ގާނޫނު އަސާސީއަށް ގެނެސްފައިވާ ބަދަލު އިޔާދަ ކުރާނަން: އިބޫ

މީހުންގެ ހައްގުތައް ނިގުޅައިގަތުމަށް މިސަރުކާރުން ވަނީ ގާނޫނު އަސާސީއަށް ބަދަލު ގެނެސްފައި ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމުގައި އެކަން އަލުން އިޔާދަކޮށްދެއްވާނެ ކަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

އިބޫ އެހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ފ. ބިލެތްދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އިރާދަކުރެއްވިއްޔާ ގާނޫނު އަސާސީއަށް އެގެނެވުނު ބަދަލާއި އަދިވެސް ހައްގުތައް ނިގުޅައިގަތުމުގެ ގޮތުން ގެނެވިފައިހުރި ބަދަލުތައް އަލުން އަނބުރާ އިޔާދަކޮށް މިރާއްޖެއަކީ މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް ކުރަންޖެހުނު ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ މިސަރުކާރުން ހައްގުތައް ނިގުޅައިގަތުމުގެ ގޮތުން ރައީސް ޔާމީން އެންމެ ފުރަތަމަ ވެސް ކުރެއްވި ކަމަކީ މަޖިލީހުގެ ބާރުކަނޑުވައިލެއްވީ ކަމަށެވެ. އެއަށްފަހު މެމްބަރުންނަށް ބިރު ދައްކައިގެން ގާނޫނުތައް ބަދަލުކުރުވީ ކަމަށް ވެސް ވިދާޅުވިއެވެ. "ހައްގުތައް ނިގުޅައިގަތުމުގެ ގޮތުން އެންމެ ފުރަތަމަ ވެސް ރައީސް ޔާމީން ކުރެއްވި ކަމަކީ ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލީ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ނުފޫޒު ފޯރުވައި ބިރުދައްކައިގެން ގާނޫނުތައް ބަދަލުކުރީ،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ މިއަދުވެސް ވަނީ ޖަލުގައި ތިބި ބައެއް ހައްގުތައް ނިގުޅައިގެންފައި ކަމަށެވެ. އެގޮތުން އެމީހުންގެ އާއިލީ ބައްދަލުވުންތަކާއި ފޯންކޯލްތައް ވެސް ނުލިބޭގޮތް ހަދައިފައި ކަމަށެވެ. އެ ހައްގުތައް އެމީހުންނަށް އަލުން ލިބޭނީ އިންތިޚާބަށްފަހު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.