ބަންގަލްދޭޝްގައި ނިމިގެންދިޔަ ސާފް ސުޒުކީ ފުޓުބޯޅަ މުބާރާތުގެ ތަށި ހޯދީ ދިވެހި ގައުމީ ފުޓުބޯޅަ ޓީމް ދުނިޔޭގެ އެންމެބޮޑު މަތިންދާ ބޯޓު އޭ-380 ގެ ބޯޓެއްގައި ދެންމެ ރާއްޖެ އަތުވެއްޖެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭއަށް ގައުމީޓީމް ގޮވައިގެން ރާއްޖެއައި މި ބޮޑުބޯޓަކީ އައު ރަންވޭހުޅުވުމުގެ ގޮތުން ޖެއްސި ބޯޓުވެސްމެއެވެ. ގައުމީ ޓީމަށް މަރުހަބާ ދެންނެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ވެސް ވަޑައިގެން އެބަތިއްބެވިއެވެ.
ރަންވޭ ހުޅުވައި ދިވެހި ގައުމީޓީމަށް މަރުހަބާ ދެންނެވުމުގް ގޮތުން ދިވެހި ސިފައިން މިހާރު ގެންދަވަނީ ވައިކުޑާގައި ރަންވޭއަށް ފައިބަމުންނެވެ. އަދި ކަނޑަށް ޖައްސާ 6 ބޯޓެއްގެ ހަރަކާތްތައް ދަނީ ދައްކަމުންނެވެ. މޯލްޑިވިއަންގެ މި ބޯޓުތައް ދަތުރުކުރަމުންދަނީ 200 ފޫޓު ތިރިންނެވެ.
އިއްތިހާދު އެއާވޭސް މި ބޮޑު ބޯޓު ދުއްވަންއިން ކެޕްޓަނަކީ ވެސް ދިއްވެއްސެކެވެ. އޭނާގެ ނަމަކީ އަހުސަން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި ބޯޓުން ދިވެހި ގައުމީޓީމުގެ އިތުރަށް ބައެއް ފަތުރުވެރިން ވެސް ރާއްޖެއެވެ،
ގައުމީޓީމުގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ ވަނީ ގައުމީޓީމުން ހޯދި ތަށި ރައީސަށް އަރުވައިފައެވެ. އެތައްޓާއެކު ރައީސްގެ ދެކަނބަލުންނާއި އެމަނިކުފާނުގެ ހަނގު ދަރިކަލުން ވަނީ ތައްޓާއެކު ފޯޓޯއެއް ވެސް ނަންގަވައިފައެވެ. އެމަނިކުފާނު މިހާރު ގެންދަނީ ގައުމީޓީމުގެ ކުޅުންތެރިންނާ ވަކިވަކިން ބައްދަލު ކުރައްވަމުންނެވެ.
ދިވެހިގައުމީޓީމް ހޯދި ފުރިހަމަ ކާމިޔާބީ ފާހަގަކޮށް މަރުހަބާ ދެންނެވުމުގެ ގޮތުން އެއާޕޯޓުގައި މިހާރު ގެންދަނީ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އޭގެ ތެރޭގައި ސަގާފީ ކުޅިވަރު ހިމެނެއެވެ. ޓީމް މާލެއައުމަށް ހަމަޖެހިފައިވަނީ އެކަމަށް ޚާއްސަކޮށްފައިވާ ބަހެއްގައި ސިނަމާލެ ބްރިޖު ހުރަސްކޮށްފައެވެ.
ގައުމީޓީމުގެ ކުޅުންތެރިން ނިސްބަތްވާ ހުރިހާ ރަށަކަށް ތަށި ގެންދިޔުމަށް އެފްއޭއެމުންވަނީ ނިންމައިފައެވެ. ގައުމީޓީމުގެ ކެޕްޓަން އަކުރަމްގެ ފަހަތުގައި ތިބެގެން ތައްޓާއެކު ގައުމީ ޓީމް މިހާރުދަނީ ރަންވޭ ހުޅުވާސަރަހައްދަށެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭ ހުޅުވުމުގެ ރަސްމިއްޔާތު އިރުކޮޅަކުން ފެށިގެންދާނެއެވެ. މިއީ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގައި 60 މީޓަރުގެ ރަންވޭއެކެވެ.