ދިވެހި ފުލުހުންގެ ޚިދުމަތް މިހާރަށްވުރެ ފުޅާކޮށް ރައްޔިތުން އެދޭ ފަދައިން ކޮންމެ ރަށަކުން ފުލުހުންގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ގިނަ ރަށްރަށުގައި ޕޮލިސް ޕޯސްޓް ބަހައްޓަން ނިންމައި އެކަމުގެ ތައްޔާރީތައް ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތް ރާއްޖޭގެ ކޮންމެ ރަށަކުން ލިބިގެން ދިއުމަށް ރަށްރަށުގެ ކައުންސިލްތަކުންނާއި ރައްޔިތުންގެ ފަރާތުން އެދެމުންދާތީ މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ލަފާ ހޯއްދަވައި މޯލްޑިވްސް ޕޮލިސް ސާވިސްގެ އެގްޒެކެޓިވް ބޯޑުގެ މަޝްވަރާއާއެކު ވީއެންމެ އަވަހަކަށް ގިނަ ރަށްރަށުގައި ޕޮލިސް ޕޯސްޓްތައް ޤާއިމްކޮށް ފުލުހުން އެރަށްރަށުގައި ބައިތިއްބަން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ވަނީ ނިންމަވާފައެވެ.
ޕޮލިސް ޕޯސްޓްތައް ބަހައްޓައި ފުލުހުންގެ ޚިދުމަތް މިހާރު ލިބެންނެތް 20 ރަށެއްގައި ފުލުހުންގެ ޚިދުމަތް ތަޢާރަފް ކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިޔަށް ގެންދަވާ ކަމުގައި ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން އާދަމް ވިދާޅުވިއެވެ. އޭސީޕީ ޙުސައިން އާދަމް ވިދާޅުވީ މިހާރު ހަމަޖެހިފައިވާ ގޮތަށް މަސައްކަތް ކުރިޔަށްދާނަމަ 2016 ޖޫން 1 ވަނަ ދުވަހުން ފެށިގެން 20 ރަށުގައި މުޅިން އަލަށް ފުލުހުން ތިބެންފަށާނެއެވެ. މި ރަށްރަށަށް ފުލުހުން ފޮނުވުމަށްޓަކައި އެކަމަށް ބޭނުންވާ ފުލުހުން މިހާރު ނަގައި ނިމިފައިވާ ކަމަށާއި އެފުލުހުންނަށް ބޭނުންވާ ޚާއްޞަ ތަމްރީނުތައް ކުރިޔަށް އޮތް ހަފްތާގައި ފެށިގެންދާނެ ކަމަށްވެސް ޙުސައިން އާދަމް ވިދާޅުވިއެވެ.
އަތޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް މުޅި ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ދާއިމަށް ފުލުހުން ބޭތިއްބުމަށް ފަށާ މި މަސައްކަތުގެ ދަށުން ފުރަތަމަ ފުލުހުން ބައިތިއްބާ 20 ރަށުގައިވެސް ބަރަކާތްތެރި ރަމްޟާންމަސް ފެށުމުގެ ކުރިން ފުލުހުން ތިބެން ފަށާނެއެވެ. މިއާއެކު އެ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ދާޢިމީ ގޮތެއްގައި ފަށައި ރައްޔިތުންނާ ގާތުން ފުލުހުން ރައްޔިތުންނާއެކު ގުޅިގެން މަސައްކަތްކޮށް އިޖުތިމާޢީ ޙާލަތު ދަމަހައްޓައި ކުށުގެ ނުރައްކާ ކުޑަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރައްޔިތުންނާއި ކައުންސިލާއެކު ގުޅިގެން ކުރަމުން ގެންދާނެއެވެ.
ޕޮލިސް ޕޯސްޓް ތަކުގައި މަސައްކަތް ކުރާނެ ފުލުހުން ނަގަމުންދަނީ ފުލުހުންގެ ތެރޭގައި އެކަމަށްޓަކައި އިއުލާނުކޮށް އެކަމަށް ކުރިމަތިލާ ފުލުހުންގެ ތެރެއިންނެވެ.
ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް މުޅި ރާއްޖެއަށް ފުލުހުންގެ ޚިދުމަތްދިނުމަށް ކުރަމުންދާ މަސައްކަތަކީ ފުލުހުންނަކީ ރައްޔިތުންނަށް ކުރިމަތިވާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭނެޖެހޭ ބަޔަކަށްވެފައި ކުށުގެ ނުރައްކާ ކުޑަކޮށް ޖިނާޢީ މައްސަލަތައް ތަޙުޤީޤު ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް ގެނައުމަށް ކުރެވޭ މަސައްކަތެކެވެ. ހަމައެހެންމެ ރަށްރަށުގައި އަމާން ވެއްޓެއް ޤާއިމްކޮށް ރައްޔިތުންނަށާއި މުދަލުގެ ރައްކާތެރިކަން ކަށަވަރުކަންމަތީ ދެމެހެއްޓުމަށް ކުރެވޭ މަސައްކަތް އިތުރު ކުރުމުގެ ގޮތުންނެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ 79 މަރުކަޒު 79 ރަށުގައި ހުރެއެވެ. އެ ރަށްރަށުގައި ދާޢިމީ ގޮތެއްގައި ފުލުހުން ދަނީ ޚިދުމަތް ދެމުންނެވެ.