ގޮޅިން ބޭރަށް ވޯޓުގެ ފާހަގަ ދިޔަސް ބާތިލެއް ނުވާނެ- ޝަރީފް

މާދަމާ އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓު ލާއިރު ވޯޓު ކަރުދާސް ކޮޅުގައި ފާހަގަ ޖެހުމަށް އިންނަ ގޮޅިން ބޭރަށް ފާހަގަ ދިޔަސް އެ ވޯޓެއް ބާތިލް ނުވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން މިއަދު ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނުން ރާއްޖެ އާއި ބޭރުގެ މީޑިޔާ ތަކަށް މާދަމާގެ އިންތިޚާބާބެހޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިވަގުތު ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް ޝަރީފް ވިދާޅުވީ ވޯޓު ކަރުދާހުގައި ޖަހާ ފާހަގަ ގޮޅިން ބޭރަށް ގޮސްފައިވާ ނަމަ އެ ވޯޓެއް ބާތިލް ވާނެ ކަމަށްބުނެ މިހާރު ފަތުރަމުންދާ ވާހަކަތަކަކީ ދޮގެއް ކަމަށެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ފާހަގަ ޖަހާއިރު ގޮޅީގައި ޖެހުނަސް ނުވަތަ ގޮޅިން ބޭރަށް ފާހަގަ އެރިޔަސް ބާތިލެއް ނުވާނެއެވެ. އަދި ގޮޅީގައި ފާހަގަ ނުޖަހައި ކެންޑިޑޭޓުގެ ނަމާދިމާލު ފާހަގަ ޖެހިޔަސް ނުވަތަ ކެންޑިޑޭޓްގެ ޕާޓީގެ ލޯގޯއާ ދިމާލު ފާހަގަ ޖެހިޔަސް އެވޯޓު ބާތިލުނުކޮށް ސައްޙަ ވޯޓެއް ކަމަށް ބަލާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ގޮޅިން ބޭރުގައި އެގޮތަށް ފާހަގަ ލައިފިނަމަ ބަލާނީ ފާހަގައިގެ ބޯ އިންނަނީ ކޮން ކެންޑިޑޭޓެއްގެ ނަން އޮތް ދިމާލުގައިތޯއެވެ. މިސާލެއްގެ ގޮތުން ޝަރީފް ވިދާޅުވީ ކެންޑިޑޭޓް ނަންބަރު 2 އާ ދިމާލުގައި ފާހަގައިގެ ބޯ އިނދެފައި ފާހަގައިގެ މަތީ ފައިކަށި ކެންޑިޑޭޓް ނަންބަރު 1 އާ ދިމާލަށް ދަމާލާފައި އޮތަސް އެވޯޓު ބަލާނީ ކެންޑިޑޭޓް ނަންބަރު 2 އަށް ލާފައިވާ ފާހަގައެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ ފާހަގަ ލާއިރު ގޮޅިން ބޭރުގައި ހެޔޮ ފާހަގަ ލިޔަސް އެގޮތަށް ސައްޙަ ވޯޓެއް ކަމަށް ބެލި ނަމަވެސް ހެޔޮ ފާހަގަ ޖަހާއިރު ފާހަގައިގެ ބޮލުގެ ތެރޭގައި ހުސްތަންކޮޅެއް ހުދުކުލަ ފެންނަ ގޮތަށް އިނދެއްޖެނަމަ އެއީ ސައްޙަ ވޯޓެއް ކަމަށް ނުބަލާނެ ކަމަށެވެ.

ނަމަވެސް ބޮލުގެ ތެރޭގައި އިންނަ ހުދުތަންކޮޅު ނުފެންނަ ގޮތަށް އެތަން ގަލަމު ދެލިން ބައްދާލައިފިނަމަ އެއީ ސައްޙަ ހެޔޮ ފާހަގައެއް ކަމަށް ބަލާނެ ކަމަށާއި ވޯޓު ވޯޓުލާން އޮތް ގޮޅީގައި ނުވަތަ ކެންޑިޑޭޓުގެ ނަމާދިމާލުގައި ނުވަތަ ލޯގޯއާ ދިމާލުގައި ހެޔޮ ފާހަގައެއް ލާފައި މުޅި ވޯޓު ކަރުދާހުގައި ކުރަހާފައި އޮތަސް އެއީ ސައްޙަ ވޯޓެއް ކަމަށް ބަލާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.