ރައީސްގެ ނަޝީދުގެ ކަރު ބުރިކޮށްލާނެ ކަމަށް ބުނި މައްސަލަ ބަލަމުންދާކަމަށް ފުލުހުން މިއަދު ބުނެފިއެވެ. މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ބެއްވި ކެންޕޭން ހަރަކާތެއްގައި ޕީޕީއެމްގެ އެކްޓިވިސްޓަކު ވަނީ ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގެންފިނަމަ ކަރު ބުރިކޮށްލާނެ ކަމަށް ބުނެފައެވެ.
ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ހިންގާ މިފަދަ ކަންކަން ފުލހުން ބަލަމުން ނުދާކަމަށް ބުނެ ސޯޝަލް މީޑިއާގައި ވެސް ގިނަބަޔަކު އަޑު އުފުލާފައިވެއެވެ. މިއަދުގެ ޕްރެސް ކޮންފަރެންސްގައި އެކަމާ ގުޅޭ ގޮތުން މީޑިއާ އިން ކުރި ސުވާލަށް ޖަވާބު ދެމުން ފުލުހުންގެ ތަރުޖަމާނު ޝިފާން ވިދާޅުވި ފުލުހުން ބަލަން ޖެހޭ މައްސަލަތައް ބަލަން ޖޭ އުސޫލުން ބަލަމުން ދާ ކަމަށާއި ނޫސްވެރިޔާ ފާހަގަ ކުރި މައްސަލަވެސް ބަލަމުންދާ ކަމަށެވެ. އަދި މީޑިއާ އާއި ހިއްސާކުރަން ޖެހޭ ކަންކަން މީޑިއާ އާއި ހިއްސާ ކުރަމުންގެންދާނެ ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.
މީޑިއާއަށް މައލޫމާތު ދެމުން އިބްރާހިމް މުހައްމަދް ސާލިހް ގެ ތަރުޖަމާނު މާރިޔާ އަހްމަދް ދިދީ މީގެ ކުރިން ވަނީ ހުޅުމާލޭގައި އިބްރާހިމް މުހައްމަދު ސާލިހް އަށް ހަމަލާ ދޭން އުޅުމާއި އަދި ރައީސް ނަޝީދުގެ ކަރު ބުރިކޮށްލާނެ ކަމަށް ޕީޕީއެމް އެކްޓިވިސްތަކު ބުނުމުން އެމައްސަލަތައް ފުލހުން ބަލާފައިނުވާ ކަމަށް ބުނެފައެވެ. އަދި އިދިކޮޅު ކެންޑިޑޭޓުގެ ކެންޕޭން ހަރަކާތަށް އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާ ކަމަށް މަރީޔާ ވަނީ ތުހުމަތު ކުރައްވާފައެވެ.