޓުވަންޖެހޭ ގާނޫނީ އެއްވެސް ހުއްޖަތެއްނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އެކޮމިޝަނުން އެގޮތަށް ނިންމެވީ މާދަމާ ބާއްވާ ޕީޕީއެމްގެ ކުއްލި ކޮންގްރެސް ހުއްޓުވައި ދެއްވުމަށް އެދި އެޕާޓީގެ ކުރީގެ ކައުންސިލް މެމްބަރު މުހައްމަދު ނަދީމު އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވި ސިޓީއަކާ ގުޅިގެންނެވެ.
މާދަމާ ބާއްވާ ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވައި ދެއްވުން އެދި އެޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަނބަލުން ޔުމްނާ މައުމޫން މިއަދުވަނީ ސިވިލްކޯޓަށް ހުށަހަޅުއްވައިފައެވެ. ޔުމްނާ ސިވިލްކޯޓުގައި އެދިވަޑައިގެންފައިވަނީ އެކަން ހުއްޓުވައި ދެއްވުމުގެ ވަގުތީ އަމުރަކަށެވެ.
ޕީޕީއެމްއިން މާދަމާ ބާއްވާ ކޮންގްރެސްގައި އެޕާޓީގެ ހުރިހާ މަގާމްތަކަށް މީހުން އިންތިޚާބު ކުރުމަށްވަނީ ހަމަޖެހިފައެވެ.