
މުޅި ރާއްޖޭގައި މިއަދު ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓުލުން އެއްވެސް ސީރިއަސް މައްސަލައެއް ދިމާނުވެ ނިންމާލައިފިއެވެ.
ވޯޓުލާން ފެށީ ހެނދުނު 8:00 ގައެވެ. ނިންމާލަން ހަމަޖެހިފައިވަނީ ހަވީރު 4:00 ގައެވެ. އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަނުން ފަހުން ވަނީ މިރޭ 7:00 އަށް ވަގުތު އިތުރުކޮށްފައެވެ. މިރޭ 7:00 ގައި ހުރިހާ ފޮށިތައް ވަނީ ބަންދު ކޮށްފައެވެ.
މި އިންތިޚާބުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 472 ވޯޓުފޮށި ބަހައްޓައިފައިވެއެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ ޖުމްލަ މީހުންގެ އަދަދަކީ 262،135 މީހުންނެވެ. މީގެ ތެރޭގައި މުޅިން އަލަށް ވޯޓުލާ ޒުވާނުންގެ އަދަދު ސައުވީސް ހާހަށްވުރެ ގިނައެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރ އަދި ތަރުޖަމާނު އަކުރަމް ވިދާޅިވީ މިއަދު ވޯޓުލަމުން ދިޔައިރު އެއްވެސް ސީރިއަސް ޝަކުވާއެއް ލިބިފައިނުވާކަމަށެވެ. އެހެންނަމަވެސް ވަރަށް ކުދިކުދި ކަންކަން ދިމާވިއެވެ. ވޯޓުލުން ކުރިއަށް ގެންދިޔައީ އެކަންކަން ހައްލުކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ވޯޓުލައި ފޮށިތައް ބަންދުކުރުމަށްފަހު މިހާރު ގެންދަނީ ވޯޓު ގުނުމުގެ މަސައްކަތް ކުރަމުންނެވެ. ވޯޓު ގުނަނީ ވޯޓުލި މަރުކަޒު ތަކުގައެވެ.