މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން މާދަމާ ހެނދުނު 8 ޖަހާއިރު ފަށާނެއެވެ.
މާދަމާ ހެނދުނު 8 ޖަހާއިރު ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފެށިގެންދާއިރު ވޯޓުލުން ބަންދު ކުރަން ނިންމާފައިވާ ރަސްމީ ގަޑިއަކީ މާދަމާ ހަވީރު 4 ޖެހުމާއި ހަމައިންނެވެ. ކޮންމެ ވޯޓު ފޮއްޓެއްގެ ވޯޓު ގުނަން ފަށާނީވެސް ވޯޓު ފޮށި ބަންދު ކުރާތާ 30 މިނެޓު ފަހުންނެވެ.
އިލެކްޝަން ކޮމިޝަނުގެ ރައީސް ޝަރީފް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރާއްޖޭ ގަޑިން މާދަމާ ހެނދުނު 8 ޖަހާއިރު ވޯޓުލާން ނުފެށޭނީ އެންމެ ފޮއްޓެއްގައި ކަމަށެވެ. އެއީ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ބަހައްޓާފައިވާ ވޯޓު ފޮށި ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ރާއްޖޭ ގަޑިން މާދަމާ ހެނދުނު 8 ޖަހާއިރު ލަންޑަނުގައިވެސް ވޯޓުލާން ފަށަން ވެއްޖެނަމަ ވަރަށް ފަތިހު ލަންޑަނުގައި އުޅޭ ދިވެހިން ވޯޓުލާން ނުކުންނަން ޖެހޭނެތީ ލަންޑަނުގައި ވޯޓުލާން ފަށާނީ ރާއްޖެއަށްވުރެ ފަހުން ކަމަށެވެ. ލަންޑަނުގައި ރާއްޖެއަށްވުރެ ފަހުން ވޯޓުލާން ފަށާނެތީ ވޯޓު ގުނައި އެންމެ ފަހުން ނަތީޖާ އަންނާނީވެސް ލަންޑަނު ފޮށިން ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންވެ ލަންޑަނުގައި ބަހައްޓާ ފޮށީގެ ވޯޓު ގުނައި ނަތީޖާ ލިބޭނެ ކަމަށް ބެލެވެނީ ރާއްޖޭ ގަޑިން މާދަމާ ރޭ 11 ނުވަތަ 12 ޖަހާއިރުއެވެ.
ޝަރީފު ވިދާޅުވީ ލަންޑަނު ފިޔަވައި ވޯޓު ފޮށި ބަހައްޓާ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އަދި ރާއްޖެއިން ބޭރު ގައުމު ތަކުގައިވެސް ހެނދުނު 8 ޖަހާއިރު ވޯޓުލާން ނުފެށި ލަސްވާނީ އެންމެ ސަބަބެއް މެދުވެރި ވެގެންނެވެ. އެއީ ވޯޓު ފޮށި ކައިރީ ތިބެންޖެހޭ އިލެކްޝަން ކޮމިޝަނުގެ އޮފިޝަލުން ސީދާ ގަޑިއަށް ވަޑައިނުގެން ލަސްވެއްޖެ ނަމައެވެ.
އިލެކްޝަން ކޮމިޝަނުގެ އޮފިޝަލުން ޙާޒިރުވާންޖެހޭ ގަޑިއަށް ހާޒިރުނުވެ ލަސްވެގެން ވޯޓު ލުން ފަސްކުރަން ޖެހިއްޖެ ފޮއްޓެއްގެ ވޯޓެއް ނަމަ އެ ފޮއްޓަކަށް ވޯޓު ލައި ނިންމަންޖެހޭ ގަޑިވެސް ފަސްކޮށްދޭނެ ކަމަށް ޝަރީފު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެގޮތަށް ވޯޓު ލުން ފަސްވާނީ ހަމައެކަނި އެފޮށްޓެއްގެ އެކަނި ކަމަށާއި އެނޫން ހުރިހާ ފޮއްޓެއްވެސް ހެދުނު 8 ޖަހާއިރު ވޯޓު ލާން ފަށާނެ ކަމަށެވެ.