އިންތިޚާބު ކާމިޔާބު ކުރުމަށްފަހު މަޖިލީހުގައި އަޅުވާފައިވާތަޅު ހުޅުވާނަން: އިބޫ

ސެޕްޓެމްބަރު 23 ގައި ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގައި "އަޅުވާފައިވާ ތަޅު އަޅުގަނޑުމެން ހުޅުވާނަން" ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ގއ. ވިލިގިލީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ އެދުވަހަކު ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ވަނަނުދިނުމަށްޓަކައި ސިފައިންނެއް ނުތިއްބަވާނެ ކަމަށެވެ. އަދި ސިފައިންނަށް ޣައިރު ގާނޫނޫ އަމުރުކުރާނެ ވެރިއެއް ވެސް ނުހުންނާނެ ކަމަށެވެ.

"ސިފައިންނަށް ޣައިރުގާނޫނީ އަމުރުކުރާނެ ވެރިއަކު އެދުވަހަކު ރާއްޖޭގެ ވެރިކަމަކު ނުހުންނަވާނެ. އެދުވަހު ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ރައްޔިތުންގެ ގެއަށް. އެއީ ޚުދުމުޚުތާރު އަނިޔާވެރި ވެރިއެއްގެ ދަށުގައި އެތަންއޮތް އޮތުމުން އެތަން މިންޖު ކުރާނަން،" އިބޫ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 12 މެމްބަރަކު ގައުމު އިސްލާހު ކުރުމުގެ މަސައްކަތް ފެއްޓެވުމުން އެބޭފުޅުން ވަނީ އެމަސްއޫލިއްޔަތު އަދާކުރުމުން ދުރުކުރައްވާފައި ކަމަށް ވެސް އިބޫ ވިދާޅުވިއެވެ. އޭގެ ތެރޭގައި ހުވަދުއަތޮޅު ތަމްސީލް ކުރައްވާ ތިންމެންބަރަކު ވެސް ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނޭ ސައުދު ހުސައިން އިސްލާހީ ހަރަކާތާ ގުޅުމުން ގއ.އަށް ނިސްބަތްވާ 38 މީހެއްގެ ވަޒީފާ ވެސް ގެއްލިފައިވާ ކަމަށް އިބޫ ވިދާޅުވިއެވެ. އޭގެ އިތުރަށް ވަޒީފާގައި ތިބި 8 މީހަކު ވަނީ އާއިލާއާ ވަކިކޮށް އެހެން ތަންތަނަށް ބަދަލުކޮށްފައި ކަމަށް ވެސް ވިދާޅުވިއެވެ. "އިރާދަ ކުރެއްވިއްޔާ އެހުރިހާ ބޭފުޅުންނަށް އަޅުގަނޑުމެންގެ ވެރިކަމުގައި އަނބުރާ ވަޒީފާ ލިބިގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.