އެއްވެސް ދީނީ އިލްމުވެރިއަކު އެމްޑީޕީއާ ގުޅޭ ހިސާބަކީ އެމީހެއްގެ ދީނީ މެންޑޭޓް ނިމޭހިސާބު: ޑރ. ޝަހީމް

އެއްވެސް ދީނީ ޢިލްމުވެރިއަކު އެމްޑީޕީއާ ގުޅޭ ހިސާބަކީ އެމީހެއްގެ ދީނީ މެންޑޭޓް ނިމޭ ހިސާބު ކަމަށް ރާއްޖޭގެ އިސްލާމިކް ޔުނިވަރުސިޓީގެ ޗާންސެލަރ އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ ޕީޕީއެމުން އިންތީޒާމް ކޮށްގެން މާލޭގެ ސްޓޭޑިއަމް ސަރަހައްދުގައި ރޭ ބޭއްވި ސައިޒު ދައްކާ ލުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގެ ވަހުދަތު ނަގާލަން އިސްތިއުމާރީ ބާރުތަކުން ރާއްޖޭގައި އިންދި "ގަހެއް" ކަމަށެވެ. އެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ޝައިޚް އިމްރާނަށާއި، ރައީސް މައުމޫނަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އެމްޑީޕީއަކީ އިސްތިއުމާރީ ބާރުތަކުން ދިވެހިރާއްޖޭގެ އިސްލާމީ ވަހުދަތު ނަގާލަން މިތަނުގައި އިންދި ގަހެއްކަން އަޅުގަނޑުމެންގެ ތާރީޚުން ނެތްތޯ އެނގެން. މިކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ބޭފުޅުންނަކީ ޝައިޚް އިމްރާނާއި ރައީސް މައުމޫން ޢަބްދުލްގައްޔޫމް. އެއްވެސް ދީނީ އިލްމުވެރިއަކު އެމްޑީޕީއާ ގޮސް ގުޅޭ ހިސާބަކީ އެމީހެއްގެ ދީނީ މެންޑޭޓް ނިމޭ ހިސާބު. ވަރަށް ސާބިތުކަމާއެކީ މިދަންނަވަނީ ޖަދަލުކުރަން ވަޑައިގަންނަވާ،" ޝަހީމް ވިދާޅުވިއެވެ.

އެމްޑީޕީން ވަނީ އިސްލާމީ މާއްދާ އުވާލަން މަސައްކަތްކޮށް، އަރަބި އިސްލާމީ ތައުލީމް ނައްތާލަން މަސައްކަތް ކޮށްފައި ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގައި މީހުން އުޅޭ ރަށްރަށުގައި ބަނގުރާ އާންމުކުރަން މަސައްކަތްކުރި ކަމަށާއި، ނަވީޕިއްލޭ، ގެނެސްގެން ރާއްޖޭގެ އެންމެ ގަދަރުވެރި މުއައްސާ ކަމަށްވާ ރައްޔިތުންގެ މަޖިލީހުގައި އިސްލާމީ ހުކުމްތައް ބަދަލުކުރަން އޭނާ ލައްވައި ގޮވައިލި ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. މިއީ އެމްޑީޕީން ކޮށްފައިވާ ކަންކަން ކަމަށާއި އެވަރުގެ ބަޔަކަށް ރާއްޖޭގެ ރިޔާސަތު ހަވާލު ކޮށްގެން ނުވާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ދައުލަތުން އިއްޒަތް ދެއްވާފައިވާ ބައެއް ބޭފުޅުން ނުކުމެވަޑައިގެން ހެއްދެވުނު ގޯސް ރަނގަޅު ކުރައްވަންޖެހޭ ކަމަށް ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އެކަންކަން ރަނގަޅު ކުރައްވާ ކަމަށްވާނަމަ ރަނގަޅު ކުރައްވަން ފަށްޓަވަންޖެހޭނީ ކުރީގެ ރައީސް މަރުޙޫމް އިބްރާހީން ނާސީރަށް ކާޓޫން ކުރެހި ހިސާބުން ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. އެފަދަ ބޭފުޅުން މިހާރު ނުކުމެ އެތިއްބެވީ ވޯރާވިޔަފާރިވެރިން ރާއްޖެއިން ފައްސާލި ފަދައިން ޖީއެމްއާރުން ރާއްޖޭއިން ފޮނުވާލައި އެއާޕޯޓު ހޯއްދަވައި ތަރައްގީ ކުރައްވާ ރައީސަކާ ދެކޮޅަށް ކަމަށް ވެސް ވިދާޅުވިއެވެ.

ރޭ ޝަހީމް ވަނީ އިދިކޮޅު މެނިފެސްޓޯގެ ދީނީ ސިޔާސަތެއް ވެސް ނެތްކަމަށް ވިދާޅުވެފައެވެ. އިދިކޮޅު މެނިފެސްޓޯގެ ދީނީ ސިޔާސަތުގައި މިސްކިތްތައް ސިޓީ ކައުންސިލްތަކާ ހަވާލުކުރުން އޮތުން ފިޔަވައި އަލަށް އިތުރު އެއްވެސް ކަމެއް އޭގައި ނެތްކަމަށް ވެސް ޢިލްމުވެރިޔާ ޑރ. ޝަހީމް ވިދާޅުވިއެވެ.  އެންޑީޕީގެ ވެރިކަމުގައި ދީނީ އިލްމުވެރިން ތިބީ ޓެރަރިސްޓުންނަށް ހަދައިފައި ކަމަށާއި، އެމްޑީޕީގެ ދިފާއުގައި ޝައިޚް އިލްޔާސް ފަދަ ބޭފުޅުން ވެސް ވާހަކަ ނުދައްކަވައި ޕީޕީއެމަށް ވަޑައިގެންނެވުމަށް ޝަހީމް ވިދާޅވިއެވެ.

އިދިކޮޅުން މަސައްކަތް ކުރަނީ ހަނގުރާމަވެރި 4 ލީޑަރަކު ގޮވައިގެން އުޅޭނެ މީހަކު ހޮވަން ކަމަށާއި އެގޮތަށް އެކަން ކުރަން މަސައްކަތްކުރާއިރު ރާއްޖެއަކީ އަފްޣާނިސްތާން ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖެއަށް ބޭނުންވަނީ އުމާރާނީ ގޮތުން ރާއްޖެ ތަރައްގީކުރާނެ ވަރުގަދަ ފަލްސަފާ ވެރިއެއް ކަމަށާއި އެއީ ރައީސް ޢަބްދުﷲ ޔާމީން ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.