
ރ. ފައިނުގެ ރައްޔިތުންނާއި ސްކޫލު ދަރިވަރުން ހޭލުންތެރިކުރުމަށް ހިންގިދާނެ ޕްރޮގްރާމްތަކާއި ގުޅޭގޮތުން ރ. ފައިނު ކައުންސިލް މެމްބަރުންނާއި ފައިނު ސްކޫލުގެ އިސްފަރާތްތަކާއި ފުލުހުން ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.
މިދިޔަ ހަފްތާގެ ބުދަ ދުވަހު ރ. ފައިނު ސްކޫލުގައި ބޭއްވި މި ބައްދަލުވުމަކީ ރ. ފައިނުގައި މިހާރު އޮތް އަމާން ވެށި އެގޮތުގައި ބޭއްވުމަށާއި ރައްޔިތުންނާއި ސްކޫލު ދަރިވަރުން ހޭލުންތެރިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމަށް ހިންގިދާނެ ޕްރޮގްރާމްތަކާއި ސްކޫލު ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގިދާނެ ޕްރޮގްރާމްތަކާއި ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އެގޮތުން އާއްމު އިޖުތިމާޢީ މިންގަނޑުތަކާއި ހިލާފު ޢަމަލުތައް ހުއްޓުވުމަށް ހޭލުންތެރިކުރުމާއި ގެވެށި އަނިޔާ އަށް ރައްޔިތުން ހޭލުންތެރިކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
މި ބައްދަލުވުމައި ރ. އިނގުރައިދޫގައި މަސައްކުރާ ފުލުހުންނާއި ރ. ފައިނު ކައުންސިލްގެ ރައީސް އާއި އެކައުންސިލް މެމްބަރުންގެ އިތުރުން ރ. ފައިނު ސްކޫލުގެ ޕްރިންސިޕަލް ބައިވެރިވެފައިވެއެވެ.