ރައީސް ޔާމީނަކީ ދީނަށް ލޯބިކުރައްވާ ބަހާއި އަމަލު ދިމާވާ ބޭފުޅެއް

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ދީނަށް ލޯބިކުރައްވާ އަދި ބަހާއި އަމަލު ދިމާވާ ބޭފުޅެއް ކަމަށް އައްޝައިޚް މުހައްމަދު ރަޝީދު އިބްރާހީމް ރަޝީދު ވިދާޅުވެއްޖެއެވެ.

ޝައިޚް މުހައްމަދު ރަޝީދު އިބްރާހީމް ރަޝީދު މިހެން ވިދާޅުވީ ދަރުބާރުގޭގައި މިހާރު ކުރިއަށްދާ "ދީނީ އިލްމުވެރިންނާއި އިސްލާމީ މުފައްކިރުންގެ ބަސް" ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝައިޚް ވަނީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާއަށް ވޯޓު ދެއްވަންވީ ބައެއް ސަބަބުތައް ވިދާޅުވެދެއްވައިފައެވެ. ވެރިކަމަކީ ﷲ ދެއްވާ އެއްޗެއް ކަމަށާއި އެއީ މީހަކަށް ގަދަކަމުން ގަދަބާރުން ދަމައިގަނެވޭނެ ކަމެއްނޫން ކަމަށް ޝައިޚް މުހައްމަދު ރަޝީދު އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

"މަޚްލޫގުންތައް އުފެއްދެވުމުގެ މާކުރިން ދެހާސް އަށާރަވަނަ އަހަރުގެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ ކާކުކަންވަނީ ލިޔުއްވާފައި. އަދި އެ ރައީސުލްޖުމްހޫރިއްޔާގެ ރަނިންމޭޓަކީ ވެސް ކާކުކަންވަނީ ލިޔުއްވާފައި. އެހެންނަމަވެސް އަޅުގަނޑުމެންނަށް އެކަމެއްނޭނގޭ. ނޭނގުނީމައި އަޅުގަނޑުމެން މިޖެހެނީ ސަބުތަކުގައި ހިފައިގެން މަސައްކަތްކުރަން،" ޝައިޚް ވިދާޅުވިއެވެ.

މިހާރު ބަލަންވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރޭގައި އެކަމަށް އެންމެ ގާބިލް ބޭފުޅަކީ ކޮބައިތޯ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތަށް ބޭލުމަށްފަހު ވޯޓުދޭން ޖެހޭނީ ގާބިލް ބޭފުޅަކަށް ކަމަށް ޝައިޚް ވިދާޅުވިއެވެ. އަދި ރިޔާސީ ކެންޑިޑޭޓުންގެ ރަނިންމޭޓުންނަށް ބަލާއިރު އެކަމަށް އެންމެ ގާބިލް ބޭފުޅަކީ ކޮބައިތޯވެސް ބަލަންޖެހޭ ކަމަށް ޝައިޚް ވިދާޅުވިއެވެ. ވެރިއަކު އިޚްތިޔާރު ކުރަންވާނީ އެކަންކަމަށް ބެލުމަށްފަހު ކަމަށް ވެސް ޝައިޚް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ރާއްޖެއަކީ އިސްލާމީ ގައުމެއް ކަމަށާއި އެފަދަ ގައުމެއްގެ ވެރިއެއްގެ ގައިގައި ހުންނަންވާ ސިފަތައް މީހާރުގެ ރައީސްގެ ކިބައިގައި ހުރިތޯ ބަލަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

"ފުރަތަމަ ކަމަކީ އިސްލާމަކު ކަމުގައިވުން. ޝައްކެއްނެތް އެމަނިކުފާނަކީ އިސްލާމެއް. އަޅުގަނޑު އިސްލާމީ މަރުކަޒުގައި އިމާމުވެ ނަމާދުކުރާ ދުވަސްދުވަހު އަޅުގަނޑުގެ ފަހަތުގައި އެމަނިކުފާނު ނަމާދުކުރައްވާ. އެހެންވީމާ އަޅުގަނޑަށް ޔަގީން އެއީ މުސްލިމެއްކަން،" ޝައިޚް ވިދާޅުވިއެވެ. ކީރިތި ގުރުއާނާއި ހަދީސުން ދަލީލު ދައްކަވައި ޝައިޚް މުހައްމަދު ރަޝީދު އިބްރާހީމް ރަޝީދު ވިދާޅުވީ މިކަންކަމަށް ބަލާއިރު މިހާރުގެ ރައީސަށް ކިޔަމަންވުމަކީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބެއް ކަމަށެވެ. އެމަނިކުފާނަށް ނިސްބަތްކޮށް އެއްވެސް ގޯސް ވާހަކައެއް ދެއްކެވުމަކީ އެއްވެސް މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫންކަމަށްވެސް ޝައިޚް ވިދާޅުވިއެވެ.

ދެވަނަ ސިފައަކީ ބުއްދިވެރިއެއްތޯ ބެލުން ކަމަށާއި އެކަމަށް ބަލާއިރު އެއީ ބުއްދިވެރިއެއް ކަމަށްވެސް ވިދާޅުވިއެވެ. މިދައުރުގައި ރައްޔިތުންނަށް ވަރަށްގިނަ ކަންކަން އެބަކޮށްދެއްވާ ކަމަށާއި އެންމެން އެވާހަކަ އެބަދައްކާ ކަމަށްވެސް ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކުންވެސް އެކަން ގަބޫލުކުރާ ކަމަށް ޝައިޚް ވިދާޅުވިއެވެ. "އެމީހުން ބުނަނީ ކޮންކްރީޓް ޖަންގައްޔެކޭ. ކޮންކްރީޓް ވިޔަސް ޖަންގައްޔެއްތާ. ޖަންގައްޔެއް ވެސް ހަދާކަށް ނޭނގޭނެ ބުއްދިއެއްނެތް މީހަކަށް،" ޝައިޚް ވިދާޅުވިއެވެ.

ރައީސް ޔާމީނަކީ ރައްޔިތުން ހިތްހަމަޖެހޭ ފެންވަރަށް ވަރަށްގިނަ ތަރައްގީގެ ކަންކަން ކޮށްދެއްވާ ބޭފުޅެއް ކަމަށް ވެސް ޝައިޚް ވިދާޅުވިއެވެ. އަދި 6 ވެރިކަމެއް ދެކެވަޑައިގެންފި ކަމާއި ރައީސް ޔާމީންގެ ވެރިކަންކޮށްދެއްވާ ފެންވަރަށް ވެރިކަން ކުރެއްވި ބޭފުޅަކާ އަދި ދިމާނުވާ ކަމަށް ޝައިޚް ވިދާޅުވިއެވެ.

އިސްލާމީ ކަންކަން ރާއްޖެގައި ކުރިއެރުވުމަށް ކުރައްވާ މަސައްކަތުގައި އެއްވެސް ހުރަހެއްނެތި ރައީސް ޔާމީންގެ އެއްބާރުލެއްވުން ވަރަށް ބޮޑަށް ލިބިވަޑައިގަނަވާކަމަށާއި އެއިން އެނގެނީ އެމަނިކުފާނަކީ ދީނަށް ލޯބި ކުރައްވާ ބޭފުޅެއް ކަމަށްވެސް ޝައިޚް ވިދާޅިވިއެވެ. އެހެންވީމާ ޝައިޚް މުހައްމަދު ރަޝީދު އިބްރާހީމް ރަޝީދުގެ ބަސްފުޅަކީ ރައީސް ޔާމީނަށް ވޯޓު ދެއްވުން ކަމަށް އޭނާ ވިދާޅުވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.