ސަރަހައްދީ ގަދަބާރު އިންޑިއާ ބަލިކޮށް ރާއްޖެ ތަށިއުފުލާލައިފި

ސާކު ސަރަހައްދުގެ  ފުޓުބޯޅައިގެ ރަސްގެފާނު ގަދަފަދަ އިންޑިއާ 2-1 އިން ބަލިކޮށް ސާފު ސުޒުކީކަޕްގެ ޗެމްޕިއަންކަން ރާއްޖެ ހޯދައިފިއެވެ.

މިއީ މިމުބާރާތުގެ ތަށި ރާއްޖެ އުފުލާލި ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރަށް ވެސް ރާއްޖެ މިމުބާރާތް ކާމިޔާބުކުރީ ފައިނަލުގައި އިންޑިއާއާ ބައްދަލުކޮށް 1-0 އިން މޮޅުވެގެންނެވެ. އޭގެ 10 އަހަރުފަހުން އަނެއްކާވެސް ރާއްޖެ ޗެމްޕިއަންކަން މިހޯދީ އިންޑިއާއާ ބައްދަލުކޮށްގެންނެވެ.

ރާއްޖެ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލުގައި ނާޕާލާ ބައްދަލުކޮށް 3-0 އިން މޮޅުވެގެންނެވެ. ރާއްޖެއާއި އިންޑިއާ ގްރޫޕް ސްޓޭޖުގައި ބައްދަލުކުރިމެޗު 2-0 އިން ކާމިޔާބުކޮށްފައިވަނީ އިންޑިއާއެވެ. އެހެން ކަމުން ފައިނަލުގައި ރާއްޖެ މިވަނީ އިންޑިއާއާ ބައްދަލުކޮށް ބަލުހިފައިފައެވެ.

ފައިނަލްމެޗުގެ ފުރަތަމަ ދެލަނޑު ޖަހައި ކުރިހޯދީ ރާއްޖެއެވެ. ފުރަތަމަ ލަނޑު ޖަހައިދިނީ މެޗުގެ 19 ވަނަ މިނެޓުގައި އިބްރާހީމް މަހުދީ ހަސަން (ފޭދޫ އިއްބެ) އެވެ. އޭނާ މިލަނޑުޖެހީ ނާއިޒް ހަސަން (ދާދު) ދިން ބޯޅައަކުންނެވެ. ދެވަނަ ލަނޑު ޖަހައިދިނީ ފަހުހާފުގައި އަލީ ފާސިރު (ސެންޓޭ) އެވެ. އިންޑިއާގެ ލަނޑު ޖަހައިފައިވަނީ މެޗުގެ އިތުރުވަގުތުގެ ތެރޭގައެވެ.

ބަންގްލަދޭޝްގެ ޑާކާގެ ބަންގުބަންދު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ރާއްޖެ ކާމިޔާބުކޮށް ޗެމްޕިއަންކަން މިހޯދީ މިފަހަރުގެ ސޮކްޑް ނެގިގޮތާއި، ގްރޫޕް ސްޓޭޖުގައި ރާއްޖެ ނެރުނު ނަތީޖާއަށް ގިނަބަޔަކު ފާޑުކިޔަމުން ދަނިކޮށްނެވެ. ރާއްޖެ ސެމީއަށް ދަތުރުކުރީ ލަންކާއާ ހުރިހާ ގޮތަކުން އެއްވަރުވެ ގުރުއަތުލައިގެންނެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.